އަމިއްލަ އާއިލާއަށް ބިރު ދެއްކުމުގެ ތުހުމަތުކުރުމުން ބުނީ، އެއީ ގޭމެއް ކުޅެނިކޮށް ދިމާވި ބަޔަކު ކުރި ކަމެއް ކަމަށް

މީހަކު އޮށޯވެގެން: އަމިއްލަ އާއިލާއަށް ބިރު ދެއްކުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ވަނީ އެކަން ނުކުރާ ކަމަށް ކޯޓުގައި ބުނެފައި -- ސަން ފައިލް ފޮޓޯ/މުހައްމަދު ހައްޔާން

އަމިއްލަ އާއިލައަށް ބިރު ދެއްކުމުގެ ތުހުމަތުވާ މީހަކު އޭނާ އެކަން ނުކުރާ ކަމަށާއި، އާއިލާއަށް ބިރު ދެއްކީ ގޭމެއް ކުޅުމުގެ ތެރެއިން އޭނާއާ ދިމާވި ބަޔަކު ކަމަށް ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށްޓަށް ނިސްބަތްވާ އުމުރުން 44 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ބިރުދެއްކުމާއި ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ އިތުރުން ފޭރުމުގެ ތުހުމަތުގައެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނެރެފައިވާ އަމުރުގައި ވަނީ، އޭނާގެ އާއިލާ މީހުންނަށް ވަޅިން ބިރުދައްކައި، ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައިގައި އޭނާގެ ބައިވެރިވުން އޮތްކަމަށް ބެލެވޭ ކަމަށް ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ވިދާޅުވި ކަމަށެވެ. އެގޮތުން ހާދިސާގެ ކުރިން އެ އަމަލުތައް ހިންގި މީހުންނާއެކު އޭނާ ހަރަކާތްތެރިވި ކަމަށާއި އެ ގެއަށް ވެސް އޭނާއާއެކު އޭނާއާއެކު ދިޔަކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، އެ މީހާ ހައްޔަރުކުރުމާ ހަމައަށް އޭނާ އެނބުރި ގެއަށް ގޮސްފައިނުވާ ކަމަށާއި އޭނާ ހައްޔަރުކުރީ، އެ އަމަލު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި މީހަކު ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަނެއްގެ ތެރެއިން، އެ މީހާއާއެކު ހުއްޓައި ކަމަށް އިންވެސްޓިގޭޝަން އޮފިސަރު ވިދާޅުވިއެވެ.

އެ މައްސަލައިގައި އޭނާ ވަނީ، އެކަން ކުރި މީހުންނާ އޭނާއާ ދިމާވީ ގޭމެއް ކުޅުމުގެ ތެރެއިން ކަމަށާއި، އެ މީހުން އާއިލާއަށް ބިރު ދެއްކީ އޭނާ ހިފެހެއްޓުމަށް ފަހު ނުދެވޭ ގޮތް ހަދައި، އޭނާގެ ތަޅުދަނޑި ހިފައިގެން ގޮސް ކަމަށް ބުނެފައެވެ. އަދި ކޯޓުގައި އެ މީހާ ވަނީ، އެ ކުށާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފައެވެ.

https://sun.mv/228805

އެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައި، އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 25ވާ ހޮނިހިރު ދުވަހަށެވެ.

ދާދި ފަހުން، ދެކުނުގެ ރަށެއްގައި ދިވެއްސަކު، އޭނާގެ އެއްބަނޑު އެއްބަފާ މީހަކަށް ހަމަލާދީ އަނިޔާކުރި މައްސަލައެއްގައި އެއް މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ.

comment ކޮމެންޓް