ބަނގުރާ ނެޓްވޯކުން 800 އަށްވުރެ ގިނަ ބަނގުރާ ފުޅިއާއެކު ހައްޔަރުކުރި ބިދޭސީންގެ ބަންދުގެ މުއްދަތު ޖަހައިފި

ބަނގުރާ ވިއްކާ ނެޓްވޯކަކަށް އަމާޒުކޮށް ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ތިން މީހުން -- ފޮޓޯ: ފުލުހުން

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކާ ނެޓްވޯކަކަށް އަމާޒުކޮށް ހެންވޭރު ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކާއެކު ހައްޔަރުކުރި ބަންގްލަދޭޝްގެ ތިން މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފުލުހުންގެ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި މި ހާއްސަ އޮޕަރޭޝަނުގައި ޖުމްލަ 826 ފުޅި ބަނގުރާ ވަނީ އަތުލައިގަނެފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އަލް އަމީން (34އ) އާއި، ޕޮލިން (43އ) ގެ އިތުރުން އެމް.ޑީ. ރަކިބް ހޮސެން (25އ) އެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އަލް އަމީން އަދި ޕޮލިން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އެމް.ޑީ. ރަކިބް ހޮސެންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ.

ކޯޓު އަމުރުގައިވާ ގޮތުން އަލް އަމީންގެ ބަންދަށް ފަސް ދުވަސް ޖަހާފައިވަނީ އޭނާގެ ވަކީލާ ބައްދަލުވެ ވާހަކަދެއްކުމުގެ ފުރުސަތު ލިބިފައި ނުވާ ކަމަށް ވަކީލު ބުނުމާ ގުޅިގެންނެވެ.

މި އޮޕަރޭޝަންގައި އަތުލައިގަތް ބަނގުރާ ފުޅިތައް ހުރީ ސްޓޯ ރޫމެއްގެ އެކި ތަންތަނުގައި ހާމައަށް ބަހައްޓާފައެވެ. މީގެއިތުރުން ބައެއް ފުޅިތައް ފޮށިގަނޑުތަކުގައި ބަންދުކޮށްފައި ހުރިއިރު، އެ ފޮށިތަކުގައި ބަނގުރަލުގެ އެކި ބްރޭންޑްތަކުގެ ނަންތައް ލިޔެފައި ހުއްޓެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި އޮޕަރޭޝަނަކީ މާލޭގައި ގަވާއިދާ ހިލާފަށް ބަނގުރާ ވިއްކައި ފޯރުކޮށްދެމުންދިޔަ ނެޓްވޯކެއް ހުއްޓުވުމަށް ހިންގި އޮޕަރޭޝަނެކެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފަހަކަށް އައިސް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި، މަސްތުވާތަކެތީގެ ނެޓްވޯކްތަކުގައި ބައިވެރިވާ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ދަނީ ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

comment ކޮމެންޓް