ހެލިކޮޕްޓަރުގެ ޚިދުމަތް ފަށާނީ، އިނގިރޭސި ވިލާތުގެ އެސެސްމަންޓުގައި ހުރި އުސޫލުތަކާ އެއްގޮތަށްކަން ޓުއަރިޒަމް މިނިސްޓަރު މުހައްމަދު އަމީން މިރޭ ހާމަކުރައްވައިފިއެވެ.
މި ޚިދުމަތް ފަށަން މިހާތަނަށް މިނިސްޓަރު އެކި ތާރީޚުތައް ދެއްވި ނަމަވެސް، މިހާތަނަށް އެ ކަން ފެށިފައެއް ނުވެއެވެ.
'އަހާ ފޯރަމް'ގައި އާންމުންގެ މީހަކު ވަނީ، ސަރުކާރުން ފެށުމަށް ނިންމި ހެލިކޮޕްޓަރުގެ ޚިދުމަތް ފަށާނީ ކޮން އިރަކުތޯ ސުވާލުކޮށްފައެވެ.
މިނިސްޓަރު އަމީން ވިދާޅުވީ، އެ ކަމަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ. މިގޮތުން، ފަތުރުވެރިކަމާއި އެއާޕޯޓުތައް ނެތް ރަށްރަށުން ބަލި މީހުން އުފުލަން ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމުން ފަސޭހަވާނެ ކަމަށް އަމީން ވިދާޅުވިއެވެ.
ޓުއަރިޒަމް މިނިސްޓަރު އަމީން --- ފޮޓޯ/ ޓްރާންސްޕޯޓު މިނިސްޓްރީރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ހުއްޓިފައި އޮންނަތާ 25 ވަރަކަށް އަހަރުވެފައިވާކަން ފާހަގަކުރައްވަމުން އަމީން ވިދާޅުވީ، އެ ކަމަށް ބޭނުންވަނީ ހަމައެކަނީ އޮޕަރޭޓަރުން އެކަނި ނޫން ކަމަށެވެ.
އެގޮތުން، ސިވިލް އޭވިއޭޝަނާއި ސަލާމަތީ މިންގަނޑަށް ވެސް މީހުން ބޭނުންވާކަން އަމީން ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ޚިދުމަތް ފަށަން މިހާރު ނިންމާފައި އޮތީ، އިނގިރޭސިވިލާތުގެ ޔޫކޭ ސީއޭގެ އެސެސްމަންޓުތަކުގައި ދެއްވާފައި ހުރި ގައިޑްލައިނާ އެކީގައި،" އަމީން ވިދާޅުވިއެވެ.
އެ އުސޫލުތަކަށް ރިއާޔަތްކުރަނީ، ދިމާވެދާނެ ސިއްހީ ހާލަތްތަކުން ރައްކާތެރިވުމަށް ކަމަށާއި އެންމެ ފުރަތަމަ މިކަން ކުރިއަށް ނުދިޔަކަން އަމީން ފާހަގަކުރެއްވިއެވެ. ނަމަވެސް، މިހާރު ޚިދުމަތް ދިނުމަށް ކުރިމަތިލާފައި ތިބި ފަރާތްތަކާއެކު ކުރިއަށްދާ ކަމަށާއި ޚިދުމަތް ފެށުމަށް ކުރަން ޖެހޭ ކަންކަން ކުރިއަށް އޮތް ހަފުތާއެއް ނުވަތަ ދެ ހަފުތާއެއް ތެރޭ ނިންމޭ ހިސާބަށް މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި މަސައްކަތް ނުފެށި ލަސްވަނީ، ދާއިރާގެ ތަޖުރިބާކާރުން ނެތުމުން ކަމަށް ވިދާޅުވެ، މިއީ ވަރަށް ޓެކްނިކަލް ކަމެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ. އަދި، މާ ލަސްތަކެއް ނުވެ، ޚިދުމަތް ފެށޭނެ ކަމަށް ވިދާޅުވިއެވެ.