އެޕަލްއިން ދާދިފަހުން ބާޒާރަށް ނެރުނު އައިފޯން 18 ޕްރޯ އަދި އައިފޯން 18 ޕްރޯ މެކްސް ފޯނުތަކުގެ ކުލަ ފަނޑުވެ، ބަދަލުވާ މައްސަލައެއް ފެންމަތިވެ، ބޭނުންކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
މި މައްސަލަ އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ އަލަށް ތައާރަފްކުރި "ބާގަންޑީ ރެޑް" ކުލައިގެ ފޯނުތަކުންނެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމަށްވާ ރެޑިޓްއާއި އެކްސްގައި ބައެއް ފަރާތްތަކުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ބާގަންޑީރެޑް ކުލައިގެ ފޯނުތަކުގެ ކުލަ ދަނީ އަސްލު ކުލައަށްވުރެ އަލިވެ، ފަނޑުވަމުންނެވެ. ހާއްސަކޮށް ފޯނުގެ ފަހަތު ކެމެރާ މޮޑިއުލްގެ ވަށައިގެންވާ ބައިގެ ކުލަ، ކެމެރާ ހައުސިންއާ އަޅާބަލާއިރު ފިޔާތޮށި ކުލައަކަށް ބަދަލުވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން ކަޅު ކުލައިގެ މޮޑެލްތަކުންވެސް މިފަދަ މައްސަލަތަކެއް ފެންނަ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.
މި މައްސަލަ ދިމާވާ ފޯނުތަކުގެ ކުލަ ބަދަލުވާން ފަށަނީ ފުރަތަމަ ކެމެރާ ލެންސްތަކުގެ ވަށައިގެން ކަމަށާއި، އޭގެ ފަހުން ފޯނުގެ އެލުމިނިއަމް ފްރޭމަށް އެކަން ފެތުރިގެންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މި މައްސަލަ ދިމާވަނީ އަވީގައި ނުވަތަ އަލްޓްރާވައިލެޓް އައްޔަށް ފޯނު ގިނައިރު ހުށަހެޅުމުގެ ސަބަބުންނެވެ. އަދި ފޯނުގައި ރައްކާތެރި ކަވަރެއް ބޭނުންކުރުމާއި ގަވާއިދުން ފޯނު ފޮހެ ސާފުކުރުމުން މި މައްސަލަ ކުޑަކުރެވޭ ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.
މި ފޯނުތައް ވިއްކަން ފެށިތާ ކުރު މުއްދަތެއްގެ ތެރޭގައި މި މައްސަލަ ފެންމަތިވެފައިވީ ނަމަވެސް، އެޕަލްއިން އަދި މިކަމާ ގުޅޭގޮތުން ރަސްމީ އެއްޗެއް ބުނެފައެއް ނުވޭ ----އެޕަލްއިން މި ފޯނުތައް ތައާރަފްކުރީ މިދިޔަ މަހު ބޭއްވި "ސަޕްރައިޒް އެންޑް ޝައިން" އިވެންޓުގައެވެ. ދުނިޔޭގެ ބާޒާރުތަކުގައި މި ފޯނުތައް ވިއްކަން ފެށިތާ ކުރު މުއްދަތެއްގެ ތެރޭގައި މި މައްސަލަ ފެންމަތިވެފައިވީ ނަމަވެސް، އެޕަލްއިން އަދި މިކަމާ ގުޅޭގޮތުން ރަސްމީ އެއްޗެއް ބުނެފައެއް ނުވެއެވެ. މިދިޔަ އަހަރު ނެރުނު އައިފޯން 17 ޕްރޯ އަދި 17 ޕްރޯ މެކްސްގެ "ކޮސްމިކް އޮރެންޖް" އަދި "ޑީޕް ބްލޫ" ކުލައިގެ ފޯނުތަކުންވެސް މިފަދަ ކުލަ ބަދަލުވުމުގެ މައްސަލަތަކެއް ފެންމަތިވެ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.
މިފޯން ސީރީޒްއަކީ އެޕަލްގެ އެންމެ ފަހުގެ އަދި އެންމެ ވަރުގަދަ މޮޑެލްތައް ކަމަށްވާއިރު، އައިފޯން 18 ޕްރޯގައި 6.3 އިންޗީގެ ޑިސްޕްލޭއެއް ހުންނައިރު، ޕްރޯ މެކްސްގައި ހުންނަނީ 6.9 އިންޗީގެ ޑިސްޕްލޭއެކެވެ. މިއިން ކޮންމެ ފޯނެއްގައިވެސް އެޕަލްގެ އޭ20 ޕްރޯ ޕްރޮސެސަރާއި، 48 މެގާޕިކްސެލްގެ ވޭރިއަބަލް އެޕަޗާ ހިމެނޭ ފިއުޝަން ޕްރައިމަރީ ކެމެރާއާއެކު ތިން ކެމެރާގެ ސެޓަޕެއް ހިމެނެއެވެ.
މީގެ އިތުރުން އެޕަލްއިން އަމިއްލައަށް އުފައްދާފައިވާ ސީ2 މޮޑެމްއާއި 18 މެގާޕިކްސެލްގެ ފްރޮންޓް ކެމެރާއެއްވެސް މި ފޯނުތަކުގައި ހިމެނެއެވެ.