އެމެރިކާގެ މަސައްކަތްތެރިންގެ ވަޒީފާތައް ހިމާޔަތްކުރުމަށާއި މަކަރާއި ހީލަތް ހެދުން ހުއްޓުވުމަށް ކަމަށް ބުނެ، މައިކްރޯސޮފްޓާއި، އެޑޯބީ އަދި އައިޓީ ދާއިރާގެ ބޮޑެތި ކުންފުނިތަކަށް ގްރީން ކާޑު ދޫކުރުމުގެ މުހިންމު ޕްރޮގްރާމެއް އެމެރިކާ ސަރުކާރުން ވަގުތީ ގޮތުން ހުއްޓުވައި، އެމެރިކާގެ އެންމެ މަތީ ފެންވަރުގެ ނުވަ ޔުނިވަސިޓީއެއްގެ ތަހުގީގު ފަށައިފިއެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެމެރިކާގައި އުޅޭ ބޭރު މީހުންގެ އަދަދު މަދުކުރުމަށާއި ދާއިމީ ރަށްވެހިކަން ލިބޭ މަގުތައް ހަނިކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން، މިއީ ހުނަރުވެރި މަސައްކަތްތެރިންގެ އިމިގްރޭޝަން ޕްރޮގްރާމްތަކަށް އެޅި ދަތިކުރުމުގެ ފިޔަވަޅެކެވެ.
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ބުނި ގޮތުގައި، އެމެރިކާގައި ނިޒާމުގެ ނާޖާއިޒު ފައިދާ މައިކްރޯސޮފްޓަށް ވުރެ ބޮޑަށް ނަގާފައިވާ އެހެން ކުންފުންޏެއް ނެތެވެ. މައިކްރޯސޮފްޓުން ފާއިތުވި އަހަރު އެމެރިކާގެ 6,000 މަސައްކަތްތެރިން ވަޒީފާއިން ވަކިކުރިއިރު، 6,300 އެޗް-1ބީ ވިސާއާއި ގާތްގަނޑަކަށް 3,000 ގްރީން ކާޑުގެ ފައިދާ ހޯދާފައިވާ ކަމަށް ވޭންސް ބުންޏެވެ. މި ވާހަކަތައް ދެއްކީ އެމެރިކާއަށް ޚިދުމަތްކުރި ޓެކްނޮލޮޖީ ދާއިރާގެ ބިލިއަނަރުންނަށް ޓްރަމްޕް މެޑަލް އަރުވައި، ޝަރަފުއެރުއްވުމުގެ ކުޑައިރުކޮޅެއް ކުރިންނެވެ. މީގެ ތެރޭގައި މައިކްރޯސޮފްޓްގެ ސީއީއޯ ސަތުޔާ ނަޑެއްލާއާއި އިލޮން މާސްކް ހިމެނެއެވެ.
އެމެރިކާގެ ލޭބާ ޑިޕާޓްމަންޓްގެ މައުލޫމާތުން ދައްކާ ގޮތުގައި، ދާއިމީ މަސައްކަތުގެ ސެޓިފިކެޓް ނުވަތަ 'ޕާާމަނަންޓް ލޭބާ ސެޓިފިކޭޝަން' (ޕާމް) އަށް އެންމެ ގިނައިން އެދޭ ކުންފުންޏަކީ މައިކްރޯސޮފްޓެވެ. މައިކްރޯސޮފްޓުން ބުނީ ފާއިތުވި މާލީ އަހަރު ހުށަހެޅި އެޗް-1ބީ އެޕްލިކޭޝަންތަކުގެ 80 އިންސައްތައަކީ މިހާރު ތިބި މުވައްޒަފުންގެ ވިސާ މުއްދަތު އިތުރުކުރުމަށް ހުށަހެޅި އެޕްލިކޭޝަންތައް ކަމަށެވެ. އަދި ޖުލައި މަހު އެ ކުންފުނިން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 4,800 ވަޒީފާ އުވާލާފައެވެ.
ލޭބާ ސެކްރެޓަރީ ކީތު ސޮންޑާލިންގް ބުނި ގޮތުގައި، މި ސަސްޕެންޝަންގެ އަސަރު މައިކްރޯސޮފްޓާއި އެޑޯބީގެ އިތުރުން ކޮގްނިޒަންޓް، އިންފޯސިސް، ކޮންސަލްޓެންސީ ސާވިސަސް (ޓީސީއެސް)، ވިޕްރޯ، އެޗްސީއެލް އަދި ކެޕްޖެމިނައިއަށް ކުރާނެއެވެ.
މި ކުންފުނިތައް ހިމެނޭ ގޮތަށް ނުނިމި ހުރި އަދި އާ ޕާމް އެޕްލިކޭޝަނެއް ބަލައިނުގަންނާނެ ކަމަށް އޭނާ ބުންޏެވެ. 2009 އިން ފެށިގެން މި ކުންފުނިތަކުން ތިން މިލިއަން ބޭރު މަސައްކަތްތެރިން ހޯދުމަށް އެދި، 230,000 އަށްވުރެ ގިނަ އެޗް-1ބީ ވިސާއާއި 100,000 އަށްވުރެ ގިނަ ޕާރމް ސެޓިފިކެޓް ހޯދާފައިވެއެވެ.
ނައިބު ރައީސް ވޭންސް ތުހުމަތު ކުރި ގޮތުގައި، ބައެއް ކުންފުނިތަކުން އެކަށީގެންވާ ގޮތެއްގައި ވަޒީފާގެ އިޢުލާން ނުކޮށް، އެމެރިކާ މީހުން ނެތް ކަމަށް ބުނެ ކުޑަ މުސާރައަށް ބޭރު މުވައްޒަފުން ނަގައެވެ. ނަމަވެސް މައިކްރޯސޮފްޓުން ބުނީ އެޗް-1ބީ މުވައްޒަފުންނަށްވެސް ދެނީ އެހެން މުވައްޒަފުންނާ އެއްވަރުގެ މުސާރައެއް ކަމަށެވެ. މީގެ އިތުރުން ފާއިތުވި އަހަރު އާ އެޗް-1ބީ އެޕްލިކޭޝަނަށް 100,000 ޑޮލަރުގެ ފީއެއް ނަގަން ނިންމުމާ ގުޅިގެން 'ޕްރޮޖެކްޓް ފަޔާވޯލް' ގެ ނަމުގައި ފިޔަވަޅު އެޅުމުގެ ހާއްސަ ހަރަކާތެއް ވަނީ ފަށާފައެވެ.
މީގެ އިތުރުން، ހާވަޑް، ޔޭލް، ސްޓެންފޯޑް، ބްރައުން އަދި އެމްއައިޓީގައި ހިމެނޭ ގޮތަށް އެމެރިކާގެ ނުވަ ޔުނިވަސިޓީއެއްގެ ތަހުގީގު ފަށާނެ ކަމަށް ވޭންސް އިއުލާން ކުރިއެވެ. މިއީ އެކްސްޗޭންޖް-ވިޒިޓާ ވިސާގެ ނާޖާއިޒު ފައިދާ ނަގައި، އެމެރިކާ މީހުންގެ މުސާރަތައް ކުޑަކުރަން މަސައްކަތްކުރާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ކުރާ ތަހުގީގެކެވެ.
މި ތަހުގީގުގެ ސަބަބުން ބޭރު ދަރިވަރުންގެ މައްސަލައިގައި ހާވަޑް ޔުނިވަސިޓީއާއެކު ސަރުކާރުން ކުރަމުންދާ ކުރިމަތިލުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.