ރ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓުވޯކެއްގައި ހިމެނޭ 3 މީހުން ހައްޔަރުކޮށްފި

ހައްޔަރުކުރި ތިން މީހުން: އެއީ ރ. އަތޮޅުގައި ޑުރަގުގެ ވިޔަފާރިކުރާ ނެޓުވޯކެއްގައި ހިމެނޭ ތިން މީހުން ކަމަށް ފުލުހުން ބުނޭ --- ފޮޓޯ/ ފުލުހުން

ފުޅާ ދާއިރާއެއްގައި ރ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި ހިމެނޭ ތިން މީހުން ހައްޔަރުކޮށްފިއެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ، މަލަ، ރ. މާކުރަތު، ޠަލްޙަތު ނަސީމް (40އ)އާއި ފަލަކު، ރ. މާކުރަތު، އަޙްމަދު ޝާފިޢު (23އ)އާއި ބަނބުކެޔޮގަސްދޮށުގެ، ރ. މާކުރަތު، އިސްމާޢީލް ރަޝީދު (46އ)އެވެ.

ފުލުހުން ބުނީ، ޑިންގީއެއްގައި މާކުރަތަށް ފޭބި އެ ތިން މީހުން، ބަނދަރު ސަރަަހައްދުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދެ ދަޅު ފެނުނު ކަމަށެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 104 ގުރާމެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޠަލްޙަތު ނަސީމް 10 ދުވަހަށް ބަންދުކޮށް، އަޙްމަދު ޝާފިޢުއާއި އިސްމާޢީލް ރަޝީދު ހަތަރު ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުން ހައްޔަރުކުރުމަށް އޮޕަރޭޝަން ހިންގާފައި ވަނީ، ރ. މާކުރަތު ޕޮލިހާއި އުނގޫފާރު ޕޮލިހާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މަސްތުވާތަކެތީގެ މައްސަލަ ރާއްޖޭގައި ބޮޑުވެފައިވާއިރު، އެފަދަ މައްސަލަތަކުގައި ޒުވާނުން ހައްޔަރު ކުރާ މިންވަރު ވެސް މަދެއް ނޫނެވެ.

comment ކޮމެންޓް