ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދާ ޢުމްރާވެރިންގެ ތެރެއިން ރަށްރަށުގައި ތިބި މީހުންނަށް، އެ މީހުންނާ އެންމެ ކައިރި ސިއްހީ މަރުކަޒަކުން ވެސް ހިލޭ ވެކްސިން މިއަދުން ފެށިގެން ޖެހޭނެ ގޮތް އެ ކޯޕަރޭޝަނުން ހަމަޖައްސައިފިއެވެ.
ޙައްޖު ކޯޕަރޭޝަނުން މިއަދު ބުނީ މީގެ ކުރިން ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު އޮތީ މާލޭ ސަރަހައްދުގައި އެކަނި ކަމަށެވެ. އެ ކޯޕަރޭޝަނުން ބުނީ އަންނަ ނޮވެންބަރު މަހުގެ އުމްރާއިން ފެށިގެން ރަށްރަށުން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށެވެ.
މާލޭ ސަރަހައްދުގައި ދިރިއުޅޭ ޢުމްރާވެރިންނަށް ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ މާފަންނު އާބަން ޕްރައިމަރީ ހެލްތު ސެންޓަރުގައި ކަމަށާއި ރަށްރަށުން ވެކްސިން ޖެހުމަށް ބޭނުންވާ ޢުމްރާވެރިންނަށް ވެކްސިން އެންމެ ކައިރިން ލިބެން ހުރި ސިއްހީ މަރުކަޒަކުން އެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް، ޙައްޖު ކޯޕަރޭޝަނުން ބުންޏެވެ.
ޙައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި އެ ކޯޕަރޭޝަންގެ ފަހެލި ޕޯޓަލުން "ވެކްސިން ޖެހުމަށް އެދޭ ލިއުން" ނަގައި އެންމެ ކައިރި ސިއްހީ މަރުކަޒަކަށް ނުވަތަ ހޮސްޕިޓަލަކަށް ދިއުމުން ހިލޭ ވެކްސިން ޖެހުމުގެ އިންތިޒާމު މިއަދުން ފެށިގެން ވަނީ ހަމަޖެހިފައެވެ. އަދި އެ ލިއުން ބޭނުންކޮށްގެން ސަރުކާރުގެ ބޭސް ކުންފުނި ސްޓޭޓްފާމާގެ ބޭސްފިހާރަތަކުން އިންފްލުއެންޒާ ވެކްސިން ވެސް ހިލޭ ލިބޭނެ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.
ޙައްޖުވެރިންނާއި ޢުމްރާވެރިން ޖަހަންޖެހޭނީ އިންފްލުއެންޒާ، މެނިންޖައިޓިސް، އަދި ޕޯލިއޯ ވެކްސިނެވެ.
މި ޚިދުމަތް އާންމުންނާ ހަމައަށް ޙައްޖު ކޯޕަރޭޝަނުން ފޯރުކޮށްދިނުމަށް މަސައްކަތްކުރަނީ ސްޓޭޓްފާމާ އާ ގުޅިގެން ކަމަށް ވެސް ޙައްޖު ކޯޕަރޭޝަނުން ބުންޏެވެ.
ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް 'ސަން'އަށް މިއަދު ވިދާޅުވީ ނޮވެންބަރު ޢުމްރާއަށް ތަރުހީބު ރަނގަޅު ކަމަށާއި ޖާގަތައް މިހާރު ފުލްވެފައިވާ ކަމަށެވެ.
ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ނޮވެންބަރު ޢުމްރާއަށް ދާ ޢުމްރާވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29ވަނަ ދުވަހެވެ.