މިދިޔަ ބުދަ ދުވަހުގެ މެންދަމު ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް ފަރުވާދެމުން އަންނަނީ އަދިވެސް އައިޖީއެމްޗުގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނީ ބުދަ ދުވަހުގެ މެންދަމު 02:55 އެހައިކަންހާއިރު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެކްސިޑެންޓު ހިނގަން މެދުވެރިވީ ތިން މީހުން އަރުވައިގެން ދުއްވި ސައިކަލެއް، ދެ މީހުންނާއެކު ދުއްވައިފައި ދިޔަ ސައިކަލެއްގައި ޖެހިގެން ކަމަށެވެ.
އެ އެކްސިޑެންޓުގައި ދެ ސައިކަލުގައި ތިބި މީހުންނަށް ވެސް އެކިވަރުގެ އަނިޔާތަށް ލިބުނުއިރު، އެމީހުން ފުރަތަމަ ފަރުވާދިނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. އެއަށްފަހު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކުރިއެވެ.
'ސަން' އިން ސުވާލުކުރުމުން އައިޖީއެމްއެޗުން މިއަދު ބުނީ އެ އެކްސިޑެންޓުގައި އެ ހޮސްޕިޓަލަށް ގެންދިޔައީ ފަސް މީހެއް ކަމަށެވެ. އޭގެތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާ ދެމުން އަންނަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށާއި ބާކީ ތިބި ތިން މީހުންގެ ތެރެއިން ދެ މީހުންނަށް ވޯޑުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.
ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާތަކުގެ އެއްވެސް މައުލޫމާތެއް ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެކްސިޑެންޓުވި އެއް ސައިކަލު ތިން މީހުން އަރުވައިގެން ދުއްވާފައިވަނީ ވަން ވޭ އާ އިދިކޮޅަށް ކަމަށްވާއިރު، އެ ސައިކަލު ދުއްވަން އިނީ އެ ކެޓެގަރީގެ ސައިކަލު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫންކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެ މީހަކު ހިމެނެއެވެ.