ސައުދީ ޕްރޯ ލީގުގައި ރޭ ދިރިއްޔާ ކުލަބާ ދެކޮޅަށް ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ލަނޑާއެކު، ސައުދީ ލީގުގެ ތާރީޚުގައި އަލް ނަސްރަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑު ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލާފައެވެ.
ބައިނަލްއަޤްވާމީ ބްރޭކަށްފަހު ރޮނާލްޑޯ އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުން އަލް ނަސްރު 3-0 ގެ ނަތީޖާއަކުން މޮޅުވިއިރު، އުމުރުން 41 އަހަރުގެ ރޮނާލްޑޯ މި ލަނޑު ކާމިޔާބުކުރީ މެޗުގެ 23 ވަނަ މިނެޓުގައެވެ.
މިއީ މި ސީޒަނުގެ ސައުދީ ލީގުގައި ރޮނާލްޑޯ ކާމިޔާބުކުރި 4 ވަނަ ލަނޑަށް ވާއިރު، މި ކާމިޔާބީއާއެކު ލީގުގެ ރޭހުގައި އަލް ނަސްރަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ.
މި މެޗުގައި ފެނިގެންދިޔަ ލަނޑަކީ ރޮނާލްޑޯ ސައުދީ ޕްރޯ ލީގުގައި ކާމިޔާބުކުރި 106 ވަނަ ލަނޑެވެ. މި ތާރީޚީ ލަނޑާއެކު އޭނާ ވަނީ 103 ލަނޑާއެކު ކުރިން އަލް ނަސްރުގެ ލީގު ރެކޯޑު އޮތް މުޙައްމަދު އަލް ސަހްލާވީ ފަހަތަށް ޖައްސާލާފައެވެ.
އަލް ސަހްލާވީ އެ ކުލަބަށް 103 ލަނޑު ޖަހައިދިނުމަށް ގިނަ އަހަރުތަކެއް ވަންދެން ގިނަ މެޗުތަކެއް ކުޅެފައިވާއިރު، ރޮނާލްޑޯ މި ބޮޑު ރެކޯޑު މުގުރާލީ އެންމެ 114 ލީގު މެޗުންނެވެ.
ސޯޝަލް މީޑިއާގެ ބައެއް ރިޕޯޓުތަކުގައި ރޮނާލްޑޯ މިހާރު ލީގުގެ އޯލް-ޓައިމް ޓޮޕް ސްކޯރާގެ 4 ވަނައަށް އެރިކަމަށް ބުނަމުންދިޔަ ނަމަވެސް، ލީގުގެ ރަސްމީ ހިސާބުތަކަށް ބަލާއިރު އޭނާ މިހާރު އުޅެނީ ލިސްޓުގެ 6 ވަނައިގައެވެ. ސައުދީ ލީގުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖަހާފައިވަނީ 162 ލަނޑާއެކު އޮތް ޢުމަރު އަލް ސޯމާ އެވެ.
ދެވަނައިގައި 161 ލަނޑާއެކު ނާސިރު އަލް ޝަމްރާނީ އޮތްއިރު، ތިންވަނައިގައި އޮތީ 158 ލަނޑު ޖަހާފައިވާ ޢަބްދުއްރައްޒާޤް ހަމްދުﷲ އެވެ. ރޮނާލްޑޯގެ ކުރިއަށް ދެން އޮތީ 110 ލަނޑު ހަމަކޮށްގެން 4 ވަނަ އަދި 5 ވަނައިގައި ތިބި ޔާސިރު އަލް ޤަޙްޠާނީ އާއި މުޙައްމަދު އަލް ސަހްލާވީ އެވެ. ރޮނާލްޑޯ މިހާރު ހުރި ފޯމަށް ބަލާއިރު، ވަރަށް އަވަހަށް އޭނާ ލިސްޓުގެ 4 ވަނައަށް ޖެހިލާނެ ކަމަށް ބެލެވެއެވެ.
ރޭގެ މެޗުގައި ޖެހި ލަނޑަކީ ރޮނާލްޑޯގެ މުޅި ފުޓްބޯޅަ ކެރިއަރުގައި ކުލަބާއި ޤައުމީ ޓީމަށް ޖަހައިދިން 980 ވަނަ ރަސްމީ ލަނޑެވެ. މިއާއެކު، ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޚުގައިވެސް ފެނިގެންދާނެ އެންމެ އާދަޔާޚިލާފު އެއް މައިލްސްޓޯން ކަމަށްވާ 1,000 ރަސްމީ ލަނޑު ހަމަކުރުމުގެ ތާރީޚީ ރެކޯޑާ ރޮނާލްޑޯ މިހާރު ވަނީ ވަރަށް ގާތަށް ޖެހިލާފައެވެ.
މި ބޮޑު ޝަރަފު ހޯދުމަށް އޭނާއަށް މިހާރު ބޭނުންވަނީ އެންމެ 20 ލަނޑެވެ. އުމުރުން ކިތަންމެ ދުވަހެއްވިޔަސް، ރޮނާލްޑޯ ދަނީ ދުނިޔޭގެ އެންމެ މަތީ ފަންތީގައި ލަނޑު ޖެހުމުގެ ރެކޯޑުތައް އާކުރަމުންނެވެ.