ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑު ލިބޭނެކަމަށް އުންމީދު ނުކުރާ ކަމަށާއި މި އެވޯޑު ލިބުމުން ވަރަށް އުފާވި ކަމަށް އަހުމަދު އައިހަމް (ފަތޯ) ބުނެފިއެވެ.
އެފްއޭއެމް އެވޯޑްސް ނައިޓް 2026 ގައި ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑު ހޯދުމަށްފަހު "ސަން" އާއި ވާހަކަދައްކަމުން ފަތޯ ބުނީ މިދިޔަ ސީޒަނަށްވުރެ މި ސީޒަނުގެ ފެށުން އަދި ވަކިން ބޮޑަށް ރަނގަޅު ކަމަށެވެ. އެހެންކަމުން އަމާޒަކީ މި ސީޒަނުގައިވެސް ކާމިޔާބީ ހޯދުން ކަމަށްވެސް ބުންޏެވެ.
ފަތޯ އިތުރަށް ބުނީ މިދިޔަ ސީޒަނާ އަޅާބަލާއިރު، މާޒިޔާއާއެކު މި ސީޒަނުގެ ފެށުން ވަރަށް ރަނގަޅު ކަމަށެވެ. އެގޮތުން، ސީޒަން ފެށުމުގެ ގޮތުން އެ ކުލަބާއެކު ޗެރިޓީ ޝީލްޑާއި ކަޕް ވިނާސް ކަޕް ވެސް ކާމިޔާބުކުރެވިފައިވާކަން އޭނާ ފާހަގަކުރިއެވެ. އަދި އަމާޒަކީ މި ސީޒަނުގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދުން ކަމަށް ފަތޯ ބުންޏެވެ.
"މި ސީޒަން ވެސް މިހާރު މީނީ އަލްޙަމްދުލިﷲ ވަރަށް ރަނގަޅަށް ފެށިފައި. މާޒިޔާއާ އެއްކޮށް ޗެރިޓީ ޝީލްޑު ނަގާފައި އަނެއްކާ ކަޕް ވިނާސް ކަޕް ވެސް ނަގާފައި. އޭގެ ވެސް ބެސްޓް ޕްލޭޔާ ނެގިފައި. މިދިޔަ ސީޒަނަށްވުރެ ވެސް ރަނގަޅަށް ކަންނޭނގެ މީނީ ފެށިފައި. އެހެންވީމަ މި ސީޒަނުގައި ވެސް އިރާދަކުރެއްވިއްޔާ ހަމަ ޓާގެޓަކީ ކުލަބަށް ކާމިޔާބީތަކެއް ހޯދައިދިނުން،" ފަތޯ ބުންޏެވެ.
އައިހަމް މި އެވޯޑު ކާމިޔާބުކުރީ ގަދަ ތިނެއްގައި އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އާ ވާދަކޮށްގެންނެވެ. މި ގަދަ ތިނެއްގެ ދެވަނަ، 22 ގޯލު ޖަހައިގެން ރަން ބޫޓު ހާސިލްކުރި ސެންޓޭ ހޯދިއިރު، ތިންވަނައަށް ދިޔައީ ހަމްޕުއެވެ.