ޕާކިސްތާނުން ރައީސް މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފި

ރައީސް މުއިއްޒަށް ޕާކިސްތާނުން ރަސްމީކޮށް މަރުހަބާ ދަންނަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ޕާކިސްތާނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރަސްމީކޮށް، އެ ގައުމުން އެ މަނިކުފާނަށް މަރުހަބާ ދަންނަވައިފިއެވެ.

ރައީސަށް މަރުހަބާ ދަންނަވާފައި ވަނީ، ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހެބާޒް ޝަރީފްގެ ގެކޮޅުންނެވެ. މިގޮތުން އެ ގެކޮޅުގައި ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސަށް މަރުހަބާ ދެންނެވުމަށް، ގާޑް އޮފް އޮނާއެއް ވަނީ އަރުވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ އަރިހުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ސަރުކާރުގެ ވަފުދެއް ބައިވެރިވެވަޑައިގަތެވެ.

ރައީސް މުއިއްޒާއި ޕާކިސްތާނުގެ ބޮޑުވަޒީރު ---- ފޮޓޯ/ ރައީސް އޮފީސް

ރައީސް އޮފީހުން ބުނި ގޮތުގައި، މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި މަތީ ފަންތީގެ މަޝްވަރާތައް ކުރެއްވުމަށާއި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން ފަހުމުނާމާތަކެއް ބަދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މާދަމާގެ ނިޔަލަށް ރައީސް ޑރ. މުޢިއްޒު ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ، 2015 ވަނަ އަހަރުގެ މެއި މަހު އޭރުގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް އެ ގައުމަށް ކުރެއްވި ދަތުރުފުޅަށްފަހު، ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި މިއީ 26 ޖުލައި 1966 ގައި ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ތާރީޚީ ދަތުރުފުޅެއް ވެސް މެއެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްދާ މި ދަތުރުފުޅުގައި، އެ ގައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ރައީސް އާސިފް ޢަލީ ޒަރުދާރީއާ ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ދެ ގައުމުގެ ދެމެދުގައި ރަސްމީ ފެންވަރުގެ މަތީ ފަންތީގެ މަޝްވަރާތައް ބޭއްވުމަށް ވެސް ވަނީ އެޖެންޑާ ކުރެވިފައެވެ.

comment ކޮމެންޓް