ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބޭއްވި އެ އެސޯސިއޭޝަންގެ އެވޯޑް ނައިޓުގައި ހޮވި އަހަރުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ އެވޯޑް މާޒިޔާގެ އަދި ޒުވާން ގައުމީ ޓީމުގެ ކެޕްޓަން މުޙައްމަދު އިލާން ޢިމްރާން ހޯދައިފިއެވެ.
މާޒިޔާ އަދި ޒުވާން ގައުމީ ޓީމުގައިވެސް މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި އިލާން ވަނީ މާޒިޔާއާއެކު ދިވެހި ޕްރިމިއާ ލީގު ގެ އިތުރުން ޗެރިޓީ ޝީލްޑުވެސް ކާމިޔާބުކޮށްފައެވެ. އަދި، މާޒިޔާއިން މިދިޔަ އަހަރު ލީގު ކާމިޔާބުކުރުމުގައި އިލާންގެ ދައުރު ބޮޑުކަން ފާހަގަކުރެވެއެވެ.
އިލާން އަންނަނީ މިފަހުން ސީނިއާ ގައުމީ ޓީމުން ބަރާބަރަށް ޖާގަ ހޯދުމާއެކު، ފުރަތަމަ 11 އިންވެސް ޖާގަ ހޯދަމުންނެވެ.
އިލާން މި އެވޯޑް ކާމިޔާބުކޮށްފައިވަނީ އޮޑި ސްޕޯޓްސް ކުލަބުގެ ޢަބްދުﷲ ލޫޠު އިބްރާހީމް، އަހުޒަމް ރަޝީދު، މުޒްދާން ހަސަން އަދި ވެލެންސިއާގެ އީތަން އިބްރާހީމް ޒަކީއާ ވާދަކޮށެވެ.
އޭގެ ތެރެއިން އޮޑީގެ ލޫޠު، އަހުޒަމް އަދި މުޒްދާން ވަނީ މިދިޔަ އަހަރު ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފައެވެ. އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އޮޑީގެ އަހުޒަމްއެވެ.
އިލާން، މާޒިޔާއާ ގުޅުނީ މީގެ ދެ އަހަރު ކުރިންނެވެ. މާޒިޔާއާއެކު މިދިޔަ ދުވަސްތަކުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައި، މުހިންމު ގިނަ ގޯލުތަކެއް ޖަހައިދީފައެވެ. އެގޮތުން މި ސީޒަނުގައި މާޒިޔާއިން ޗެރިޓީ ޝީލްޑް ކާމިޔާބުކުރި މެޗާއި ކަޕް ވިނާސް ކަޕް ކާމިޔާބުކުރިއިރު އިލާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.