މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ސްކޭމާ ގުޅުންހުރި 38 މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކޮށްފައިވާއިރު، އެ މައްސަލަތަކުގައި ހަ ލައްކަ ރުފިޔާ ގެއްލުނު ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ވަނީ މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހަށް ރިޕޯޓުކޮށްފައިވާ ސްކޭމްގެ މައްސަލަތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. އެ ތަފާސްހިސާބުތަކުން ދައްކާގޮތުން އެ މުއްދަތުގެ ތެރޭގައި ސްކޭމްގެ 38 މައްސަލަ ރިޕޯޓުކުރިއިރު އެ މައްސަލަތަކުގައި 630,573.34 ރުފިޔާ ވަނީ ގެއްލިފައެވެ. އަދި ފުލުހުންނަށް ހަފުތާއެއްތެރޭ އަނބުރާ ހޯދިފައިވަނީ 402,658.34 ރުފިޔާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
އެ މުއްދަތުގައި ރިޕޯޓުކުރި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:
- އީކޮމާސް/ އޮންލައިން ވިޔަފާރި: 13 މައްސަލަ
- ހުއްދަނެތި ހިންގި މުއާމަލާތްތައް: 9 މައްސަލަ
- ބުކިން ކެންސަލް/ ރީފަންޑް ސްކޭމް: 6 މައްސަލަ
- ކަރަންސީ އެކްސްޗޭންޖް ސްކޭމް: 5 މައްސަލަ
- އިމްޕާސަނޭޝަން ސްކޭމް: 4 މައްސަލަ
- އިންވެސްޓްމަންޓް ސްކޭމް: 1 މައްސަލަ
ފުލުހުން ވަނީ ސްކޭމަރުން ކޮޓަރި ބުކް ކުރުމަށްފަހު ކުއްލި ސަބަބެއް ދިމާވެއްޖެ ކަމަށް ބުނެ ބުކިން ކެންސަލްކޮށް ރީފަންޑަށް އެދޭ މައްސަލަތައް އަދިވެސް ފާހަގަކުރެވޭ ކަމަށް ބުނެފައެވެ. މިފަދަ މައްސަލަތަކުގައި ސްކޭމަރުން ފޮނުވަނީ ފޭކް ޕޭމަންޓް ސްލިޕްތަކެއް ކަމަށާއި ބޭންކް އެކައުންޓަށް ފައިސާ ޖަމާވިތޯ ޗެކްކުރުމެއް ނެތި ރީފަންޑް ދިނުމުގެ ސަބަބުން، އެ ފައިސާ އެކައުންޓަށް ޖަމާވެފައި ނުވާކަން އެނގެނީ މާ ފަހުން ކަމަށް އެ މުއައްސަސާއިން ބުނެފައިވެއެވެ.
އެހެންކަމުން ރީފަންޑް ދިނުމުގެ ކުރިން، ބޭންކް އެކައުންޓް ނުވަތަ ބޭންކް ސްޓޭޓްމަންޓް ޗެކްކޮށް، ފައިސާ ލިބިފައިވާކަން ޔަގީންކޮށް، އެކައުންޓަށް ފައިސާ ޖަމާވެފައި ނުވާނަމަ ރީފަންޑް ނުދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.