ތައިލެންޑުގެ ވެރިރަށް ބެންކޮކުން 12 ކިލޯގެ ޑުރަގާއެކު ހައްޔަރުކުރި ދެ ދިވެހީންގެ ތެރެއިން މުހައްމަދު ވިސާމަކީ ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވުމުގެ ތުހުމަތު ފުލުހުން މީގެ ކުރިން ކުރި މީހެއްކަން ހާމަވެއްޖެއެވެ.
ބެންކޮކު ފުލުހުން ވަނީ، މިދިޔަ ހޯމަ ދުވަހު ފެށި ތަހުގީގެއްގައި، ސްޓެއިންލެސް ސްޓީލް އަށް ތައްޓާއި ކުޑަކުދިންގެ އަންނައުނާއި ކުޅޭ އެއްޗެހީގެ ތެރޭގައި ފޮރުވާފައިވާ މަސްތުވާތަކެއްޗާއެކު ދެ ދިވެހީން ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ. އެއީ އުމުރުން 46 އަހަރުގެ އަލީ ރާޝިދު އާއި 34 އަހަރުގެ މުހައްމަދު ވިސާމް ކަމަށް އެ ގައުމުގެ ފުލުހުން ބުނެފައިވެއެވެ.
"ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި، އޭގެ ތެރެއިން ވިސާމަކީ 2020 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި "މަސް ޖަރީ" ނަމަކަށް ކިޔާ ކަންނެލި ދޯންޏެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އުޅުނު ކަމަށް ތުހުމަތުކުރެވުނު މީހުންގެ ތެރޭގައި ހިމެނުނު މީހެކެވެ.
އެ މައްސަލައިގައި އިސްކޮށް އުޅުނު ކަމަށް ފުލުހުން ދެ މީހެއްގެ މައްޗަށް ތުހުމަތު ކުރިއިރު އޭގެ ތެރޭގައި، އޭރު 28 އަހަރުގެ ވިސާމް ހިމެނުނެވެ.
އެ މައްސަލައިގައި ދައުލަތުން 10 މީހެއްގެ މައްޗަށް ދައުވާކުރިއެވެ. ނަމަވެސް އޭގެ ތެރެއިން ހަތް މީހެއްގެ ދައުވާ އަނބުރާ ގެންދިޔައިރު އޭގެ ތެރޭގައި ވިސާމް ހިމެނުނެވެ. އެއަށްފަހު ޝަރީއަތް ހިންގީ ތިން މީހަކަށް ނަމަވެސް އެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތެއްނުވިއެވެ.
ތައިލެންޑުގެ ނޫސްތަކުގައިވާ ގޮތުން، ވިސާމް ޝާމިލުވާ މައްސަލައިގެ ތަހުގީގު ފެށީ ޕްރަތުނަމް ސަރަހައްދުގައި ހުންނަ ކާގޯ ކުންފުންޏެއްގެ މުވައްޒަފަކަށް ބޮޑެތި ޕާރުސަލްތަކަކުން އާދަޔާ ޚިލާފު ވަހެއް ދުވާތީ ޝައްކުވެގެން ފުލުހުންނަށް ރިޕޯޓުކުރުމުންނެވެ. އެ މުވައްޒަފު ވަނީ އެ ޕާރުސަލްތަކާ ހަވާލުވާން ދެކޮޅުހަދާފައެވެ. އެއަށްފަހު ފުލުހުން ހިންގި އޮޕަރޭޝަނުގައި، ރަޗަތޭވީ ޑިސްޓްރިކްޓްގެ ސޮއި ޕެޗަބުރީ 11 ގައި ހުންނަ އިމާރާތެއްގެ ތިރީގައި މި ޕާރުސަލްތައް ބަހައްޓައިގެން ތިއްބައި ފުލުހުން ވަނީ އެތަން ހޯދާފައެވެ.
ދެ ދިވެހިން ހައްޔަރުކުރީ އެހެން ޑެލިވަރީ ކުންފުންޏެއް މެދުވެރިކޮށް ޕާރުސަލްތައް ފޮނުވުމަށްޓަކައި ޓުކްޓުކް އަކަށް އަރުވަން މަސައްކަތް ކުރަނިކޮށް ކަމަށް ރިޕޯޓްތައް ބުނެއެވެ. ފުލުހުން އެތަން ބަލައި ފާސްކުރިއިރު، މަސްތުވާތަކެތީގެ އިތުރުން ޝިޕިންއަށް ބޭނުންކުރާ ބޮޑު ފަސް ފޮށި ފެނިފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ފަޔާ ތައި ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައިވާއިރު، އެ މީހުންގެ މައްޗަށް ވަނީ ހުއްދަނެތި ކެޓަގަރީ އެކެއްގެ މަސްތުވާތަކެތި ގެންގުޅުމާއި ވިއްކަން އުޅުމުގެ ދައުވާ އުފުލާފައެވެ.
ތައިލެންޑަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާ ގައުމެކެވެ. އެ ގައުމުގެ ގާނޫނުތަކުގައި ކެޓަގަރީ އެކެއްގެ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ މައްސަލަތަކުގައި އުމުރުދުވަހުގެ ޖަލު ހުކުމް ނުވަތަ މަރުގެ އަދަބު ވެސް ކަނޑައެޅުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް، ފުލުހުންގެ ތަހުގީގުގައި މި ދެ މީހުން ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.