ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭގޮތަށް ހުޅުމާލޭ ސިންތެޓިކް ޓްރެކް ޕީޔޫ ޓްރެކަކަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ހުޅުމާލޭގައި އޮންނަ ސިންތެޓިކް ޓްރެކް ދުނިޔޭގެ އެތުލެޓިކްސްގެ މައި އިދާރާގެ މިންގަނޑަށް ފެތޭ ގޮތަށް ޕީޔޫ (ޕޮލިއުރެތޭން) ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް މިމަހު ފަށާނެ ކަމަށް ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު ވަނީ، މިދިޔަ މަހު 28ގައި ބޭއްވި "އަހާ ފޯރަމް"ގައި ވިދާޅުވެފައެވެ.
މިނިސްޓަރު ރާފިއު އޭރު ވިދާޅުވީ ހުޅުމާލޭގައި މިހާރު އޮތް ސިންތެޓިކް ޓްރެކަކީ ބައިނަލްއަގްވާމީ ސްޓޭންޑަޑްތަކަށް ހެދިފައިވާ ޓްރެކެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން އެތުލީޓުން ރެކޯޑެއް ހެދިކަމުގައިވިޔަސް ބަލައިނުގަންނަ ކަމަށެވެ. އެގޮތުން، ވޯލްޑް އެތުލެޓިކްސްގެ އުސޫލު އޮންނަ ގޮތުން ރެކޯޑްތައް ގުނަނީ ހަމައެކަނި ވޯލްޑް އެތުލެޓިކްސް އެސޯސިއޭޝަނުން ގަބޫލުކުރާ ފެންވަރުގެ ޓްރެކެއްގައި ހެދުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންވެ. މި މަސައްކަތް މިމަހު ފެށުމަށްފަހު އުއްމީދަކީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް ޓްރެކްގެ މަސައްކަތް މުޅިން ނިންމާލުން ކަމަށް ވެސް ވަޒީރު އޭރު ވަނީ ވިދާޅުވެފައެވެ.
ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ވެރިކަމުގައި ގާއިމުކުރި އެ ޓްރެކު އެތުލީޓުންނާއި އާންމުން ވެސް ކަސްރަތަށް ބޭނުންކުރެއެވެ. ނަމަވެސް، ޓްރެކް ހަލާކުވެ، ދުވާ މީހުންނަށް ތަފާތު އަނިޔާތަކާ ކުރިމަތިލާންޖެހޭ ކަމުގެ ޝަކުވާތައް ވަރަށް ގިނައެވެ.