އޮޅުވާލައިގެން މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ އަތުލައި، އޭގެ ތެރެއިން 50،000 ރުފިޔާ އޭޓީއެމް މެދުވެރިކޮށް ނެގުމުގެ ތުހުމަތުވާ މީހާގެ ބަންދަށް އިތުރު 30 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިފިއެވެ.
ސްކޭމްގެ މައްސަލައިގައި މާލެއަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ އެ މީހާ ފުރަތަމަ ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖެހީ މިމަހުގެ ދެވަނަ ދުވަހުގައެވެ. އެއަށްފަހު އެ މުއްދަތު ހަމަވުމުން މިއަދު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 30 ދުވަސް ޖަހާފައެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރެފައިވާ އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ވަނީ ހެކި ލިބިފައެވެ. އެގޮތުން މައްސަލައިގެ ސްނެޕް ޗެޓް ރިޕޯޓާއި ބޭންކް އޮފް މޯލްޑިވްސްއަށް ދިވެހި ފުލުހުންގެ ޚިދުމަތުން ފޮނުވި މެއިލްއާއި އޭގެ ރިޕްލައިގެ އިތުރުން، މައްސަލަ ހުށަހަޅާ ފަރާތުގެ ބަޔާނާއި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުން ތަހުގީގަށް ދީފައިވާ ބަޔާން ހިމެނޭކަމަށް އަމުރުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ކޯޓު އަމުރުގައި ވަނީ، މީހަކަށް އޮޅުވައިލައިގެން އޭނާގެ ބޭންކު އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާކަމަށާއި އޭގެތެރެއިން 50،000 ރުފިޔާ އޭޓީއެމް މެދުވެރިކޮށް ނަގާފައިވަނީ، މިއަދު ކޯޓަށް ހާޒިރުކުރި މީހާ ކަމަށް އިންވެސްޓިގޭޓިން އޮފިސަރު ފާހަގަކޮށްފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.
އެ މީހާ ވަނީ، ކަން ހިނގާފައިވާ ގޮތް އިންވެސްޓިގޭޓިން އޮފިސަރަށް ކިޔައިދީ ތަހުގީގަށް އެއްބާރުލުން ދީފައިވާނެ ކަމަށް ބުނެފައެވެ.
ސްކޭމްގެ މިފަދަ މައްސަލަތައް މިހާރު ވަނީ ރާއްޖޭގައި ވަރަށް ބޮޑަށް އާންމުވެފައެވެ.
ފުލުހުން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި، މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހަށް ސްކޭމްގެ 38 މައްސަލަ ރިޕޯޓޮށްފައިވެއެވެ. އެ މައްސަލަތަކުގައި 630,573.34 ރުފިޔާ ގެއްލިފައިވާއިރު، ހަފުތާއެއްތެރޭ އަނބުރާ ހޯދިފައިވަނީ 402,658.34 ރުފިޔާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.