ބަލިތަކަށް ފަރުވާލިބޭ ކަމަށް ދައްކައިގެން ރާއްޖޭގައި ތައްޔާރުކޮށް ބާޒާރުގައި ވިއްކަން ހުންނަ ގިނަ އުފެއްދުންތަކަކީ އޭގެ ސިއްހީ ފައިދާ އިލްމީގޮތުން ކަށަވަރުކުރެވިފައިވާ އުފެއްދުންތަކެއް ނޫން ކަމަށް ބުނެ، އެފަދަ އުފެއްދުންތައް ބޭނުންކުރުމުގައި ސަމާލުވުމަށް ކާބޯތަކެއްޗާއި ބޭހާ ބެހޭ އިދާރާ (އެމްއެފްޑީއޭ)އިން އިލްތިމާސްކޮށްފިއެވެ.
އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައިވަނީ ސިއްހީ ފައިދާތައް ލިބޭނެ ކަމަށް ދޭހަވާގޮތަށް ރާއްޖޭގައި އުފައްދައި ވިއްކައި، އަދި އިޝްތިހާރުކުރާ ބައެއް ބާވަތްތަކުގެ ކާބޯތަކެއްޗާ ގުޅުވައި، އެ ތަކެތި ތަހުލީލުކުރާ ލެބޯޓަރީތަކުން ދޫކޮށްފައިވާ ރިޕޯޓުތައް އިޝްތިހާރުތަކުގައި ބޭނުންކުރަމުންދާކަން އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.
ކާބޯތަކެތި އިޝްތިހާރުކުރުމުގައި އެފަދަ ރިޕޯޓުތައް ބޭނުންކުރުން ކާބޯތަކެތި އިޝްތިހާރުކުރުމާ ބެހޭ ގަވައިދުން މަނާކަން އެމްއެފްޑީއޭއިން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން އެފަދަ ކާބޯތަކެތި ބޭނުންކުރުމުން އެކި ބަލިތަކަށް ޝިފާއެއް ލިބޭނެ ކަމަށް ނުވަތަ ހަށިގަނޑަށް ވަކި ޚާއްސަ ބަދަލެއް ގެނެސްދޭނެ ކަމަށް ދޭހަވާ ގޮތަށް އިޝްތިހާރުކުރުން ވެސް އެ ގަވައިދުގެ ދަށުން މަނާކަމަށް އެ އިދާރާގެ ބަޔާނުގައިވެއެވެ.
އެމްއެފްޑީއޭގެ ބަޔާނުގައިވާ ގޮތުން، ބަލިތަކަށް ފަރުވާ ލިބޭކަމަށް ނުވަތަ ހަށިގަނޑަށް އެދެވޭ ބަދަލުތަކެއް ގެނެސްދޭކަމަށް ދައްކައިގެން ތައްޔާރުކޮށް އުފައްދައި، އަދި އިޝްތިހާރުކުރާ ކާބޯތަކެތީގައި ހިމަނާ ސިއްހީ މައުލޫމާތަކީ އިލްމީ ދިރާސާތަކުން ސާބިތުވެފައިވާ ތެދު މައުލޫމާތަށް ވާންޖެހޭނެއެވެ.
ނަމަވެސް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ހުންނަ އެފަދަ ގިނަ އުފެއްދުންތަކަކީ އޭގެ ސިއްޙީ ފައިދާ އިލްމީގޮތުން ކަށަވަރުކުރެވިފައިވާ ތަކެތި ނޫންކަމަށް އެ އިދާރާއަށް ފާހަގަކުރެވިފައިވާ ކަމަށް އެމްއެފްޑީއޭގެ ބަޔާނުގައިވެއެވެ.
އެހެންކަމުން، އެފަދަ އުފެއްދުންތައް ބޭނުންކުރުމުގައި އިތުރަށް ސަމާލުވެ ރައްކާތެރިވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.