ރަސްމާލެ މަޝްރޫއަށް 99 އަހަރަށް ބިން ކުއްޔަށް ދިނުމާ ގުޅޭގޮތުން އުފެދިފައިވާ ކަންބޮޑުވުންތަކަށް ރައްދުދެއްވަމުން، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް އިންވެސްޓަރުން އިހުތިރާމުކުރަން ޖެހޭނެ ކަމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު އަލީ އަލްއައްބާރު ވިދާޅުވެއްޖެއެވެ.
ސަން އަށް އިއްޔެ ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އަލްއައްބާރު ވިދާޅުވީ، މަޝްރޫއުތައް ހިންގާ ގައުމެއްގެ ގާނޫނުތަކަށް ޑިވެލޮޕަރުން ތަބާވާން ޖެހޭނެ ކަމަށާއި، އެ ގަވާއިދުތައް ގަބޫލުނުކުރެވޭ ނަމަ މަޝްރޫއުތަކާ ހަވާލުވެގެން ނުވާނެ ކަމަށެވެ.
މި ވާހަކަތައް އައިސްފައިވަނީ، ރަސްމާލެއިން ގާތްގަނޑަކަށް 500 ހެކްޓަރުގެ ބިން 99 އަހަރަށް ޔޫއޭއީގެ ކުންފުންޏަށް ދިނުމަށް ހުށަހަޅާފައިވާ މައްސަލައިގައި އާންމުންގެ މެދުގައި ބޮޑެތި ބަހުސްތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ. މި މަޝްރޫއާ ގުޅިގެން ގައުމީ އިސްތިގުލާލާއި، ބިދޭސީންނަށް ލިބޭނެ ހައްގުތަކުގެ މިންވަރާއި، ގައުމުގެ ދިގު ރާސްތާގެ މަސްލަހަތު ހިމާޔަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.
ޚާއްސަކޮށް، މިފަދަ މުހިންމު ސަރަހައްދެއް ދިގު މުއްދަތަކަށް ދޫކުރުމުން ބިދޭސީ އިންވެސްޓަރުންނަށް އާދަޔާހިލާފު ބާރުތަކެއް ލިބިދާނެ ކަމުގެ ކަންބޮޑުވުން އާންމުންގެ ތެރޭގައި އެބައޮތެވެ. އަދި އިސްރާއީލުގެ މީހުން ރާއްޖޭގައި ވަޒަން ވެރިވެދާނެ ކަމަށް އާއްމުން ދެކެއެވެ. މީގެ އިތުރުން، ބިން ކުއްޔަށް ދިނުމުގެ ގާނޫނީ އޮނިގަނޑާއި، ތަރައްގީކުރާ ސަރަހައްދުގައި ހިމެނޭ ތަންތަން ތިންވަނަ ފަރާތަކަށް ބަދަލުކުރެވޭނެ ޝަރުތުތަކާ މެދު ވެސް ވަނީ ސުވާލު އުފައްދާފައެވެ.
"99 އަހަރުގެ ކުއްޔަށް ދިނުމުގެ ގަވާއިދެއް ނުވަތަ އެހެން ގަވާއިދެއް އޮތް ނަމަވެސް، އެ ގާނޫނަކަށް އިހުތިރާމުކުރަން ޖެހޭނެ،" އަލްއައްބާރު ވިދާޅުވިއެވެ.
އެ ބޭފުޅާ އިތުރަށް ވިދާޅުވި ގޮތުގައި، ގާނޫނުތައް ބަދަލުކުރުމުގެ ބާރު ސަރުކާރުތަކަށް އޮންނާނެ ކަމަށާއި، އިންވެސްޓަރުން އެ ނިންމުންތަކަށް އިހުތިރާމުކުރަން ޖެހޭނެއެވެ.
"އަހަރުތަކަކަށް ފަހު ސަރުކާރުން އެ ގާނޫނު އެހެން ގޮތަކަށް ބަދަލުކޮށްފާނެ. އެއީ މައްސަލައެއް ނޫން، އެއީ އެ މީހުންގެ ގައުމު،" އަލްއައްބާރު ވިދާޅުވިއެވެ.
އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ސަންގެ މެނޭޖިން އެޑިޓަރު އަޙްމަދު ސާއިލު އަލީއަށް އިންޓަވިއޫ ދެއްވަނީ-- ސަން ފޮޓޯއިންވެސްޓްކުރުން އުނދަގޫ ކަމަށް ހީވާ ނަމަ އެތަނަކަށް ނުދިއުމަށާއި، ނަމަވެސް ދާން ބޭނުންވާ ނަމަ އެ ގައުމެއްގައި ވިޔަފާރިކުރާ އުސޫލުތަކަށް އިހުތިރާމުކުރަން ޖެހޭނެ ކަމަށް ވެސް އެ ބޭފުޅާ ފާހަގަކުރެއްވިއެވެ.
ރަސްމާލެ ފަދަ ބޮޑު ސަރަހައްދެއް ތަރައްގީކުރުމުގައި ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތްތޯ ސުވާލުކުރުމުން، ވަކި ޚާއްސަ ސަލާމަތީ ފިޔަވަޅުތަކެއް އަލްއައްބާރު ފާހަގައެއް ނުކުރައްވައެވެ. އޭގެ ބަދަލުގައި އެ ބޭފުޅާ އަލިއަޅުވާލެއްވީ ކުންފުނީގެ އުސޫލުތަކަށެވެ. އެގޮތުން، މުޖުތަމައުން ބޭނުންނުވާ ނަމަ އެފަދަ މަޝްރޫއުތައް ކުރިއަށް ނުގެންދާނެ ކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ.
"އަހަރެމެންގެ އުސޫލަކީ، މިފަދަ މަޝްރޫއަކަށް މުޖުތަމައުގެ ޝައުގުވެރިކަން ނެތް ނަމަ، އެކަމެއް ނުކުރުން،" އަލްއައްބާރު ވިދާޅުވިއެވެ.
އާންމުންގެ ކަންބޮޑުވުންތަކަށް ތެދުވެރިކަމާއެކު ޖަވާބުދާރީވާން ޖެހޭނެ ކަމަށާއި، އެ ކަންބޮޑުވުންތައް ހައްލުކުރެވޭނެތޯ ބަލަންޖެހޭނެ ކަމަށް ވެސް އެ ބޭފުޅާ ފާހަގަކުރެއްވިއެވެ. އަދި އެކަންކަން ހައްލުނުކުރެވޭ ނަމަ، މުޖުތަމައުއަށް އުނދަގޫނުކޮށް މަޝްރޫއު ދޫކޮށްލަން ޖެހޭނެ ކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ.
އީގަލް ހިލްސްއިން އާންމުކޮށް ހިންގަނީ ވަކިވަކި އިމާރާތްތަކުގެ ބަދަލުގައި، މީހުން ދިރިއުޅޭ އިމާރާތްތަކާއި، މަގުތަކާއި، ސްކޫލްތަކާއި، ޕާކުތަކާއި، ހޮޓާތަކުގެ އިތުރުން ވިޔަފާރިކުރާ ތަންތަން ހިމެނޭ ބޮޑެތި މަޝްރޫއުތަކެއް ކަމަށް އަލްއައްބާރު ވިދާޅުވިއެވެ. އެހެންކަމުން، ރަސްމާލެ މަޝްރޫއުގެ ސަބަބުން ލިބިދާނެ އިގުތިސާދީ ފައިދާގެ އިތުރުން، އެ މަޝްރޫއު ހިންގާ ގާނޫނީ އަދި ގަވާއިދުތަކުގެ އޮނިގަނޑަށް ވެސް ވަނީ ސަމާލުކަން ހުއްޓިފައެވެ.
އެއްބަސްވުމުގެ ފުރިހަމަ ތަފްސީލުތައް އަދި އާންމުކޮށްފައި ނުވާއިރު، އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން އަލްއައްބާރު ވިދާޅުވީ ތަފްސީލުތައް އެނގުމަކީ އާންމުންގެ ހައްގެއް ކަމަށެވެ. އެއްބަސްވުންތައް ނިމުމުން ސަރުކާރުން އިތުރު ތަފްސީލުތައް ހާމަކުރާނެ ކަމަށާއި، އޭގެ ޝަރުތުތައް އާންމުންނަށް އެނގެން ޖެހޭނެ ކަމަށް އެ ބޭފުޅާ ގަބޫލުކުރައްވައެވެ.
"މައިގަނޑު އުސޫލުތައް މިހާރުވެސް އޮތީ އިއުލާންކޮށްފައި. އެކަމަކު ސަރުކާރުން ހުރިހާ ތަފްސީލަކާއެކު އަންނާނެ ކަމަށް ގަބޫލުކުރަން، އަދި އެއީ އެ މީހުން އަހަންނަށް ވެފައިވާ ވައުދަކީ،" އަލްއައްބާރު ވިދާޅުވިއެވެ.
އެއްބަސްވުމުގައި ދެ ފަރާތުގެ ހައްގުތައް ހިމާޔަތްކުރެވޭނެ ނިޒާމުތަކެއް ހުންނަން ޖެހޭނެ ކަމަށާއި، ޑިވެލޮޕަރު ވައުދުތައް ނުފުއްދައިފި ނަމަ ސަރުކާރުގެ ހައްގުތައް ވެސް ރައްކާތެރިކުރެވެން ޖެހޭނެ ކަމަށް އެ ބޭފުޅާ ފާހަގަކުރެއްވިއެވެ. އެއްބަސްވުން ވާންޖެހޭނީ އިންސާފުވެރި އަދި ހަމައެކަނި އެއް ފަރާތަކަށް ފައިދާވާ ގޮތަށް އޮންނަ އެއްޗަކަށް ނޫން ކަމަށް ވެސް އެ ބޭފުޅާ ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގެ ފަހުގެ ޝަރުތުތަކާއި، ބިން ކުއްޔަށް ދިނުމުގެ ގާނޫނީ ރައްކާތެރިކަމުގެ އިތުރުން ޑިވެލޮޕަރުގެ ވައުދުތައް ތަންފީޒުކުރާނެ ގޮތުގެ އިންތިޒާމުތަކަކީ، ރާއްޖޭގެ ދިގު ރާސްތާގެ މަސްލަހަތާ ގުޅޭގޮތުން އާންމުންގެ ހުރި ކަންބޮޑުވުންތަކަށް މި މަޝްރޫއުގެ ތެރެއިން ހައްލު ހޯދައިދޭނެ ގޮތް ކަނޑައެޅުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނެ ކަންކަމެވެ.