ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން، ހުއްދަ ނެތި އަދި ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން ރައްޔިތަކު އަތުލައިގެންފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ބަންދުކޮށްފައި ވަނީ އާމިރު ޙުސައިން އާއި އެމްޑީ މީޒާނުއްރަޙްމާން އަދި ސިރާޒް ޚާން ކަމަށެވެ. އަދި އެމީހުން ހައްޔަރުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، މި ދެ މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށް ފުލުހުން ބުންޏެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ ޚިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާ ބެހޭ މައުލޫމާތު، މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްއާ ހިއްސާކުރަން ބޭނުންނަމަ، ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖުކުރުމަށް ފުލުހުން އެދިފައިވެއެވެ. އަދި މި ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބާ އަދި ވަޓްސްއެޕް ފަދަ މެސެޖިން އެޕްލިކޭޝަންތައް މެދުވެރިކޮށް ވެސް މައުލޫމާތު ހިއްސާކުރެވޭކަން ފާހަގަކޮށް، ފުލުހުން ވަނީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރުއަދާކޮށްފައެވެ.
ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އަންނަނީ ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.