ގޫގުލް ވާކްސްޕޭސްއަށް އެންތުރޯޕިކްގެ ކްލޯޑް އޭއައި ތައާރަފުކޮށްފި

މި އާ ޚިދުމަތް މިހާރު ޕަބްލިކް ބީޓާގެގޮތުގައި ލިބޭނެ ---

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އުފައްދާ ކުންފުނި އެންތުރޯޕިކްގެ 'ކްލޯޑް' އޭއައި އެސިސްޓެންޓް، ގޫގުލްގެ ވާކްސްޕޭސް ޚިދުމަތްތައް ކަމަށްވާ ގޫގުލް ޑޮކްސް، ޝީޓްސް އަދި ސްލައިޑްސްއަށް ތައާރަފުކޮށްފިއެވެ. މި އިދާރީ ބަދަލާއެކު، ފައިސާ ދައްކައިގެން ކްލޯޑް ބޭނުންކުރާ ފަރާތްތަކަށް މިހާރު ސީދާ އެ ފައިލްތަކުގެ ތެރޭގައި ތިބެގެން އޭއައިގެ އެހީތެރިކަން ހޯދޭނެއެވެ.

މި ޚިދުމަތް ތައާރަފުކޮށްފައިވަނީ ގޫގުލް ވާކްސްޕޭސް އެޑް-އޮންއެއްގެ ގޮތުގައެވެ. މީގެ ސަބަބުން ފައިލް ހުޅުވައިގެން އުޅޭއިރު އަރިމަތީގައި އިންނަ ސައިޑްބާ މެދުވެރިކޮށް ކްލޯޑް އޭއައިއާ މުއާމަލާތް ކުރެވޭނެއެވެ. އަދި އެހެން އެޕްލިކޭޝަނަކަށް ބަދަލުވާން ނުޖެހި، ހުޅުވާފައިވާ ލިޔުންތަކާއި ސެލްތައް ނުވަތަ ސްލައިޑްތައް ކްލޯޑަށް ކިޔައި، އެތަންތަނަށް ބަދަލުތައް ގެނެވޭނެއެވެ.

ގޫގުލް ޑޮކްސްގައި ކްލޯޑް ބޭނުންކޮށްގެން ޖުމުލަތައް އިޞްލާޙުކުރުމާއި، ސުރުޚީތައް ބަދަލުކުރުމުގެ އިތުރުން ބޮޑެތި އިޞްލާޙުތައް ހުށަހެޅިދާނެއެވެ. ގޫގުލް ޝީޓްސްގައި ފޯމިއުލާތަކާއި، ޕިވޮޓް ޓޭބަލްތަކާއި، ޗާޓުތައް އަދި އާ ޓެބްތައް ހެދުމުގެ އިތުރުން މައުލޫމާތު ސާފުކޮށް އެއްކޮށްލުމަށް އެހީތެރިވެދެއެވެ. މީގެއިތުރުން ގޫގުލް ސްލައިޑްސްގައި، މިހާރު ހުރި ޑިޒައިނާ އެއްގޮތަށް އާ ސްލައިޑްތައް އުފެއްދުމާއި، ކިޔަން އުނދަގޫ ޓެކްސްޓްތައް ފަދަ މައްސަލަތައް ފާހަގަކޮށްދޭނެއެވެ.

https://sun.mv/226070

މި ފީޗާ ބޭނުންކުރާއިރު ކްލޯޑަށް ދޭނެ އިޚުތިޔާރުތައް ބޭނުންކުރާ ފަރާތަށް ނިންމޭނެއެވެ. އާންމު އުޞޫލުން ކޮންމެ ބަދަލެއް ގެނައުމުގެ ކުރިން ކްލޯޑް އެދޭނީ ހުއްދައަށެވެ. ނަމަވެސް ބޭނުންނަމަ އެ ހުރިހާ ބަދަލުތަކެއް އޮޓޮމެޓިކުން ފައިލަށް އަންނަ ގޮތަށްވެސް ހަމަޖެއްސިދާނެއެވެ.

އެންތުރޯޕިކުން ވަނީ ކްލޯޑް ޗެޓްގެ ތެރެއިން ސީދާ ގޫގުލް ފައިލްތައް އުފައްދައި އިޞްލާޙު ކުރެވޭނެ 'ކަނެކްޓާސް' ތަކެއްވެސް ތައާރަފުކޮށްފައެވެ. ގޫގުލް ފައިލެއްގެ ލިންކް ޗެޓަށް ޕޭސްޓްކޮށްގެން ނުވަތަ އާ ޑޮކިއުމަންޓެއް، ސްޕްރެޑްޝީޓެއް ނުވަތަ ޕްރެޒެންޓޭޝަނެއް ހެދުމަށް ކްލޯޑް ކައިރީ އެދުމުން، އެ ފައިލެއް ވާހަކަދައްކަމުންދާ އިންޓަފޭސްގެ އަރިމަތިން ހުޅުވިގެންދާނެއެވެ. މިގޮތަށް ކަންތައް ކުރިނަމަވެސް ގޫގުލްގައި އޮންނަ ފައިލް ޝެއާކުރުމުގެ ހުއްދަތަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

މި އާ ޚިދުމަތް މިހާރު ޕަބްލިކް ބީޓާގެ ގޮތުގައި ފައިސާ ދައްކައިގެން ކްލޯޑް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ. މި ފީޗާ ބޭނުންކުރުމަށްޓަކައި ގޫގުލް ވާކްސްޕޭސް މާކެޓްޕްލޭސްއިން އެޑް-އޮން އިންސްޓޯލްކުރުމަށްފަހު، ގޫގުލް ފައިލެއްގެ 'އެކްސްޓެންޝަންސް' ތެރެއިން ކްލޯޑް ހުޅުވާލެވޭނެއެވެ. އަދި ޗެޓްގެ ތެރެއިން ފައިލްތައް ހެދުމަށް ކަނެކްޓާސް އޮންކުރަންޖެހޭއިރު، ޓީމް އަދި އެންޓަޕްރައިޒް އެކައުންޓްތަކުގައި މި ކަނެކްޓާސް އޮންކުރެވޭނީ އެކައުންޓްގެ އޯނަރުންނަށް އެކަންޏެވެ.

comment ކޮމެންޓް