ނުރައްކާކޮށް ދުއްވި ސައިކަލުން ޖެހި އަނިޔާވި އެއް އާއިލާއެއްގެ ދެ މީހުން ވަރަށް ސީރިއަސް ހާލަތުގައި!

އެކްސިޑެންޓް ސީނެއްގައި ފުލުހުން ހަރަކާތްތެރިވަނީ: ދެ ސައިކަލެއް ޖެހި ހިނގި ހާދިސާއާ ގުޅޭ ފުރިހަމަ ތަހުގީގެއް ފުލުހުން ހިންގައި، ޒިންމާވާންޖެހޭ ފަރާތްތަކުން ޒިންމާ ނެގުން ކަމަށް، އެ ހާދިސާގައި އެކްސިޑެންޓުވީ އެއް ސައިކަލުގައި ތިބި ދެ މީހުންގެ އާއިލާގެ ފަރާތުން ވަނީ ބުނެފައި --

ބޭނުންވަނީ ރޭ މެންދަމު ތިނެއް ޖަހަނިކޮށް ހުޅުމާލޭގައި ދެ ސައިކަލެއް ޖެހި ހިނގި ހާދިސާއާ ގުޅޭ ފުރިހަމަ ތަހުގީގެއް ފުލުހުން ހިންގައި، ޒިންމާވާންޖެހޭ ފަރާތްތަކުން ޒިންމާ ނެގުން ކަމަށް، އެ ހާދިސާގައި އެކްސިޑެންޓުވީ އެއް ސައިކަލުގައި ތިބި ދެ މީހުންގެ އާއިލާގެ ފަރާތުން ބުނެފިއެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ރޭ ހިނގި މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ތިން މީހުން އަރުވައިގެން ދުއްވި ސައިކަލެއް، ދެ މީހުންނާއެކު ދުއްވައިފައި ދިޔަ ސައިކަލެއްގައި ޖެހިގެންނެވެ.

އެ ހާދިސާގައި ފަސް މީހަކަށް އެކި ވަރުގެ އަނިޔާވަނީ ލިބިފައެވެ. އޭގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިޔަސްވެ، އެ އެންމެން އިތުރު ފަރުވާއަށް ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ.

އެ ހާދިސާއާ ގުޅޭގޮތުން ފުލުހުން އެންމެ ފަހުން ބުނީ އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ ތިން މީހުން އަރުވައިގެން ދިޔަ ސައިކަލު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ނިރޮޅުމަގުގައި ވަންވޭއާ އިދިކޮޅަށް ދުއްވައިފައި ދަނިކޮށް އެ މަގުން ދުއްވައިފައިދިޔަ ސައިކަލެއްގައި ޖެހިގެން ކަމަށެވެ. އަދި ތިން މީހުން އަރުވައިގެން ދިޔަ ސައިކަލު ދުއްވީ އެ ކެޓަގަރީގެ ލައިސަންސް ނެތް މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެހެންވެ ދެވަނަ ސައިކަލުގައި ތިބި ދެ މީހުންގެ އާއިލާގެ ފަރާތުން އެ މީހުންގެ ކޮއްކޮ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައިވަނީ ފުލުހުން މި ހާދިސާ ބަލަނީ އާދައިގެ އެކްސިޑެންޓެއްގެ ގޮތުގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. މިއީ ގަބޫލުކުރަން ދަތި ކަމެއް ކަމަށާއި ސަބަބަކީ މި ހާދިސާގައި އަނިޔާވި އޭނާގެ ދެބެއިންގެ ހާލު ސީރިޔަސްވުމުން ކަމަށް އެ ޕޯސްޓުގައި ލިޔެފައިވެއެވެ.

"އަހަރެމެންނަށް އެންމެ އަސަރުކުރާ އެއް ކަމަކީ އަހަރެންގެ ދެބެއިން ދިޔައީ ރައްކާތެރިކަމާއެކީ ސައިކަލު ދުއްވަމުންކަން، އަހަރެމެންނަށް އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގީ އަނެއް ސައިކަލުގައި ތިބި ތިން މީހުންގެ ސަބަބުން، އަހަރެންގެ ދެބެއިންނަށް ސީރިއަސް އަނިޔާތަކެއް ލިބި މިހާރު އެ ދަނީ ފަރުވާ ހޯދަމުން،" އެ ޕޯސްޓުގައި ލިޔެފައިވެއެވެ.

އެ ޕޯސްޓުގައިވަނީ މި ހާދިސާ ރަނގަޅަށް ތަހުގީގުކުރުމަށް ފުލުހުންނަށް ގޮވައިލައި، ޒިންމާވާންޖެހޭ ފަރާތްތަކުން ޒިންމާ ނެގުމަށް އެދިފައެވެ.

އަދި ދެބެއިންނަށް ދުއާކޮށްދިނުމަށް ވެސް އެ ޕޯސްޓުގައިވަނީ އެދިފައެވެ.

comment ކޮމެންޓް