ސްޓާލިންކްގެ ހުއްދަ ލަސްވުމުން މަސްކްގެ ބަހުގެ ހަމަލާއެއް އަމްބާނީއަށް: އިންޑިއާ ސަރުކާރުން ތުހުމަތުތައް ދޮގުކޮށްފި

އިންޑިއާގެ އެއްވެސް ދާއިރާއެއްގައި ވަކި ފަރާތެއްގެ މޮނޮޕޮލީ ނުވަތަ އެކަކަށް މުޅި މާކެޓް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށް އެ ގައުމުގެ ޓެލެކޮމިއުނިކޭޝަންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

އިންޑިއާ ސަރުކާރުން މިހެން ބުނެފައި މިވަނީ، އިންޑިއާގެ ބިލިއަނަރު މުކޭޝް އަމްބާނީ ސިޔާސީ ނުފޫޒު ބޭނުންކޮށްގެން އެ ގައުމުގައި ސްޓާލިންކްގެ ޚިދުމަތް ފެށުމަށް ހުރަސްއަޅަމުންދާ ކަމަށް ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު އީލޮން މަސްކް ތުހުމަތު ކުރުމާ ގުޅިގެންނެވެ.

ބީބީސީގައިވާ ގޮތުގައި، ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާގެ ޓެލެކޮމް މިނިސްޓަރު ޖިއޯތިރާދިތުޔާ ސިންދިއާ ވިދާޅުވީ، އިންޑިއާގެ އެއްވެސް ވިޔަފާރީގެ ދާއިރާއެއްގައި މޮނޮޕޮލީއަށް ފުރުސަތު ނުދޭނެ ކަމަށެވެ. މިއީ މަސްކް ދެއްކެވި ވާހަކަތަކަށް ސީދާ ރައްދު ދެއްވައި އޭނާ ދެއްކެވި ވާހަކަފުޅެކެވެ.

މި މައްސަލަ ހޫނުވެފައިވަނީ، އިންޑިއާގެ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރަމުންދާތާ އެތައް އަހަރެއް ވެފައިވާއިރު ވެސް ސްޓާލިންކަށް ޚިދުމަތް ދިނުމުގެ ފުރިހަމަ ލައިސަންސް އަދިވެސް ނުލިބެނީ ކީއްވެގެންތޯ ސުވާލު އުފައްދައި، "އިންޑިއާގެ އަސްލު ބޮޑަކީ އަމްބާނީ ތޯ؟" މިފަދައިން ބުރާސްފަތި ދުވަހު މަސްކް 'އެކްސް' ގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ.

ނަމަވެސް، އަމްބާނީއާ ދެކޮޅަށް މަސްކް އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ. އަދި މި ތުހުމަތުތަކާ ގުޅިގެން އަމްބާނީގެ ރިލަޔަންސް ޖިއޯއިން އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

އިންޑިއާގެ އެއް ބިލިއަނަށް ވުރެ ގިނަ އިންޓަނެޓް ބޭނުންކުރާ ބޮޑު މާކެޓަށް ވަނުމަށް މަސްކްގެ ސްޕޭސްއެކްސް ކުންފުނިން މަސައްކަތް ކުރަމުންދާއިރު، މިހާރު އެ މާކެޓް އެންމެ ބޮޑަށް ކޮންޓްރޯލް ކުރަނީ އަމްބާނީގެ ރިލަޔަންސް ޖިއޯ އަދި ސުނިލް މިއްތަލްގެ ބާރްތީ އެއާޓެލް ކުންފުނިންނެވެ. ސްޓާލިންކްގެ ސެޓެލައިޓް އިންޓަނެޓް ޚިދުމަތް އިންޑިއާގައި ފެށުމަށް ހަތަރު އަހަރު ދުވަހުގެ އިންތިޒާރެއް ކުރަންޖެހުމުން، ވިޔަފާރީގެ ނުފޫޒާއި ސަރުކާރުގެ ރެގިއުލޭޓަރީ ލަސްތަކާ މެދު އިންޓަނެޓުގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ.

އިންޑިއާގައި ޚިދުމަތް ދިނުމަށް ސްޓާލިންކަށް ވަކި ހުއްދައެއް ލިބިފައިވީ ނަމަވެސް، ވިޔަފާރީގެ އުސޫލުން ޚިދުމަތް ރަސްމީކޮށް ފެށުމަށް ޓަކައި ސަލާމަތީ ކަންކަން ފުރިހަމަކުރުމުގެ ޝަރުތުތަކާއި ސްޕެކްޓްރަމް ދޫކުރުމުގެ މަރުހަލާ އަދިވެސް އޮތީ ފުރިހަމަނުވެއެވެ.

މިކަމާ ގުޅިގެން އިންޑިއާ ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު ބުނެފައިވަނީ، ސެޓެލައިޓް އިންޓަނެޓް ޚިދުމަތް ދިނުމުގެ ހުއްދަ އޮތް ތިން ކުންފުނި (ސްޓާލިންކް ހިމެނޭހެން) ވެސް އޮތީ ރެގިއުލޭޓަރީ ގޮތުން އެއް މަރުހަލާއެއްގައި ކަމަށެވެ. އަދި ވަކި ފަރާތަކަށް ބުރަވާ ނުވަތަ ތަފާތުކުރުން ގެންގުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް، ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ދެކެވޭ ވާހަކަތަކެއް ކަމަށް ވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް