ޕޯޗުގަލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޭމްޕު ދޫކޮށް ދިއުމާ ގުޅިގެން، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން (އެފްޕީއެފް) އިން ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީ ގޮތުން ސަސްޕެންޑްކޮށް، އޭނާއަށް އަދަބު ދިނުމުގެ މަޝްވަރާތައް ފަށައިފިއެވެ.
އެފްޕީއެފްގެ އަހްލާގީ ކޮމިޓީން މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ކުރިއަށްގެންދާއިރު، ތަހުގީގު ނިމެންދެން މައްސަލައިގެ ތަފްސީލު ސިއްރުކުރުމަށް ވަނީ ނިންމައިފައެވެ.
މި މައްސަލަ ބަލަން ނިންމީ ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކުގައި ޕޯޗުގަލްގެ ހެޑް ކޯޗު ޖޯޖް ޖީސަސްއާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކަށްފަހު އެވެ. ވޭލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ކުޅުނު ނަމަވެސް، ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގައި 30 މިނެޓު ވަރު ވާމްއަޕް ކުރަން އުޅުމަށްފަހުވެސް ކުޅެން އަރުވާފައެއް ނުވެއެވެ.
ކުޅޭނެ ވަގުތާ މެދު ކޯޗު ދެއްކި ވާހަކަތައް ދިމާނުވާ ކަމަށް ބުނެ ރޮނާލްޑޯ ވަނީ ޑެންމާކާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ގައުމީ ކޭމްޕު ދޫކޮށް ގޮސްފައެވެ.
އެފްޕީއެފްގެ އަހްލާގީ ގަވާއިދުގެ 160 ވަނަ މާއްދާގެ ދަށުން، މަގުބޫލު ސަބަބެއް ނެތި ގައުމީ ޓީމުގެ ހަރަކާތްތަކުން ވަކިވުމުން 1 މަސް ދުވަހާއި 6 މަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ސަސްޕެންޑްކުރުމުގެ ފުރުސަތު އޮވެއެވެ.
ސަސްޕެންޝަނުގެ މުއްދަތު އެއް މަހަށްވުރެ ދިގުވެއްޖެނަމަ، ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުގައި ރޮނާލްޑޯއަށް ނުކުޅެވޭނެއެވެ.
މި މައްސަލައިގައި ރޮނާލްޑޯ ވަނީ ސޯޝަލް މީޑިއާގައި ބަޔާނެއް ނެރެ، ކޭމްޕު ދޫކޮށް ދިއުމުން ކުޅުންތެރިންނާއި ސަޕޯޓަރުންގެ ކިބައިން މާފަށް އެދިފައެވެ.
ކޯޗާ މެދު އިތުބާރު ގެއްލުނު ކަމަށް ބުނި ނަމަވެސް، ގަވާއިދުތަކަކީ އެންމެންނަށްވެސް އެއްގޮތަކަށް ހިންގަންޖެހޭ އެއްޗެއްކަން ގަބޫލުކުރާ ކަމަށާއި، އަދަބު ތަންފީޒުކުރުމަށްފަހު އަލުން ގައުމީ ޓީމަށް ކުޅެން ތައްޔާރަށް ހުރި ކަމަށް އޭނާ ބުންޏެވެ.