އެކްޓިން ހުނަރުތައް ދަސްކޮށްދިނުމަށް ސަލްމާން އަމިއްލަ ޔޫޓިއުބް ޗެނަލެއް ތަޢާރަފުކޮށްފި

އިންޑިއާގެ މަޤުބޫލު އެކްޓަރު ސަލްމާން ޚާން--ފޮޓޯ/އިންޑިއާޓުޑޭ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން، އޭނާގެ ޚާއްޞަ އެކްޓިންގް ސްޓައިލާއި ހަރަކާތްތައް ފޭނުންނަށް ދަސްކޮށްދިނުމުގެ މަޤްޞަދުގައި "ބީއިންގް ދަ ސަލްމާން ޚާން"ގެ ނަމުގައި ރަސްމީ ޔޫޓިއުބް ޗެނަލެއް އިފުތިތާޙުކޮށްފިއެވެ.

މި ޗެނަލް ފަރުމާކޮށްފައިވަނީ ސަލްމާންގެ ފާހަގަކޮށްލެވޭ ފިލްމީ ސިފަތައް މަޖާ އަދި ޝައުޤުވެރި ގޮތަކަށް ބެލުންތެރިންނަށް ފޯރުކޮށްދޭ ފިލާވަޅުތަކެއްގެ ސިފައިގައެވެ. މިއީ ސަލްމާންގެ ދިގު ފިލްމީ ޙަޔާތާއި ޝަޚްޞިއްޔަތުގެ ތަފާތު ކަންކަން ފޭނުންނަށް ތަޖުރިބާކޮށްލެވޭނެ މުޅިން އާ ޕްލެޓްފޯމެކެވެ. މައިގަނޑު ގޮތެއްގައި މި ޗެނަލުން ފެނިގެންދާނީ އެކްޓިންގް ހުނަރުތަކާއި، ހަށިގަނޑުގެ ހަރަކާތްތަކުގެ އިތުރުން އޭނާއަށް ޚާއްޞަވެފައިވާ ތަފާތު ސިފަތަކެވެ.

ދާދި ފަހުން އިންސްޓަގްރާމް މެދުވެރިކޮށް މި ޗެނަލްގެ ލިންކް ހިއްސާކުރަމުން ސަލްމާން ބުނެފައިވަނީ، އޭނާގެ ރަސްމީ ޔޫޓިއުބް މެދުވެރިކޮށް އޭ އިން ފެށިގެން ޒެޑާ ހަމައަށް ހުރިހާ އެއްޗެއް ބެލުންތެރިންނަށް ލިބިގެންދާނެ ކަމަށެވެ.

އާންމުކޮށް މަޝްހޫރު ތަރިންގެ ޗެނަލްތަކުން ފެންނަ ޒާތީ ދިރިއުޅުމުގެ ވާހަކަތަކާއި ފިލްމުތަކުގެ ބެކްސްޓޭޖް މަންޒަރުތަކާ ޚިލާފަށް، މި ޗެނަލްގެ ކޮންސެޕްޓް ވަރަށް ތަފާތެވެ. މި ޗެނަލްގައި ސަލްމާން ފެންނަނީ ތަޖުރިބާކާރު އެކްޓިންގް ކޯޗެއްގެ ގޮތުގަ އާއި އެ ހުނަރުތައް ދަސްކުރަމުންދާ ދަރިވަރެއްގެ ގޮތުގައެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ 22 ގައި ޗެނަލް ލޯންޗުކުރި ފަހުން މިހާތަނަށް 10 ވީޑިއޯއެއް އާންމުކޮށްފައިވާއިރު، މީގެ ތެރޭގައި ހަށިގަނޑުގެ ހަރަކާތްތަކާއި ޑައިލޮގް ކިޔާނެ ގޮތްތައް ކޯޗުކޮށްދޭ މަންޒަރުތައް ހިމެނެއެވެ.

މިއީ ސަލްމާން ތަޢާރަފުކުރި ފުރަތަމަ ޔޫޓިއުބް ޗެނަލެއް ނޫނެވެ. ދެހާސްވިހި ވަނަ އަހަރު އޭނާ ވަނީ "ސަލްމާން ޚާން ފިލްމްސް މިއުޒިކް"ގެ ނަމުގައި ޗެނަލެއް ތަޢާރަފުކޮށްފައެވެ. ގާތްގަނޑަކަށް ތިން މިލިއަން ސަބްސްކްރައިބަރުން ތިބި އެ ޗެނަލުން އޭނާގެ ފިލްމީ ލަވަތަކުގެ އިތުރުން، ކޮވިޑްގެ ދުވަސްވަރު އޭނާ އަމިއްލައަށް ކިޔާފައިވާ "ޕިޔާރު ކަރޯނާ" އަދި "ތެރޭ ބިނާ" ފަދަ ލަވަތައް ވަނީ އާންމުންނަށް ދޫކޮށްލާފައެވެ.

ބޮޑު ސްކްރީނުގެ އިތުރުން ސީދާ ބެލުންތެރިންނާ ގުޅުން ބަދަހިކުރުމަށް ޔޫޓިއުބް ބޭނުންކުރާ ބޮލީވުޑް ތަރިންގެ ލިސްޓަށް ސަލްމާން އިތުރުވެފައިވާއިރު، މިހާރުވެސް އާލިއާ ބަޓް، ޕްރިޔަންކާ ޗޯޕްޅާ، ކާތިކް އާރްޔަން، ނޯރާ ފަތޭހީ، ޖެކްލިން ފަނަންޑޭޒް، ވަރުން ދަވަން، ޝިލްޕާ ޝެޓީ އަދި ފަރާ ޚާން ފަދަ ތަރިން ދަނީ ޔޫޓިއުބް މެދުވެރިކޮށް ކޮންޓެންޓް ގެނެސްދެމުންނެވެ. މީގެ އިތުރުން ދެކުނު އިންޑިއާގެ ތަރިން ކަމަށްވާ އައްލޫ އަރުޖުން އާއި މޯހަންލާލްގެ އިތުރުން ޓީވީ ދާއިރާގެ މަޝްހޫރު ފަރާތްތަކުންވެސް ވްލޮގްތައް މެދުވެރިކޮށް ބެލުންތެރިންނާ އެކު އޮންނަ ގުޅުން އަންނަނީ އިތުރަށް ބަދަހިކުރަމުންނެވެ.

ސަލްމާންގެ ކުރިއަށް ހުރި ފިލްމީ މަސައްކަތްތަކަށް ބަލާއިރު، ދެން އެންމެ އަވަހަށް އޭނާ ބޮޑު ސްކްރީނުން ފެންނާނެ ކަމަށް ބެލެވެނީ އަޕޫރްވާ ލަކިއާ ޑައިރެކްޓްކޮށް، ޗިތުރަންގަދާ ސިންގް މުހިންމު ރޯލަކުން ފެންނަ ފިލްމު "މާތުރޫބޫމީ"އިންނެވެ. ކުރިން "ބެޓްލް އޮފު ގަލްވާން"ގެ ނަމުގައި މަޝްހޫރުވި މި ފިލްމު ރިލީޒްކުރުން ފަސްވެފައިވާއިރު، ފިލްމު ސިނަމާތަކަށް ނެރޭނެ އާ ތާރީޚެއް އަދި އިޢުލާނެއް ނުކުރާތީ، ސަޕޯޓަރުން މިހާރު ތިބީ އޭނާ ބޮޑު ސްކްރީނުން ފެންނާނެ ވަގުތަކަށް ކެތްމަދުވެފައެވެ.

comment ކޮމެންޓް