އުމުރުން 61 އަހަރުވުމުން އާމިރު އިސްތަށިގަނޑުގައި ކުލަޖެއްސުން ހުއްޓާލައިފި

ބޮލީވުޑްގެ އެކްޓަރު އާމިރު ޚާން--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާން، އޭނާގެ އުމުރުން 61 އަހަރުގައި ނުރަ އިސްތަށިތަކާއެކު "ސޯލްޓް އެންޑް ޕެޕަ" ލުކްގައި އާންމުންގެ ތެރެއަށް ނުކުމެ، އިސްތަށިގަނޑުގައި ކުލަޖެއްސުން އެއްކޮށް ހުއްޓާލާފައިވާކަން ހާމަކޮށްފިއެވެ.

މުމްބާއީގައި ބޭއްވި "ސެލެބްރޭޓް ސިނަމާ ފެސްޓިވަލް 2026"ގެ ޕެނަލް ޑިސްކަޝަނެއްގައި ފިލްމީ ޚިދުމަތްތެރިޔާ ސުބާޝް ގާއީއާއެކު ބައިވެރިވަމުން އާމިރު ބުނީ، އިސްތަށިގަނޑުގައި ޤަވާއިދުން ކުލަޖައްސަންޖެހޭތީ އެކަމާ ވަރަށް ފޫހިވެއްޖެ ކަމަށެވެ.

މިއީ ވަކި ފިލްމެއްގެ ރޯލަކަށް ޚާއްސަކޮށް ކުރި ކަމެއްތޯ މީޑިއާއިން ސުވާލުކުރުމުން، އާމިރު ބުނީ މިއީ އެއްވެސް ޚާއްޞަ ކަމެއް ނޫން ކަމަށާއި، ހަމައެކަނި ކުލަޖެއްސުން ހުއްޓާލީ ކަމަށެވެ. ނަމަވެސް ފިލްމު އުފައްދާ ސުބާޝް ގާއީ ވަނީ މިއީ އާ ފިލްމެއްގެ ކެރެކްޓާއަކަށް ތައްޔާރުވުމުގެ ގޮތުން އާމިރު ކުރި ކަމެއް ކަމަށް ބުނެ ސަމާސާކޮށްފައެވެ.

ޢާމިރުގެ މި ސިފައަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، ބައެއް ސަޕޯޓަރުން ބުނެފައިވަނީ 60 އަހަރުގެ މީހެއްގެ އަސްލު ސިފައިގައި އާމިރު ފެނުމުން އުފާވާ ކަމަށެވެ. އަދި އަނެއް ބަޔަކު ވަނީ 90ގެ އަހަރުތަކުގެ ތަރިން މިހާރު ދުވަސްވަމުންދާތީ އެކަމާ ހިތާމަކުރާކަން ފާޅުކޮށްފައެވެ.

އާމިރު، އަނބިމީހާ ގޯރީއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މި ހަފުލާގައި، ފިލްމު "އަންދާޒް އަޕްނާ އަޕްނާ 2" ނުވަތަ އަޝުތޯޝް ގޮވަރިކަރްގެ ބަޔޮޕިކް "ލަލްކާރު" އިން އޭނާ ފެންނާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން، އާމިރު ބުނީ "އަންދާޒް އަޕްނާ އަޕްނާ"ގެ ދެވަނަ ބަޔަކަށް އޭނާވެސް އިންތިޒާރު ކުރާ ކަމަށެވެ. އަދި "ލަލްކާރު"އާ ގުޅޭގޮތުން ބުނީ، ކޮންމެ ފިލްމަކީވެސް ވަކި މަރުޙަލާތަކެއް ކަނޑަތުކުރާ އެއްޗެއް ކަމަށާއި، ރަސްމީކޮށް ކަމެއް ނިމުމުގެ ކުރިން އެއްޗެއް ބުނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

ދާދިފަހުން ތިން ވަނަ ކައިވެންޏެއްކުރި އިންޑިއާގެ ތަޖުރިބާކާރު އެކްޓަރު އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ސިތާރޭ ޒަމީން ޕަރް"އިންނެވެ.

comment ކޮމެންޓް