އަންހެނުންގެ ބޭންކް އެކައުންޓުން އޭނާއަށް ނޭނގި، ވަގަށް 8,150 ރުފިޔާ ނެގި މައްސަލައެއްގައި ތ. ތިމަރަފުށީ މީހަކު ހަތް މަހާއި ތިން ދުވަހަށް ޖަލަށް ލުމަށް ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ދައުލަތުން ތިމަރަފުށީ މީހާގެ މައްޗަށް އުފުލާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 211 ވަނަ މާއްދާގެ ދަށުން، ވައްކަންކުރުމުގެ ކުށުގެ ދައުވާއެވެ. ދައުލަތުން ބުނެފައިވަނީ އޭނާ ވަނީ އޭނާގެ އަންހެނުންގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކައުންޓުން އެކި ފަހަރު މަތިން ވަގަށް ފައިސާ ނަގާފައިކަމަށެވެ.
މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމާއި އަވަސް ނިޔާގެ އަޑުއެހުމުގައި ވެސް ތިމަރަފުށީ މީހާ ވަނީ ދައުވާއަށް އިއުތިރާފުވެފައެވެ. އަދި އޭނާ އެ ފައިސާ ނަގާފައިވަނީ އެއްވެސް ފަރާތެއްގެ މަޖުބޫރުކަމެއް ނެތި އަމިއްލަ އިޚްތިޔާރުގައި ކަމަށް ކޯޓުގައި ބުނެފައިވެއެވެ.
އަދަބާ ބެހޭގޮތުން ވާހަކަދައްކަމުން އޭނާ ވަނީ، އޭނާއަކީ ބަލި މަންމައަކާއި ކުޑަކުއްޖަކު ބަލަހައްޓަމުންދާ މީހެއް ކަމަށާއި، އަންހެނުން ވަޒީފާއަށް ދިއުމުން ދަރިފުޅު ބަލަނީ އޭނާ ކަމަށް ބުނެފައެވެ. އަދި ޖަލަށް ދާން ޖެހިއްޖެނަމަ އާއިލާއަށް ދަތިތަކާ ކުރިމަތިލާންޖެހޭނެތީ، ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާގެ އަދަބެއް ކަނޑައަޅައިދިނުމަށް އޭނާ ވަނީ އެދިފައެވެ.
ނަމަވެސް، ކޯޓުން ނިންމެވީ އޭނާއަކީ ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީއެއް ލިބޭ މަސައްކަތެއް ކުރާ މީހަކަށް ނުވާތީއާއި، ސުޕްރީމް ކޯޓުގެ އަދަބު ކަނޑައެޅުމުގެ އުސޫލުގެ ދަށުން ޖޫރިމަނާއަށް އަދަބު ބަދަލުކުރުމުގެ ޝަރުތުތައް ފުރިހަމަނުވާތީ، ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްދެވެން ނެތް ކަމަށެވެ.
ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ މި ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ނަމަވެސް، އޭނާ ކުށަށް އިއުތިރާފުވުމުން އަދަބުގެ މިންވަރުން އެއް ދަރަޖަ ވަނީ ދަށްކޮށްފައެވެ.
އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު، ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުޙައްމަދު އީމާން މިދިޔަ ހަފުތާގައި ކުރެއްވި ހުކުމުގައި ވަނީ އޭނާ ހަތް މަހާއި ތިން ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށެވެ.