އިންޑިއާއަށް ސްޓާލިންކް ވަނުމަށް އަމްބާނީ ހުރަސްއަޅާ: މަސްކް

އިންޑިއާގައި ސެޓެލައިޓް އިންޓަނެޓްގެ ހިދުމަތް ދިނުމަށް ސްޓާލިންކް ކުންފުންޏަށް ހުއްދަ ނުލިބި ލަސްވަމުންދާތީ، އެކަމަށް ހުރަސްއަޅަނީ އިންޑިއާގެ އެންމެ މުއްސަނދި މަހުޖަނު މުކޭޝް އަމްބާނީ ކަމަށް އީލޮން މަސްކް ތުހުމަތުކޮށްފިއެވެ.

މަސްކް ވަނީ އިންޑިއާގެ "ހަގީގީ ބޮސް" އަކީ އަމްބާނީތޯ ސުވާލު އުފައްދައި، އިންޑިއާގެ ރައްޔިތުންނަށް ސްޓާލިންކްގެ ހިދުމަތް ނުދީ ހިފެހެއްޓުމަކީ ޖަރީމާއެއް ކަމަށް ސިފަކޮށްފައެވެ.

މި ތުހުމަތުތަކާ ގުޅިގެން އިންޑިއާގެ ކޮމިއުނިކޭޝަންސް މިނިސްޓްރީން ބުނީ، ސެޓެލައިޓް މުވާސަލާތީ ގަވާއިދުތަކަކީ އިންސާފުވެރި އަދި ތަފާތުކުރުމެއް ނެތް ގަވާއިދުތަކެއް ކަމަށެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި، ސްޓާލިންކްގެ އިތުރުން ޔޫޓެލްސެޓް ވަންވެބް އަދި ޖިއޯ ސެޓެލައިޓް ކޮމިއުނިކޭޝަންސް ވެސް އޮތީ ހުއްދަ ދިނުމުގެ މަރުހަލާގެ އެއް ހިސާބެއްގައެވެ. އަދި ވިޔަފާރީގެ އުސޫލުން ހިދުމަތް ފެށުމުގެ ކުރިން މި ތިން ކުންފުންޏަށް ވެސް ސެކިއުރިޓީ ކްލިއަރެންސްއާއި ސްޕެކްޓްރަމް އެލޮކޭޝަން ބޭނުންވާނެ ކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ.

ނަމަވެސް މަސްކް ވަނީ އެކްސްގައި ކުރި ޕޯސްޓެއްގައި މި ލަސްވުމާ މެދު ސުވާލު އުފައްދައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ދުނިޔޭގެ 165 އަށް ވުރެ ގިނަ ގައުމުގައި ސްޓާލިންކަށް ހުއްދަ ލިބިފައިވާއިރު، އިންޑިއާ ސަރުކާރުގެ ހުރިހާ ގާނޫނަކާއި ގަވާއިދަކަށް އަމަލުކުރާތާ ފަސް އަހަރު ވެފައިވާއިރު ވެސް ހުއްދަ ނުލިބޭ ކަމަށެވެ. އަދި ވަކި ބަޔަކު އިންޑިއާގެ ކަސްޓަމަރުންގެ މައްޗަށް މޮނޮޕޮލީއެއް ހިންގަމުންދާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

ސްޓާލިންކުން ދުނިޔޭގައި ހިންގާ އެންމެ ބޮޑު ސެޓެލައިޓް ކޮންސްޓަލޭޝަންގައި މިހާރު އޯބިޓްގައި 6،750 އަށް ވުރެ ގިނަ ސެޓެލައިޓް ހިމެނޭ - ފޮޓޯ: ސްޓާލިންކް ވެބްސައިޓް

މި މައްސަލަ ހޫނުވެފައިވަނީ، ދިއްލީގައި ކުރިއަށްދިޔަ އިންޑިއާ މޮބައިލް ކޮންގްރެސްގައި ސްޓާލިންކް، ރިލަޔަންސް ޖިއޯ އަދި ބާރްތީ އެއާޓެލްގެ އިސްވެރިން ބައްދަލުވެފައިވާ ދަނޑިވަޅެއްގައެވެ. މި ހަފްލާގައި ވާހަކަދައްކަމުން، މުކޭޝް އަމްބާނީގެ ދަރިފުޅު އަދި ރިލަޔަންސް ޖިއޯ އިންފޯކޮމްގެ ޗެއާމަން އާކާޝް އަމްބާނީ ވިދާޅުވީ، އެ ކުންފުނިން އަމިއްލަ ސެޓެލައިޓް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީއެއް ތަރައްގީކުރަމުންދާ ކަމަށާއި، ރެގިއުލޭޓަރީ ހުއްދަތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މަސްކްގެ ތުހުމަތުތަކާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އާކާޝް ވިދާޅުވީ، އެ ކުންފުނިން ބޭނުންވަނީ ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް އިސްކަންދޭން ކަމަށެވެ.

ބާރްތީ އެއާޓެލްގެ ޗެއާމަން ސުނިލް ބާރްތީ މިއްޓަލް ވެސް ވިދާޅުވީ އެ ކުންފުނީގެ ސެޓެލައިޓް ވިޔަފާރިއަށް ސަރުކާރުގެ ހުއްދައަށް އިންތިޒާރުކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން، ސްޓާލިންކްގެ ވިޔަފާރީގެ ކަންކަން ބަލަހައްޓާ ސްޕޭސްއެކްސްގެ އިސްވެރިޔާ ލޯރެން ޑްރެޔާ ވިދާޅުވީ، އިންޑިއާގެ ރެގިއުލޭޓަރުންނާ އެކު އެ ކުންފުނިން އެތައް އަހަރެއް ވަންދެން މަސައްކަތްކޮށްފައިވާ ކަމަށާއި، ގައުމުގެ ގަވާއިދުތަކަށް ފެތޭ ގޮތަށް ނެޓްވޯކްގެ ސެކިއުރިޓީ ކޮންޓްރޯލްތައް ގާއިމުކޮށްފައިވާ ކަމަށެވެ.

ވާދަވެރިކަން ބޮޑުވެފައިވީ ނަމަވެސް، މިދިޔަ އަހަރުގެ މާޗު މަހު ޖިއޯ އަދި އެއާޓެލް އިން ވަނީ އިންޑިއާގައި ސްޓާލިންކްގެ ހިދުމަތް ފޯރުކޮށްދިނުމަށް ސްޕޭސްއެކްސްއާ އެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. ސްޓާލިންކަށް ހުއްދަ ދިނުމުގައި އިންޑިއާއިން އެންމެ ބޮޑަށް ކަންބޮޑުވަނީ ސެކިއުރިޓީ މައްސަލަތަކާ ގުޅިގެންނެވެ. އެގޮތުން 2024 ވަނަ އަހަރު އަންޑަމަން އެންޑް ނިކޯބާ އައިލެންޑްސްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކާއި މަނީޕޫރުގައި ސިފައިން ހިންގި އޮޕަރޭޝަނެއްގައި ސްޓާލިންކްގެ އާލާތްތައް ފެނިފައިވާ ކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.

އިންޑިއާއަށް ސްޓާލިންކް ދިނުމަށްޓައި މަސްކުދަނީ މަސައްކަތް ކުރަމުން ---

ނަމަވެސް މަސްކް އޭރު ވިދާޅުވެފައިވަނީ، އިންޑިއާގައި ސްޓާލިންކްގެ ހިދުމަތް ދުވަހަކުވެސް އެކްޓިވްކޮށްފައި ނުވާނެ ކަމަށާއި، އެ އާލާތްތަކުން އެ ކުންފުނީގެ ނެޓްވޯކް ބޭނުން ނުކުރެވޭނެ ކަމަށެވެ.

އިންޑިއާގެ ރަށްފުށުގެ ހިސާބުތަކަށް އިންޓަނެޓް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރިއިރު، ސްޓާލިންކް މެދުވެރިކޮށް ހެޔޮ އަގެއްގައި ހަލުވި އިންޓަނެޓް ލިބޭނެ ކަމަށް މަސްކް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް، އިންޑިއާއަށް ކަނޑައަޅާނެ އަގެއް އެ ކުންފުނިން އަދި ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާގައި ސްޓާލިންކްގެ ގޭބިސީތަކުގެ ޕްލޭންތައް މަހަކު 55 ޑޮލަރުން ފެށޭއިރު، ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި މިއީ އިންޑިއާގެ ގިނަ އާއިލާތަކަށް އަތްފޯރާފަށަށް ވުރެ ބޮޑު އަދަދަކަށް ވުން އެކަށީގެންވެއެވެ.

comment ކޮމެންޓް