އެޕަލް ކުންފުނިން މި މަހުގެ ތެރޭގައި ދެ ހަރަކާތަކަށް ބަހާލައިގެން އުފެއްދުންތަކެއް ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި މަހުގެ ތެރޭގައި އެޕަލްއިން އެންމެ ހާއްސަ އިސްކަމެއް ދީގެން ނެރުމަށް ހަމަޖެހިފައިވަނީ ގޭތެރޭގެ ސްމާޓް ވަސީލަތްތައް ކޮންޓްރޯލްކުރުމަށް ހާއްސަ ސްމާޓް ހޯމް ހަބެއްގެ އިތުރުން މެކް ކޮމްޕިއުޓަރުތަކާއި އައިޕެޑް މިނީގެ އާ މޮޑެލްތަކެކެވެ.
ބްލޫމްބާގްގެ މާކް ގުރްމަން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަހުގެ 13 ވަނަ ދުވަހު އެޕަލްއިން ބާއްވާ ހާއްސަ ހަރަކާތެއްގައި ނުވަތަ ޕްރެސް ރިލީޒްތަކެއް މެދުވެރިކޮށް އާ ސްމާޓް ހޯމް ހަބާއި، ދެވަނަ ޖެނެރޭޝަންގެ ހޯމްޕޮޑް މިނީ އަދި އާ އެޕަލް ޓީވީ 4ކޭ ދައްކާލާނެއެވެ. ގިނަ ދުވަސްތަކެއް ވަންދެން އުފައްދަމުން އައި ކަމަށް ބުނެވޭ 6 އިންޗީގެ ވަށް ބޯޅައެއްގެ ބައްޓަމަށް ހުންނަ ސްމާޓް ހޯމް ހަބަކީ ފާރުގައި ހަރުކުރެވޭ ގޮތަށް އަދި މޭޒުމަތީގައި ބެހެއްޓޭ ގޮތަށް ފަރުމާކޮށްފައިވާ ވަސީލަތެކެވެ. މި ވަސީލަތުން ގޭތެރޭގެ އާލާތްތައް ކޮންޓްރޯލްކުރުމުގެ އިތުރުން ފޭސްޓައިމް ކޯލްކުރުމާއި، ފޮޓޯއާއި މިއުޒިކް ކުޅުމުގެ ހިދުމަތް ސިރީ އޭއައިގެ އެހީގައި ފޯރުކޮށްދޭނެއެވެ.
މީގެއިތުރުން މި މަހުގެ 13 ގައި ނެރުމަށް ހަމަޖެހިފައިވާ ހޯމްޕޮޑް މިނީ އަދި އެޕަލް ޓީވީ 4ކޭ އަށްވެސް އެތެރޭގެ ހާޑްވެއާގެ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. މި އުފެއްދުންތަކުގެ ބޭރުގެ ފަރުމާއަށް ބޮޑު ބަދަލެއް ނައި ނަމަވެސް، އެޕަލް އިންޓެލިޖެންސްގެ ހިދުމަތްތަކަށް ސަޕޯޓްކުރުމަށްޓަކައި އަވަސް ޗިޕްތަކާއި، އެޕަލްގެ އެން1 ވައިލެސް ޗިޕް ހިމެނޭނެއެވެ. އަދި ހޯމްޕޮޑް މިނީ އައު ކުލަތަކާއެކު އަޑުގަދަކުރާ ނިޒާމު ރަނގަޅުކޮށްފައިވާއިރު، އެޕަލް ޓީވީއާއެކު އައު ސިރީ ރިމޯޓެއްވެސް ލިބިގެންދާނެއެވެ.
މެކްރޫމާސްއިން ހާމަކޮށްފައިވާ ގޮތުގައި މި މަހުގެ ފަހު ހަފްތާގައި އެޕަލްގެ ދެވަނަ ހަރަކާތެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. މި ހަރަކާތުގައި މައިގަނޑު ގޮތެއްގައި ދައްކާލުމަށް ހަމަޖެހިފައިވަނީ އޯއެލްއީޑީ ސްކްރީން ހިމެނޭ މަތީ ފެންވަރުގެ މެކްބުކް ޕްރޯ މޮޑެލްތަކާއި، އެމް6 ޗިޕް ހިމެނޭ 14 އިންޗީގެ މެކްބުކް ޕްރޯއާއި އައު އައިމެކް ކޮމްޕިއުޓަރުތަކެވެ. އަދި މީގެ އިތުރުން އޯއެލްއީޑީ ސްކްރީނަކާއި އޭ20 ޕްރޯ ޗިޕާއެކު އަންނަ އައު އައިޕެޑް މިނީވެސް މި ހަރަކާތުގައި ތައާރަފްކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި މަހުގެ ފަހުކޮޅު ނެރުމަށް ހަމަޖެހިފައިވާ އުފެއްދުންތަކުގެ ތެރޭގައި އެމް5 އަލްޓްރާ ޗިޕް ހިމެނޭ، އަދި 512 ޖީބީއާ ހަމައަށް ރޭމް ބޮޑުކުރެވޭ މަތީ ފެންވަރުގެ މެކް ސްޓޫޑިއޯ ވެސް ހިމެނެއެވެ. މި ހުރިހާ އުފެއްދުންތަކާއެކު، ވޭތުވެދިޔަ ސެޕްޓެމްބަރު މަހެކޭ އެއްފަދައިން މި މަހަކީވެސް އެޕަލްގެ އާ އުފެއްދުންތަކުން ބާޒާރު ފުރާލާނެ މަހަކަށް ވެގެންދާނެއެވެ.