އިންޑިއާގެ އިންތިޚާބީ ކޮމިޝަނާ ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން ބޮލީވުޑްގެ އެކްޓަރު އިމްރާން ޚާން ހައްޔަރުކޮށްފި

އިންޑިއާގެ ކުރީގެ އެކްޓަރު އިމްރާން ޚާން--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ބޮލީވުޑްގެ އެކްޓަރު އާމިރު ޚާންއަށް ބޮޑު ބޭބެ ކިޔާ ކުރީގެ މަޝްހޫރު ފިލްމީ ތަރި އިމްރާން ޚާން، އިންޑިއާގެ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް މުމްބާއީގައި ކުރިއަށްދިޔަ މުޒާހަރާއެއްގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އޮގަސްޓް ކްރާންތީ މައިދާނުގައި 400 އަށްވުރެ ގިނަ މީހުންނާއެކު ކުރިއަށްދިޔަ މި މުޒާހަރާގެ ތެރެއިން، އުމުރުން 43 އަހަރުގެ އިމްރާން ޚާންގެ އިތުރުން އޭނާގެ ބައިވެރިޔާ ލޭޚާ ވޮޝިންގްޓަން ވެސް ވަނީ ހައްޔަރުކޮށްފައެވެ. އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރު ޣިޔާނޭޝް ކުމާރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ)އިން އިންތިޒާމުކުރި މި އެއްވުމުގައި އިމްރާން ބައިވެރިވެފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، މުޒާހަރާގެ އެހެން ބައިވެރިންނެކޭ އެއްފަދައިން އިމްރާން ވެސް ވަނީ ގަދަކަމުން ފުލުހުންގެ ވެހިކަލަށް އަރުވާފައެވެ. އެހެންނަމަވެސް، ފުލުހުންގެ ވެހިކަލްގައި އިނދެ ނެގި ސެލްފީއަކާއެކު އޭނާ ވަނީ ސޯޝަލް މީޑިއާގައި މަޖާޒީ ގޮތަކަށް ޕޯސްޓެއް ހިއްސާކޮށްފައެވެ. ފިލްމު "ދިއްލީ ބެލީ"ގެ ތަރި އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ބުނީ، އޭނާ އެ ދަނީ ކާރު ބުރެއް ޖަހާލުމަށް 'ލޯންގް ޑްރައިވް'އަކަށް ކަމަށެވެ.

މި މުޒާހަރާގައި ބައިވެރިވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން އިމްރާން ބުނީ، އޭނާ މުޒާހަރާއަށް ނުކުތީ ވަކި އެދުންތަކެއް އޮވެގެން ނޫން ކަމަށާއި، އާންމު ރައްޔިތެއްގެ ހައިސިއްޔަތުން ކަމަށެވެ.

އިމްރާން ޚާން އޭނާގެ ލޯބިވެރިޔާ ލޭޚާ ވޮޝިންގްޓަން އަދި އިމްރާންގެ ދެބެންގެދެދަރި ކޮއްކޮ ޒޭން މާރީއާ އެކު ފުލުހުންގެ ވެހިކަލްތެރޭ ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައި--ފޮޓޯ/އެކްސް

"އަހަރެން މިތަނަށް މިއައީ މި ޤައުމުގެ، މި ސިޓީގެ ރައްޔިތެއްގެ ގޮތުން. ރައްޔިތުންގެ މިނިވަންކަމަށް ހުރަސްއެޅި، މީހުންގެ އަޑު ކަނޑުވާލަން މަސައްކަތްކުރާ ސަބަބު ދެނެގަތުމަށް. އަހަންނަކީ ވަކި ޖަމާޢަތަކަށް ނިސްބަތްވާ މީހެއް ނޫން، އަދި ވަކި ކަންތައްތަކަކަށް ޑިމާންޑްކުރުމުގެ ހައިސިއްޔަތެއް ވެސް ނެތް. އަހަރެން ތަމްސީލުކުރަނީ ހަމައެކަނި އާންމު ރައްޔިތުން،" އިމްރާން ބުނެފައިވެއެވެ.

މި އެއްވުމުގައި އިމްރާންއާއެކު ބައިވެރިވި އޭނާގެ ދެބެންގެދެދަރި ކޮއްކޮ ޒޭން މާރީ ވެސް ވަނީ ފުލުހުންގެ ވެހިކަލް ތެރޭގައި ހުރެ ވީޑިއޯއެއް އާންމުކޮށްފައެވެ. އެ ވީޑިއޯގައި އޭނާ ވަނީ، އިމްރާންގެ ފުރަތަމަ ފިލްމު ކަމަށްވާ "ޖާނޭ ތޫ ޔާ ޖާނޭ ނާ"ގެ މަންޒަރުތައް ހަނދާންވާ ފަދަ ގޮތަކަށް އެ ހާލަތު ސިފަކޮށްފައެވެ.

އިންޑިއާގެ އިލެކްޝަން ކޮމިޝަނަށް ފާޑުކިޔުންތައް އަމާޒުވެފައިވާ މި ދަނޑިވަޅުގައި، ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އަޑުއުފުލުންތައް ވަނީ އިތުރުވެފައެވެ. އެގޮތުން، މިއަދުގެ ހެނދުނު ދިއްލީގެ ޖަންތަރު މަންތަރުގައި ބޭއްވި މިފަދަ އެހެން އިހުތިޖާޖެއްގައި ބައިވެރިވުމަށް ދިޔަ މަޝްހޫރު ޔޫޓިއުބަރު ދުރުވް ރާތީ އާއި، ސީޖޭޕީގެ އިސް މެންބަރުން ކަމަށްވާ އަބީޖީތު ދިޕްކޭ، ސޯރަވް ދާސް އަދި އަޝުތޯޝް ރަންކާ ވެސް ވަނީ ދިއްލީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިންޑިއާގެ ޒުވާނުން ނުވަތަ 'ޖެން ޒީ'ން އުފެއްދި ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ)އިން އިންތިޒާމުކުރި މި މުޒާހަރާއަކީ އިންޑިއާގެ ވޯޓުލާ މީހުންގެ ލިސްޓު މުރާޖައާކުރުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިއަށްގެންދާ ސްޕެޝަލް އިންޓެންސިވް ރިވިޝަން (އެސްއައިއާރު)ގެ ތެރެއިން، ބައެއް މީހުންނަށް ވޯޓު ނުލެވޭ ގޮތް ހެދި ކަމަށް ބުނެ ތުހުމަތުތައް އަމާޒުވުމާ ގުޅިގެން އިންތިޒާމު ކުރި މުޒާހަރާތަކެކެވެ.

comment ކޮމެންޓް