ޤާނޫނާ ޚިލާފަށް ހައްޔަރުކޮށް، ޑީޕޯޓްކޮށްލަން އުޅުނު ކަމަށް ބުނެ ބިދޭސީއަކު ސިވިލް ކޯޓުގައި މޯލްޑިވްސް އިމިގްރޭޝަނާ ދެކޮޅަށް އުފުލި ދައުވާއާ ގުޅިގެން، އިމިގްރޭޝަނުން އޭނާއާ މެދު އަޅާފައިވާ ފިޔަވަޅުތައް އުވާލައި މިނިވަންކުރުމުން އެ މައްސަލަ ކޯޓުން ބޭރުކޮށްފިއެވެ.
މި މައްސަލައަކީ ލެވަންޑިސް ސެލޫން އެންޑް ސްޕާ މަރާމާތަށް ބަންދުކޮށްފައި ވަނިކޮށް، 11 ޑިސެންބަރު 2025 ގައި ރައްޓެހިންނާއެކު ކެއްކުމުގެ މަސައްކަތުގައި އުޅެނިކޮށް، ކޯޓު އަމުރެއް ނެތި އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަނެއްގައި ހައްޔަރުކުރި ކަނަކްޕޮން ތަވޮންގްނާގެ ފަރާތުން ހުށަހެޅި ޖުޑީޝަލް ރިވިއު މައްސަލައެކެވެ.
ބިދޭސީ މީހާގެ ދައުވާގައި ބުނެފައިވަނީ، އިމިގްރޭޝަންގެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ނ) އާއި (ރ) ގެ ދަށުން އޭނާ ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށް، އަނބުރާ ޤައުމަށް ފޮނުވާލަން ނިންމީ ކުށެއް ނުކުރަނީސް އަދި ރާއްޖޭގައި ހުރުމުގެ ހުއްދަ ބާތިލުނުވަނީސް ކަމަށެވެ. އަދި އޭނާއަކީ އިނގިރޭސިބަހުން ލިޔަންކިޔަން ނޭނގޭ މީހަކަށްވެފައި، ތަރުޖަމާނަކު ނެތި އަދި ސްޕޮންސަރުގެ ޣައިރު ހާޟިރުގައި ބަޔާނެއްގައި ސޮއިކުރުވާފައި ވަނީ ޤާނޫނީ ގޮތުން ލިބެންޖެހޭ ޙައްޤުތަކުން މަހުރޫމްކޮށް، ޤާނޫނާ ޚިލާފަށް ކަމަށް ވެސް ދައުވާގައި ފާހަގަކޮށްފައިވެއެވެ.
ސިވިލް ކޯޓުގައި މައްސަލައިގެ ބަޔާން ބަދަލުކުރުމުގެ މަރުހަލާ ނިމިފައިވަނިކޮށް، މިދިޔަ މަހުގެ 12 ގައި ދައުވާކުރާ ފަރާތުން ވަނީ ދައުވާ އަނބުރާ ގެންދިއުމަށް ފޯމު ހުށަހަޅާފައެވެ. އަދި ދައުވާ އަނބުރާ ގެންދިޔަ ސަބަބެއް ކަމަށް އޭނާ ބުނެފައި ވަނީ، އިމިގްރޭޝަނުން އޭނާއާ މެދު އަޅާފައިވާ ފިޔަވަޅުތައް އުވާލައި، ގެއްލިފައިވާ މިނިވަންކަން އަނބުރާ ދީފައި ވާތީއެވެ.
މި މައްސަލައިގައި ދައުވާ އަނބުރާ ގެންދިއުމަށް ދައުލަތުގެ އިއުތިރާޟެއް ނެތުމުންނާއި ޤާނޫނީ ހުރަހެއް ނެތުމުން، ގާޟީ ޢާއިޝަތު ޢަޒުފާ ޢަބްދުލްޣަފޫރު ވަނީ 21 ސެޕްޓެމްބަރު 2026 ގައި އެ މައްސަލަ އަނބުރާ ގެންގޮސްފައިވާ ކަމަށް ކަނޑައަޅުއްވައި، ޤަޟިއްޔާ ނިންމަވާފައެވެ.