ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުން މަގާމުން ވަކިކޮށް، އެ ބޭފުޅުންގެ މައްޗަށް ޖިނާއީ އެއްވެސް މައްސަލައެއް ނެތް ކަމަށް ފަހުން ނިންމި ނިންމުމަކީ ސިޔާސީ ބޭނުމެއްގައި މަގާމު ގެއްލުވާލުމަށް ކުރި ކަމެއް ކަމަށް އާންމުންގެ ބޮޑު އަޣުލަބިއްޔަތަކުން ބުނެފިއެވެ.
މިކަން ހާމަވެފައިވަނީ ސަން އޮންލައިނުން ކުރިއަށްގެންދިޔަ ޚިޔާލު ހޯދުމުގެ ޕޯލުގެ ނަތީޖާއިންނެވެ.
"ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ވަކިކޮށް، އެ ބޭފުޅުންގެ މައްސަލައެއް ނެތް ކަމަށް ފަހުން ނިންމުން: މަގުސަދަކީ ކޮބާ؟" މި ސުވާލުގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދިޔަ މި ޕޯލްގައި ބައިވެރިވި މީހުންގެ 70.4 އިންސައްތަ މީހުން ވޯޓު ދީފައިވަނީ އެއީ "ސިޔާސީ ބޭނުމަށް މަގާމު ގެއްލުވާލުން" ކަމަށެވެ.
މީގެ އިތުރުން 14.4 އިންސައްތަ މީހުން އެ ފަނޑިޔާރުންނާ މެދު އަމަލުކުރީ ނާއިންސާފުން ކަމަށް ބުނެފައިވާއިރު، ޖޭއެސްސީ އަދި މަޖިލީހުން އަމަލުކުރީ އިންސާފުން ކަމަށް ބުނެފައިވަނީ އެންމެ 15.2 އިންސައްތަ މީހުންނެވެ.
މި ޕޯލް ކުރިއަށްގެންގޮސްފައި މިވަނީ، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްޗަށް އެއްވެސް ޖިނާއީ ކުށެއް ސާބިތުވާން ނެތުމުން، އެ ބޭފުޅުންގެ މައްސަލަ ފުލުހުން ފައިލްކުރުމާ ގުޅިގެންނެވެ.
މައްސަލަ ފައިލްކުރުމާ އެކު، ފަނޑިޔާރު މަހާޒު ވިދާޅުވީ އެ ތުހުމަތުތަކަކީ ވަކި ބޭނުމަކަށް، ނުހައްގުން މަގާމު ގެއްލުވާލަން ބަޔަކު ކުރި ކަމެއްކަން މިހާރު ސާބިތުވެފައިވާ ކަމަށެވެ. އަދި ޑރ. އަޒްމިރާލްދާގެ ގާނޫނީ ޓީމުން ބަޔާންކުރި ގޮތުގައި، މި ނިންމުމުން އެނގެނީ އެ މައްސަލައަކީ ފެށުމުގައި ވެސް އެއްވެސް އަސާސެއް އޮތް މައްސަލައެއް ނޫން ކަމެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުގެ މަސްލަހަތު އޮތް މުހިންމު ދުސްތޫރީ މައްސަލައެއް އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ބަލަމުން ދަނިކޮށް، އޭރު އެ ކޯޓުގެ ބެންޗުގައި ތިއްބެވި އަޒްމިރާލްދާއާއި މަހާޒުގެ އިތުރުން ހުސްނުއްސުއޫދު ކުއްލި ގޮތަކަށް ސަސްޕެންޑް ކުރިއެވެ. ސަސްޕެންޝަނާ ގުޅިގެން ސުއޫދު އިސްތިއުފާ ދެއްވި ނަމަވެސް، މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން އަޒްމިރާލްދާއާއި މަހާޒް ވަނީ މަގާމުން ވަކިކޮށްފައެވެ. އެ ބޭފުޅުން މަގާމުން ވަކިކުރީ ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ކަމަށް ބުނެ ބައިނަލްއަގުވާމީ ޖަމިއްޔާތަކުންނާއި އދ. އިން ވެސް އޭރު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ނަމަވެސް، އެތައް މަހެއް ވަންދެން ސުވާލެއް ވެސް ކުރުމެއް ނެތި ބޭއްވުމަށްފަހު، އެއްވެސް ޖިނާއީ އަމަލެއް ހިނގާފައި ނެތް ކަމަށް ބުނެ މައްސަލަ ފައިލްކުރުމުން، މުޅި މައްސަލައިގެ ހަގީގަތާ މެދު އާންމުންގެ މެދުގައި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. އަދި ޕޯލްގެ ނަތީޖާއިން ވެސް ސާފުވަނީ، ފަނޑިޔާރުން މަގާމުން ދުރުކުރީ އަދުލުއިންސާފު ގާއިމުކުރުމުގެ ބަދަލުގައި، ސިޔާސީ ނުފޫޒާއި ބޭނުމަށް ޓަކައި ކަމަށް ގިނަ ރައްޔިތުން ގަބޫލުކުރާ ކަމެވެ.