ބޮލީވުޑްގެ މަޝްހޫރު ފިލްމު އުފައްދާ ކުންފުނި 'މެޑޮކް ފިލްމްސް'ގެ ހޯރޯ-ކޮމެޑީ ޔުނިވާސްގެ އާ ފިލްމު 'ޝަކްތީ ޝާލިނީ' އަކީ ވަކިވެދިޔަ ތަޖުރިބާކާރު އެކްޓަރު ނާނާ ޕާޓޭކަރުގެ އެންމެ ފަހު ފިލްމަށް ވެދާނެ ކަމަށް ކުރިން ދުވަހަކު ވެސް އުންމީދު ނުކުރާ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު އަދިތްޔާ ސަރްޕޯތުދާރު ބުނެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ނާނާ ޕާޓޭކަރު ކުއްލި ގޮތަކަށް މަރުވުމާ ގުޅިގެން އަދިތްޔާ ބުނީ، މި ފިލްމު ވެގެންދާނީ އިންޑިއާގެ ސިނަމާއަށް ނުހަނު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ފަންނާނަށް އަރުވާ އެންމެ ފުރިހަމަ ޝަރަފާއި އިޙްތިރާމަށް ކަމަށެވެ. މެޑޮކް ޔުނިވާސްއަށް އަލަށް އިތުރުވާ މި ފިލްމުން ނާނާ ޕާޓޭކަރުގެ އިތުރުން ފިލްމު 'ސައިޔާރާ'އިން މަގުބޫލުކަން ހޯދި އުންމީދީ ބަތަލާ އަނީތު ޕައްޑާވެސް ފެނިގެންދާނެއެވެ.
ޕީޓީއައިއަށް ދިން އިންޓަވިއުއެއްގައި އަދިތްޔާ ހާމަކުރި ގޮތުގައި، މި އަހަރުގެ މޭ މަހުގެ ތެރޭގައި ފިލްމުގެ ޝޫޓިންގް ނާނާ ޕާޓޭކަރު ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި މަރުވުމުގެ ދިހަވަރަކަށް ދުވަސް ކުރިންވެސް، ފިލްމުގެ ޕޯސްޓް-ޕްރޮޑަކްޝަން މަރުޙަލާ ކުރިއަށްދާ ގޮތް އޮޅުންފިލުވައި، ފިލްމު ބަލައިލުމަށް އޭނާ ނުހަނު ޝައުގުވެރިކަމާއެކު އިންތިޒާރުކުރަމުން ދިޔަކަން ޑައިރެކްޓަރު ފާހަގަކުރިއެވެ.
ޖަރުމަނުގެ ބާލިންގައި ހުރެ ފޯނުން ވާހަކަދައްކަމުން، 'މުންޖްޔާ' ފިލްމުގެ ޑައިރެކްޓަރު އަދި ނާނާ ޕާޓޭކަރުގެ އާއިލީ ގާތް ރަޙުމަތްތެރިއެއް ކަމަށްވާ އަދިތްޔާ ބުނީ، މިއީ އޭނާގެ ފަހު ފިލްމަށް ވެދާނެ ކަމަށް ދުވަހަކުވެސް ހިތަށް ނާރާ ކަމަށާއި، މި ކުއްލި ވަކިވުމުގެ ފުން ހިތާމައިން އަދިވެސް އަރައިނުގަނެވޭ ކަމަށެވެ.
ފިލްމު "ޝަކްތީ ޝާލިނީ"ގެ މަސައްކަތް ފެށުނީ ޕޫނޭގައި ހުންނަ ނާނާ ޕާޓޭކަރުގެ ފާމްހައުސްގައި ބޭއްވި ބައްދަލުވުމަކުންނެވެ. ފިލްމުގެ ވާހަކަ އާއި، އޭނާގެ ރޯލުގެ އިތުރުން އަނީތުގެ ކެރެކްޓާ އަދި ފިލްމުގައި އަލިއަޅުވާލާ މައުޟޫޢުތައް ކަމުދިއުމުން، ވަގުތުން އެ ފިލްމު ކުޅުމަށް ނާނާ އެއްބަސްވި ކަމަށް އަދިތްޔާ ބުނެފައިވެއެވެ.
ފިލްމު "ޝަކްތީ ޝާލިނީ"ގެ ބަތަލާ އަނީތު ޕައްޑާ އަދި އެކްޓަރު ނާނާ ޕަޓޭކަރު--ފޮޓޯ/އިންޑިއާޓުޑޭފިލްމުތައް ބެލުމުގައި ފުން ނަޒަރެއް ގެންގުޅުނު ނާނާ ޕާޓޭކަރަކީ، މެޑޮކް ފިލްމްސްގެ 'ސްތުރީ' އާއި 'މުންޖްޔާ' ފަދަ ހޯރޯ-ކޮމެޑީ އުފެއްދުންތަކަށް ނުހަނު ތައުރީފުކުރި ފަންނާނެކެވެ. އަދިތްޔާ ސިފަކުރި ގޮތުގައި، ނާނާ ޕާޓޭކަރަކީ އާދަޔާޚިލާފު މޮޅު ހުނަރެއް ލިބިފައިވުމުގެ އިތުރުން، އާ ކަންކަން ދަސްކުރުމުގައި ކުޑަކުއްޖެއް ފަދަ ޝައުގުވެރިކަމެއް އަބަދުވެސް ބެހެއްޓި ފަންނާނެކެވެ. ޚާއްޞަކޮށް ވިޝުއަލް އިފެކްޓްސް (ވީއެފްއެކްސް) ފަދަ ސިނަމާގެ ޒަމާނީ ވަސީލަތްތަކާއި، ޒުވާން އެކްޓަރުންނާއި ޓެކްނީޝަނުންގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އޮޅުންފިލުވުމަށް އޭނާ އަބަދުވެސް ޝައުގުވެރިވިއެވެ.
މީގެއިތުރުން، ނާނާ ޕާޓޭކަރުގެ ހަރުކަށި މިޒާޖަށް އަލިއަޅުވާލަމުން އަދިތްޔާ ބުނީ، ސެޓުތެރޭގައި ބައެއް ފަހަރު އޭނާ ރުޅިގަދަވި ނަމަވެސް، އެއީ މަސައްކަތް އެންމެ ފުރިހަމައަށް ނިންމުމުގެ ނިޔަތުގައި ކުރާ ކަމެއްކަން އެނގޭތީ ދުވަހަކުވެސް އެކަމާ ހިތްބުރަ ނުކުރާ ކަމަށެވެ.
"ޝަކްތީ ޝާލިނީ" ފިލްމުގެ މަސައްކަތުގެ ތެރެއިން ނާނާ ޕާޓޭކަރާއެކު ހޭދަކުރެވުނު ދުވަސްތަކުގެ ހަނދާންތައް އާކުރަމުން، ބަތަލާ އަނީތު ވަނީ އޭނާއާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން އެކަމާ މެދު އުފާކުރާ މިންވަރު ހާމަކޮށްފައެވެ. އަނީތު ހާމަކުރި ގޮތުގައި ނާނާ ޕާޓޭކަރާ އެންމެ ފުރަތަމަ ބައްދަލުވި ދުވަހު، އޭނާއަށް މާ ގިނަ ވާހަކަތަކެއް ދެއްކޭ ގޮތެއް ނުވިއެވެ. އެ ވަގުތު އޭނާއަށް ކުރެވުނު އިހުސާސަކީ އެފަދަ ބޮޑު ޝަޚުސިއްޔަތެއްގެ ހައިބަތާއި ހުނަރުގެ ތެރެއަށް ގެއްލިގެން ދިއުން ކަމަށް އޭނާ އަނީތު ބުނެފައިވެއެވެ. ފިލްމީ ދާއިރާއާ އަލަށް ގުޅުނު ދުވަސްވަރާ ދިމާކޮށް ނާނާ ޕާޓޭކަރު ފަދަ ތަޖުރިބާކާރު ފަންނާނަކާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ ހަޔާތުގައި ލިބުނު އެންމެ ބޮޑު އެއް ފިލާވަޅު ކަމަށް އަނީތު ވަނީ ބުނެފައެވެ.
ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސްއިން ގެނެސްދޭ "ޝަކްތީ ޝާލިނީ" ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ މާޗު މަހުގައެވެ. މީގެއިތުރުންވެސް، ނާނާ ޕާޓޭކަރު މަސައްކަތްކޮށްފައިވާ މުހިންމު ދެ ފިލްމެއް ކުރިއަށް އޮތް ތަނުގައި ރިލީޒްވާނެއެވެ. އެއީ މި އަހަރުގެ ޑިސެމްބަރު މަހު ނެރުމަށް ތާވަލުކޮށްފައިވާ، ޝްރައްދާ ކަޕޫރާއެކު ކުޅެފައިވާ ފިލްމު "އީތާ" އަދި ޑައިރެކްޓަރު އަނަންތު މަހާދޭވަންގެ "ދަ ކޮންފެޝަން އޮފް މޭރީ"އެވެ.