އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގެ ކުރީގެ ފަނޑިޔާރު ނަވީ ޕިއްލޭއަށް މިއަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންނެވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެ ކޯޓާ ދެކޮޅަށް ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފިއެވެ.
މިއާއެކު އެމެރިކާއާއި ވިލާތުގެ ގައުމުތަކާ ދެމެދު އޮތް ހާރިޖީ ގުޅުމަށް ބޮޑެތި ނުތަނަވަސްކަންކަމެއް ވަނީ އުފެދިފައެވެ.
އެމެރިކާގެ މި ނިންމުމާ ގުޅިގެން އައިސީސީއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިއީ ގާނޫނީ ސިޔާދަތަށާއި ބައިނަލްއަގުވާމީ ގާނޫނީ ނިޒާމުގެ އަސާސްތަކަށް ދިން ބޮޑު ހަމަލާއެއް ކަމަށެވެ. އަދި އެ ކޯޓުގެ މެންބަރު 125 ގައުމުން އިސްނަގައިގެން ކޯޓުގެ ދިފާއުގައި މަސައްކަތްކުރުމަށް ވަނީ ގޮވާލާފައެވެ.
އައިސީސީއިން ބުނި ގޮތުގައި މިއީ ހަމައެކަނި ވަކި މުއައްސަސާއެއް ދިފާއުކުރުމުގެ މައްސަލައެއް ނޫން ކަމަށާއި، މިއީ ގާނޫނީ އިމުގެ ތެރެއިން ބައްޓަންވެފައިވާ ބައިނަލްއަގުވާމީ ނިޒާމު ހިމާޔަތްކުރުމަށް ކުރަންޖެހޭ ކަމެކެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، އެމެރިކާގެ ރައްޔިތުންގެ މައްޗަށް ޝަރީއަތް ހިންގުމުގެ ފުރުސަތު އައިސީސީއަށް ރައީސް ޓްރަމްޕް ދެން ނުދެއްވާނެ ކަމަށެވެ. އަދި އެ ކޯޓާ އެކު ކުރެވޭ އެންމެހައި މާލީ އަދި ވިޔަފާރީގެ މުއާމަލާތްތައް މަނާކޮށް، ކޯޓުގެ ވަސީލަތްތައް ހުއްޓުވާލާނެ ކަމަށް ރޫބިއޯ ފާހަގަކުރެއްވިއެވެ.
މި ފިޔަވަޅުތަކުގެ ތެރޭގައި ހަ މަސްދުވަހުގެ ފްރޭސް-އިން މުއްދަތެއް ދީފައިވާއިރު، މުވާސަލާތީ އަދި ސޮފްޓްވެއާ ފަދަ ބައެއް ޚިދުމަތްތަކަށް ވަގުތީ އިސްތިސްނާތަކެއް ވަނީ ދީފައެވެ. އެމެރިކާއިން މި ފިޔަވަޅު އަޅާފައިވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރު އައިސީސީއިން ނެރުމާއި، އަފްގާނިސްތާނުގައި އެމެރިކާ ސިފައިން ހިންގި ކަމަށް ބުނާ ކަންކަމުގެ ތަހުގީގާ ގުޅިގެންނެވެ.
އެމެރިކާގެ ފިޔަވަޅުތަކަށް ރައްދު ދެއްވަމުން އައިސީސީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރު ނަޒްހާތު ޝަމީމް ހާން ވިދާޅުވީ، މި ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ވެސް ކޯޓުގެ ތަހުގީގުތަކާއި ދައުވާތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށެވެ. އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ ވެރިޔާ ކާޖާ ކާލަސްވެސް ވަނީ އައިސީސީގެ އިންސާފު ގާއިމުކުރުމުގެ މުހިންމު މަސައްކަތްތައް ކުރިއަށްގެންދިއުމަށް ވިލާތުގެ އިއްތިހާދުން އެހީތެރިވެދޭނެ ކަމަށް ވިދާޅުވެފައެވެ.
ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ކުށްތައް ބެލުމަށް 2002 ވަނަ އަހަރު އުފެއްދި އައިސީސީއިން ވަނީ މިހާތަނަށް ދުނިޔޭގެ ސިޔާސީ ނުފޫޒުގަދަ ގިނަ ލީޑަރުންތަކެއް ހައްޔަރުކުރުމުގެ އަމުރުތައް ނެރެފައެވެ.