ބުރިޖުގެ ތަނބުގައި ޖެހުނު ބޮޑު ދެ ތެޔޮ ބޯޓު ދިޔަވެ އަޑިއަށް ހިނގައްޖެއެވެ.
އެމްއެންޑީއެފުން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި މާލޭ ބަނދަރުގައި އޮތް ދެ ބޯޓު، ރޭ ބުރިޖުގެ ދަށުން އޮޔާ ގޮސް މާލެ އަތޮޅުން ބޭރަށް ދާތީ، ބޯޓުގައި ތިބި ނުވަ ފަޅުވެރިން ވަނީ ސަލާމަތްކޮށްފައެވެ.
އަދި ތެޔޮ އުފުލާ މި ދެ ބޯޓަކީ ވަރަށް ބައުވެފައިވާ ދެ ބޯޓު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ހަމައެއާއެކު މި ދެ ބޯޓު ވަނީ ދިޔަވެ މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފައި ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދިނެވެ.
ރޭ ގާތްގަނޑަކަށް 10:30 ހާއިރު ހިނގި މި ހާދިސާގައި އޮޔާ ގޮސްފައި ވަނީ ހުއްދަ ނެތި ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅުމުން އަތުލައިގެންފައިވާ ދެ ބޯޓުކަން "ސަން" އަށް ވަނީ އެނގިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސިނަމާލެ ބްރިޖަށް އުރުނު މި ދެ ބޯޓުގައި އިންޑިއާގެ 20 ފަޅުވެރިން ތިއްބެވެ. އެއީ "ކޭޖީ 1" ގައި ތިބި 9 މީހުންނާއި "އޭއެލް 1" ގައި ތިބި 11 މީހުންނެވެ.
މި މީހުންނަށް ކާބޯތަކެއްޗާއި ފެނާއި ތެޔޮ ހުސްވެ، ހާލުގައި ޖެހިފައިވާތީ އިންސާނީ އެހީތެރިކަމަށް އެދި އިންޑިއާގެ ނޭޝަނަލް ޔޫނިއަން އޮފް ސީފެއަރާސް (ނޫސީ) އިން މިދިޔަ ޖުލައި މަހު ވަނީ ގޮވާލައިފައެވެ. އަދި ބޯޓުތަކުގެ ނަގިލި ކަނޑައިގެން ގޮސް، ފަޅުވެރިންނާއި ކައިރީގައިވާ އެހެން އުޅަނދުތަކަށް ނުރައްކާ އޮތް ކަމަށް ވެސް އެ ޔޫނިއަނުން އޭރު ބުނެފައިވެއެވެ.
މި މީހުންގެ މައުލޫމާތު އެނގޭ ރަސްމީ ފަރާތަކުން "ސަން" އަށް މައުލޫމާތު ދިން ގޮތުގައި، ބޯޓުގައި ތިބި މީހުން މިހާރު ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައެވެ. އަދި 20 މީހުންގެ ތެރެއިން ގިނަ މީހުން ފުރައިގެން ގޮސްފައިވާއިރު، މިހާރު ތިބި 9 މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި ހާދިސާއާ ގުޅޭގޮތުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ މާލެ ކައިރީ އަޅާފައި އޮއްވާ އޮޔާސް ގޮސް، ސިނަމާލެ ބުރިޖަށް ތެޔޮ ބޯޓުތައް އުރުނު ހާދިސާގައި ބުރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ލިބިފައި ނެތް ނަމަވެސް ކުދި ކޫރު އެޅިފައިވާ ކަމަށެވެ. އެ ކޫރުތައް ބުރިޖު ބަލަހައްޓާ ސީއެޗްއީސީއިން ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް މަރާމާތުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.