ރަސްމާލެ މަޝްރޫއު ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައިނުގަތުމުން މުރާޖައާކުރަން ހުށަހަޅަނީ

ގާނޫނީ ވަކީލު ޢަލީ ޙުސައިން: ރަސްމާލެ މަޝްރޫއާ ގުޅޭ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުން މުރާޖައާކުރަން ހުށަހަޅުއްވަން ޢަލީ ވަނީ ނިންމަވައިފައި --- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު ޢަބްދުﷲ

އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލޭން 500 ހެކްޓަރުގެ ބިން ދިނުމަށް ނިންމި ނިންމުން ގާނޫނުއަސާސީއާ ޚިލާފު ކަމަށް ވިދާޅުވެ، އެކަން ހުއްޓުވުމަށް ގާނޫނީ ވަކީލު ޢަލީ ޙުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން އަލުން މުރާޖައާކުރުމަށް ހުށަހަޅަން ނިންމަވައިފިއެވެ.

ޢަލީ ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް މިދިޔަ އަންގާރަ ދުވަހު ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުމުގައިވަނީ އެއީ ފުރަތަމަ މަރުހަލާގައި ސީދާ ސުޕްރީމް ކޯޓަށް ހުށަހެޅޭނެ ބާވަތުގެ މައްސަލައެއް ނޫން ކަމަށެވެ.

ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުން، ފުރަތަމަ މަރުހަލާގައި ސީދާ ސުޕްރީމް ކޯޓަށް ހުށަހެޅޭނީ ގައުމު ދުސްތޫރީ ހުސްކަމަކަށް ގޮސްދާނެ ނުވަތަ ނިޒާމުން ބޭރުވެދާނެ ފަދަ މައްސަލަތަކާއި ގާނޫނުއަސާސީ މާނަކުރުމާ ގުޅޭގޮތުން ދައުލަތުގެ ދެ މުއައްސަސާއެއް ނުވަތަ ދެ ބާރެއްގެ ދެމެދުގައި އުފެދޭ ޚިލާފުތަކުގެ އިތުރުން ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލަތަކެވެ.

https://sun.mv/229006

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ފަށާ ހަރަކާތާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޢަލީ ވިދާޅުވީ، އޭނާ ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުން މުރާޖައާކުރުމަށް ހުށަހަޅަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން ވެފައިވާ ވިޔަފާރި އެއްބަސްވުން ގާނޫނުއަސާސީއާ ޚިލާފުކަމަށް ވިދާޅުވެ ޢަލީ އެ މައްސަލަ ސުޕްރީމް ކޯޓަށް ފުރަތަމަ ހުށަހެޅުއްވީ މިދިޔަ ސެޕްޓެންބަރު މަހުގެ 28ވަނަ ދުވަހެވެ.

https://www.sun.mv/228225

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށްފަހު އަލީ ނެރުއްވި ބަޔާނުގައި ފާހަގަކުރެއްވި މުހިންމު ނުކުތާތަކަކީ:

  • ކުއްޔަކާ ނުލައި ބިން ދިނުން: އެކުއިޒިޝަން ކޮސްޓެއް ނުވަތަ ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް ބިމުގެ މިލްކުވެރިކަމުގެ މަސްލަހަތު އީގަލް ހިލްސްއަށް ލިބޭ ގޮތަށް ދޫކުރުން
  • ގާނޫނުއަސާސީގެ 250 ވަނަ މާއްދާއާ ޚިލާފުވުން: ގާނޫނުއަސާސީގެ 250 ވަނަ މާއްދާގައި ދައުލަތުގެ މުދަލެއް ނުވަތަ ރައުސްމާލެއް ދޫކުރަންވާނީ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށް ބަޔާންކޮށްފައިވާއިރު، ބޭރުގެ ފަރާތަކަށް 99 އަހަރަށް އެއްފަހަރާ ބިން ކުއްޔަށް ދޫކުރުމުގެ ގާނޫނީ އޮނިގަނޑެއް ރާއްޖޭގައި ނެތުން
  • ތިންވަނަ ފަރާތްތަކަށް ހައްގުތައް ދިނުން: ތިންވަނަ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ހައްގުތައް އުފެއްދުމުގެ ބާރު އީގަލް ހިލްސްއަށް ލިބޭ ގޮތަށް އެއްބަސްވުމުގައި ހިމަނާފައިވާ މާއްދާތަކުގެ ސައްހަކަމާމެދު ސުވާލު އުފެއްދެވުން.
  • ވަގުތީ އަމުރަކަށް އެދުން: މައްސަލައިގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަންދެން އެއްބަސްވުމަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެދިވަޑައިގެންފައިވެއެވެ.

ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މަރީނާ" މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ ސެޕްޓެންބަރު މަހެވެ. ވިހި ބިލިއަން ޑޮލަރުގެ މި އިންވެސްޓްމަންޓުގެ ދަށުން ހޮޓާތަކާއި މެރީނާއެއްގެ އިތުރުން ވިޔަފާރިކުރާނެ ތަންތަން ހިމެނޭނެއެވެ. ނަމަވެސް، މި މަޝްރޫއުގެ ތެރެއިން އިސްރާއީލުގެ މީހުންނަށް އެ ސަރަހައްދުން ޕްރޮޕަޓީ ގަނެވިދާނެ ކަމުގެ ކަންބޮޑުވުން ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކާއި އެކްޓިވިސްޓުން އަންނަނީ ފާޅުކުރަމުންނެވެ.

ނަމަވެސް އެފަދަ އެއްވެސް ނުރައްކަލެއް ނޯންނާނެ ކަމަށް ސަރުކާރާއި އީގަލް ހިލްސްއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް