އޯޕަންއޭއައިއިން އިންޓެލިޖެންޓް ޔޫއައިއާއެކު ޖީޕީޓީ-6 މުޅި ދުނިޔެއަށް ދޫކޮށްލައިފި

މި ފީޗާ ދޫކުރުމުގެ މަސައްކަތް އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން އޯޕަންއޭއައި އިން ދަނީ ކުރަމުން ---

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާގެ މަޝްހޫރު ކުންފުނި އޯޕަންއޭއައިއިން، އެ ކުންފުނީގެ އެންމެ ފަހުގެ އޭއައި މޮޑެލް "ޖީޕީޓީ-6" އާއި އިންޓަރެކްޓިވް "އިންޓެލިޖެންޓް ޔޫއައި" ފީޗާ ޗެޓްޖީޕީޓީ ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށް މުޅި ދުނިޔެއަށް އާންމުކޮށް ހުޅުވާލައިފިއެވެ.

މި އާ އަޕްޑޭޓާއެކު، ހަމައެކަނި ޓެކްސްޓް ލިޔުމުގެ ބަދަލުގައި، އިންޓަރެކްޓިވް އަދި ވިޝުއަލް ވަސީލަތްތައް ބޭނުންކޮށްގެން ސުވާލުތަކަށް ޖަވާބު ދިނުމުގެ ގާބިލުކަން ޗެޓްޖީޕީޓީއަށް ވަނީ ލިބިފައެވެ.

އޯޕަންއޭއައިގެ ބަޔާނެއްގައި ބުނީ އިންޓެލިޖެންޓް ޔޫއައިގެ ސަބަބުން ސުވާލުގެ ބާވަތަށް ބަލައި، ޗާޓުތަކާއި، ގްރެފިކްސްއާއި، ފޯމުތަކާއި، ބަޓަންތައް އަދި ތަފާތު އިންޓަރެކްޓިވް ޓޫލްތައް މެދުވެރިކޮށް ޖަވާބު ފޯރުކޮށްދެއެވެ. މީގެ އިތުރުން ޗެޓްގެ ތެރޭގައި ސީދާ ބޭނުންކުރެވޭ ފައިސާ ސޭވްކުރާ ކެލްކިއުލޭޓަރުތަކާއި، ބިލް ބަހާލާ ޓޫލްތަކާއި، އަދި ކުދި ގޭމްތައް ފަދަ އިންޓަރެކްޓިވް ތަކެތި އުފެއްދުމުގެ ގާބިލުކަންވެސް މި މޮޑެލްގައި ހިމެނެއެވެ.

https://sun.mv/228425

މި އާ މޮޑެލްއާއެކު ޔޫޒަރުން ސުވާލު ކުރުމުން މުޅި ޖަވާބު އެކީ ނިމެންދެން މަޑުކުރަން ނުޖެހި، މޮޑެލްއިން ވިސްނަމުންދާ ވަގުތުވެސް ޖަވާބުގެ ބައިތައް ވަގުތުން ދައްކަން ފަށައެވެ. މީގެ އިތުރުން އިންޓަނެޓުން މައުލޫމާތު ހޯދައިގެން ޖަވާބުދޭ ސުވާލުތަކުގައި، ކުރީގެ މޮޑެލްތަކަށްވުރެ 44 އިންސައްތަ އަވަހަށް ވެބް ސާޗްގެ މަސައްކަތް ޖީޕީޓީ-6 އިން ފަށައެވެ. މި ސިސްޓަމް ހިންގުމަށްޓަކައި އޯޕަންއޭއައިއިން ވަނީ ކޮމްޕައިލާ ސިސްޓަމަކާއެކު ސްޓްރީމް ކުރެވޭ ވަސީލަތްތަކުގެ ލައިބްރަރީއެއް ގާއިމުކޮށްފައެވެ.

މި ފީޗާ ދޫކުރުމުގެ މަސައްކަތް އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން ޗެޓްޖީޕީޓީ ޕްލަސް، ޕްރޯ، ބިޒްނަސް އަދި އެންޓަޕްރައިޒް ޔޫޒަރުންނަށް ވަނީ ހުޅުވާލާފައެވެ. އަދި އޮކްޓޯބަރު އަށަކުން ފެށިގެން ހިލޭ ބޭނުންކުރާ ޔޫޒަރުންނަށާއި "ގޯ" ޓިއާގެ ޔޫޒަރުންނަށްވެސް މި އަޕްޑޭޓް ލިބެން ފަށާނެއެވެ. ފައިސާ ދައްކައިގެން ބޭނުންކުރާ ފަރާތްތަކަށް "ޖީޕީޓީ-6 ސޯލް" މޮޑެލް ލިބޭއިރު، ހިލޭ ބޭނުންކުރާ ފަރާތްތަކަށް ލިބޭނީ "ޖީޕީޓީ-6 ލޫނާ" މޮޑެލްއެވެ.

ހަފުތާއަކު 1.2 ބިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ ޗެޓްޖީޕީޓީގެ މި އަޕްޑޭޓް ލިބޭނީ ހަމައެކަނި ޗެޓް ޓެބަށެވެ. އަދި އޯޕަންއޭއައިގެ "ވޯކް" ނުވަތަ "ކޯޑެކްސް" މޮޑެލްތަކަށް މި ބަދަލު ނާންނާނެކަމަށް އެ ކުންފުނިން ބުނެއެވެ. އެ ކުންފުނިން ފާހަގަކުރި ގޮތުގައި، މި މޮޑެލްގެ ޑިޒައިން އިޚްތިޔާރުކުރުމުގެ ބައެއް ކަންކަން އިތުރަށް ރަނގަޅުކުރަން ޖެހޭކަމަށް ގަބޫލުކުރެވެއެވެ.

ޖީޕީޓީ-6 ތަރައްގީކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން ނުރައްކާތެރި ކަންކަމަށް އޭއައި ނުބައިކޮށް ބޭނުންކުރުމާއި، ޕްރޮމްޕްޓް އިންޖެކްޝަން އަދި އުސޫލުތަކާ ހިލާފަށް ސިސްޓަމް ބޭނުންކުރުން ހުއްޓުވުމަށް ހާއްސަ ރައްކާތެރިކަމުގެ އިވެލުއޭޝަންތައް ވަނީ ހިންގާފައެވެ. އަދި އޭއައިއަށް ނުކުރެވޭ ކަންކަމާއި މައުލޫމާތު މަދު ދާއިރާތައް ދެނެގަނެ، ބޭނުންކުރާ ފަރާތްތަކަށް ސާފުކޮށް އެކަން އެންގުމުގެ ގާބިލުކަންވެސް މި މޮޑެލްގައި އިތުރުކޮށްފައިވެއެވެ.

comment ކޮމެންޓް