އިންޑިއާގެ އީސީއާ ދެކޮޅަށް މުޒާހަރާ ކުރުން ހުއްޓުވަން 3،000އަށްވުރެ ގިނަ މީހުން ހިފަހައްޓައިފި: ރިޕޯޓް

މުޒާހަރާއެއްގެ ތެރެއިން ބަޔަކު ހައްޔަރުކުރުން -- ފޮޓޯ/ ރޮއިޓާސް

އިންޑިއާގެ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ޗީފް އިލެކްޝަން ކޮމިޝަނަރު ގެނޭޝް ކުމާރާ ދެކޮޅަށް އެ ގައުމުގައި ބާއްވަން އުޅޭ މުޒާހަރާތައް ހުއްޓުވުމަށް 3،000އަށް ވުރެ ގިނަ މީހުން، ފުލުހުން ނުކުމެ ހިފަހައްޓައިފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

އިންޑިއާގެ ޒުވާނުން ނުވަތަ 'ޖެން ޒީ'ން އުފެއްދި ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) އިން އިންތިޒާމުކުރި މި މުޒާހަރާއަކީ ގެނޭޝްގެ އިސްތިއުފާއަށް ގޮވާލައި ބާއްވަން އުޅުނު މުޒާހަރާއެކެވެ. އެއީ، އިންޑިއާގެ ވޯޓުލާ މީހުންގެ ލިސްޓު މުރާޖައާކުރުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިއަށްގެންދާ ސްޕެޝަލް އިންޓެންސިވް ރިވިޝަން (އެސްއައިއާރު)ގެ ތެރެއިން، ބައެއް މީހުންނަށް ވޯޓު ނުލެވޭ ގޮތް ހެދި ކަމަށް ބުނެ ތުހުމަތުތައް އަމާޒުވުމާ ގުޅިގެން އިންތިޒާމު ކުރި މުޒާހަރާތަކެކެވެ.

އެ ތުހުމަތުތައް ފެންމަތިވީ އެސްއައިރުއާ ގުޅޭ ގޮތުން އިންޑިއަން އެކްސްޕްރެސްއިން މިދިޔަ މަހު ޝާއިއު ކުރި ރިޕޯޓެއްގައި، ތިން އިލެކްޝަންސް ކޮމިޝަނަރަކާ ހަވާލާދީ ކޮށްފައިވާ ތުހުމަތުތަކަކާ ގުޅިގެންނެވެ. އެގޮތުން، މުޅި އީސީން ފާސްކޮށްގެން ކުރަން ޖެހޭ ބައެއް ކަންކަން، ގެނޭޝް އަމިއްލައަށް ކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ.

އެ ތުހުމަތުތަކާ ގުޅިގެން ސީޖޭޕީން ވަނީ މުޒާހަރާތައް ބާއްވަން ގޮވާލައިފައެވެ. ނަމަވެސް މިއަދު މުޒާހަރާތައް ފެށުމުގެ ކުރިން ފުލުހުން ވަނީ މީހުން ހައްޔަރުކޮށްފައެވެ. އެގޮތުން ސީޖޭޕީގެ ލީޑަރުން ހައްޔަރުކޮށްފައިވާއިރު، އެހެން ޕާޓީތަކުގެ ލީޑަރުންނާއި، އެކްޓިވިސްޓުންނާއި ބައެއް އިސްވެރިން ވެސް ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި އާމް އާދްމީ ޕާޓީގެ ލީޑަރު އަދި ދިއްލީގެ ކުރީގެ ޗީފް މިނިސްޓަރު އަރުވިންދު ކެޖްރިވާލް އާއި، ވެސްޓް ބެންގޯލްގެ ކުރީގެ ޗީފް މިނިސްޓަރު މަމަތާ ބެނާޖީ ހިމެނިވަޑައިގަންނަވައެވެ. މަމަތާ ބެނާޖީ ހައްޔަރުކުރީ އޭނާގެ ގެކޮޅު ކައިރިންނެވެ. އޭނާއާއެކު ޓްރިނަމޫލް ކޮންގްރެސްގެ ލީޑަރު ޑެރެކް އޯބްރަޔަން ވެސް ވަނީ ހައްޔަރުކޮށްފައެވެ.

އިންޑިއާގައި ބާއްވާ މުޒާހަރާތަކުގެ ތެރެއިން -- ފޮޓޯ/ އަލްޖަޒީރާ

މީގެ އިތުރުން، ކެރެލާގެ ކުރީގެ ޗީފް މިނިސްޓަރު ޕިނަރާޔީ ވިޖަޔަން އާއި، މަހާތުމާ ގާންދީގެ މުނިކާފަދަރިފުޅު ކަމަށްވާ ތުޝާރު ގާންދީ ވެސް ވަނީ ހައްޔަރުކޮށްފައެވެ.

ސީޖޭޕީގެ ބާނީ އަބީޖީތު ޑިޕްކޭ ހައްޔަރުކުރީ، މުޒާހަރާގައި ބައިވެރިވުމަށް، މުމްބާއީން ފުރައިގެން ދިއްލީއަށް ދިޔަ ފްލައިޓް ޖެއްސުމާއެކު ފްލައިޓް ތެރެއިން ކަމަށް އިންޑިއަން އެކްސްޕްރެސް ނޫހުގައިވެއެވެ. އަދި އިންޑިއާ ޓުޑޭއިން ވަނީ، މުޒާހަރާ ހުއްޓުވުމަށް ފުލުުހުން ހިފެހެއްޓި މީހުންގެ އަދަދު މިހާރު 3،000އަށްވުރެ ވެސް އިތުރުވާނެ ކަމަށް ބުނެފައެވެ.

ފުލުހުން ހިފަހައްޓާ ގިނަ މީހުން ވަނީ ވަގުތީ ޑިޓެންޝަން ސެންޓަރުތަކުގެ ގޮތުގައި ބޭނުންކުރަމުންދާ ޗަތްރަސާލް ސްޓޭޑިއަމް ފަދަ ތަންތަނަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން، ދިއްލީގެ 15 ޑިސްޓްރިކްޓަކުން ކުށުގެ ރެކޯޑު އޮންނަ ގިނަ ބަޔަކު ވެސް ފުލުހުން ހިފަހައްޓައިފައިވާ ކަމަށް ނޫސްތަކުގައިވެއެވެ.

ފުލުހުންގެ ތަރުޖަމާނަކާ ހަވާލާދީ އިންޑިއާގެ ނޫހެއްގައި ވަނީ، ސީޖޭޕީގެ ލީޑަރު ޑިޕްކޭ ހައްޔަރުކުރީ މުޒާހަރާ ބޭއްވުމަށް ފުލުހުން ހުއްދަ ދީފައި ނުވާތީ ކަމަށް ބުނެފައެވެ.

ސަރުކާރުން މިހާ ވަރުގަދަ ފިޔަވަޅުތަކެއް އެޅީ، މިދިޔަ ޖުލައި މަހު އެއް ލައްކަ މީހުންނާއެކު އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގެ ކައިރީގައި ބޭއްވި ބޮޑު މުޒާހަރާގައި ހިނގައިދިޔަ ފަދަ ހަމަނުޖެހުންތަކެއް ތަކުރާރުވިޔަ ނުދިނުމަށް ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އެ ފަހަރު މުޒާހަރާތައް ފެށީ އިންޑިއާގެ ނެޝަނަލް ޓެސްޓިން އޭޖެންސީން ބޭއްވި މި އަހަރުގެ، ނެޝަނަލް އެލިޖިބިލިޓީ އެންޓްރެންސް ޓެސްޓް ލީކުވިކަން ހާމަވުމުން، އެ ޓެސްޓު ކެންސަލް ކުރުމާ ގުޅިގެންނެވެ. މެއި މަހުގެ ތިނެއްގައި ބޭއްވި އެ އިމްތިޙާނުގައި، މެޑިކަލް އަދި ޑެންޓަލް ދާއިރާއިން ކިޔަވަން ބޭނުންވާ 2.27 މިލިއަން ދަރިވަރުން ބައިވެރިވިއެވެ.

https://sun.mv/225107

މީގެ އިތުރުން، ގްރޭޑް 12ގެ އިމްތިޙާނުތައް ޑިޖިޓަލްކޮށް މާކްކުރަން މި އަހަރު ފެށި ނިޒާމެއްގެ ސަބަބުން، ބައެއް ކުދިންނަށް ލިބެން ޖެހޭ މާކްސް ނުލިބުން ފަދަ މައްސަލަތަކުގެ ސަބަބުން ވެސް ޒުވާނުންގެ ނުރުހުން އެޑިއުކޭޝަން މިނިސްޓްރީއަށް އަމާޒުވިއެވެ.

އެ މައްސަލަތަކާ ގުޅިގެން ޖުލައި މަހުގެ ހަވަނަ ދުވަހު ފެށި މުޒާހަރާތަކުގައި ހަމަނުޖެހުންތައް ވެސް ހިނގިއެވެ. އަދި އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދަން، ޖުލައި 25ގައި މަގާމުން އިސްތިއުފާ ދެއްވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް