އައިފޯން 18 ޕްރޯގެ އަގު ބޮޑުވުމާ ގުޅިގެން މާކެޓުގައި އެ ފޯނަށް އޮތް ތަރުޙީބު ކުޑަވުމުގެ ސަބަބުން، އެ ފޯނު އުފެއްދުމަށް ބޭނުންވާ ބައެއް ބައިތައް ސަޕްލައިކުރާ ކުންފުނިތަކަށް އޯޑަރު ދީފައިވާ މިންވަރު އެޕަލް ކުންފުނިން މަދުކޮށްފިއެވެ.
ނިކެއި އޭޝިއާއިން އާންމުކޮށްފައިވާ ރިޕޯޓަކާ ހަވާލާދީ މީޑިއާތަކުން ބުނެފައިވަނީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ތަރައްޤީކުރުމަށް ބޭނުންވާ މެމޯރީ ޗިޕްތަކުގެ އަގު ބޮޑުވުމާ ގުޅިގެން ސެޕްޓެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން އެޕަލްއިން އުފެއްދުންތައް ބާޒާރަށް ނެރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އަދި އޮކްޓޯބަރު މަހަށް ކުރިން އޯޑަރުކޮށްފައިވާ މިންވަރަށް ވުރެ މަދުވެގެން 15 އިންސައްތަ އޯޑަރުތައް މިހާރު ވަނީ މަދުކޮށްފައެވެ.
އައިފޯން 18 އަށް އޮތް ޑިމާންޑް ދަށްވަނީ އަގުބޮޑުވުމުން ---އައިފޯން 18 ޕްރޯ އަދި އައިފޯން 18 ޕްރޯ މެކްސް ބާޒާރަށް ނެރެފައިވަނީ ކުރީގެ މޮޑެލްތަކަށް ވުރެ 100 ޑޮލަރު ބޮޑުކޮށެވެ. އެގޮތުން އައިފޯން 18 ޕްރޯގެ އަގު 1,199 ޑޮލަރަށް އަރާއިރު، އައިފޯން 18 ޕްރޯ މެކްސްގެ އަގު އުޅެނީ 1,299 ޑޮލަރުގައެވެ. އެޕަލްއިން ވަނީ މެމޯރީ ޗިޕްތަކުގެ އަގު ބޮޑުވުމުގެ ސަބަބުން އައިފޯނުގެ އިތުރުން މެކްބުކް އަދި އައިޕެޑްގެ އަގުތައްވެސް ބޮޑުކުރަން ޖެހުނުކަން ހާމަކޮށްފައެވެ.
މީގެއިތުރުން، އޮގަސްޓް މަހުގެ ފަހުކޮޅުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް ފޯނުތަކަށް އޮތް ތަރުޙީބު ކުޑަވި އަނެއް ސަބަބަކީ އެޕަލްއިން ފޯނުތައް ބާޒާރަށް ނެރުމުގެ ޝެޑިއުލަށް ގެނައި ބަދަލުތައް ކަމަށްވެސް ރިޕޯޓުގައިވެއެވެ. އާންމުކޮށް ހުރިހާ ފޯނެއް އެއްފަހަރާ ނެރުމުގެ ބަދަލުގައި، މިއަހަރު އެޕަލްއިން ނިންމާފައިވަނީ އައިފޯން 18 ގެ އާންމު މޮޑެލްއާއި، އަގުހެޔޮ އައިފޯން 18އީ އަދި ތުނި އައިފޯން އެއާ 2 ބާޒާރަށް ނެރުން 2027 ވަނަ އަހަރުގެ ބަހާރު މޫސުމަށް ފަސްކުރުމަށެވެ.
އައިފޯން 18 ޕްރޯ މޮޑެލްތަކުގައި ހިމެނެނީ 12 ޖީބީގެ ރޭމްއެކެވެ. މިއީ މިދިޔަ އަހަރު ނެރުނު އައިފޯން 17 ޕްރޯ މޮޑެލްތަކުގައިވެސް ހިމެނޭ ރޭމްގެ މިންވަރެވެ. ކުރިން އެޕަލްއިން އައިފޯން 18 ޕްރޯގައި 16 ޖީބީގެ ރޭމް ހިމެނުމަށް ރޭވި ނަމަވެސް، ޗިޕްތަކުގެ އަގު ބޮޑުވުމުގެ ސަބަބުން އެ ނިންމުން ބަދަލުކުރީ ކަމަށް ޚަބަރުތައް ބުނެއެވެ.