ރިޔާޒުގެ އެއާޕޯޓް ކައިރިން ބާރުގަދަ ގޮވުންތަކަކަށްފަހު އަލިފާން ރޯވެ، ފްލައިޓުތަކަށް ބުރޫއަރައިފި

ރިޔާޒުގެ އެއާޕޯޓު ސަރަހައްދުން އަރަމުން އަންނަ ކަޅު ދުންގަނޑު -- ފޮޓޯ: ބީބީސީ

ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒަށް ވައިގެ ހަމަލާތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނެރުނުތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އެ ސިޓީގެ ބައިނަލްއަގުވާމީ އެއާޕޯޓް ކައިރިން ބޯ ކަޅު ދުން އަރަމުންދާ މަންޒަރު ފެނިއްޖެއެވެ.

މިއީ ޔަމަނުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ހޫޘީ ހަނގުރާމަވެރިންގެ ހަމަލާތައް ވަރުގަދަވި ފަހުން، ރިޔާޒުގެ ރައްޔިތުންނަށް ގެއިން ބޭރަށް ނުނިކުތުމަށް އަންގައި މިފަދަ އިންޒާރެއް ދިން ފުރަތަމަ ފަހަރެވެ.

މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެލާޓް ނެރުނުތާ މާގިނައިރުތަކެއް ނުވެ ވެރިރަށުގެ އެކި ހިސާބުތަކުން ބާރުގަދަ ގޮވުންތަކެއްގެ އަޑު ވަނީ އިވިފައެވެ. އަދި ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓްގެ އޮޕަރޭޝަންތަކަށް ބޮޑެތި ބުރޫތަކެއް އަރައި، ގިނަ ފްލައިޓުތަކެއް ވަނީ ޑިލޭވެ، އަދި ބައެއް ފްލައިޓުތައް ކެންސަލްކޮށްފައެވެ.

އޭއެފްޕީގެ ނޫސްވެރިން މައުލޫމާތު ދޭ ގޮތުގައި، ސައޫދީ ސަރުކާރުގެ ތެޔޮ ކުންފުނި އަރާމްކޯގެ ތެޔޮ ޓޭންކެއްގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމަށް ފަޔާފައިޓަރުން ދަނީ ހަރަކާތްތެރިވަމުންނެވެ. އެހެންނަމަވެސް، މި ހާދިސާއާ ގުޅިގެން ސައޫދީ ސަރުކާރުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި ރަސްމީކޮށް ބަހެއް ބުނެފައެއް ނުވެއެވެ.

ރިޔާޒާއި ކައިރި ސަރަހައްދުތަކަށް ނުރައްކާ އޮތް ކަމަށް ބުނެ ސައޫދީގެ ސިވިލް ޑިފެންސުން ރޭގަނޑުގެ ވަގުތެއްގައި އާންމުންގެ ފޯނުތަކަށް މެސެޖު ފޮނުވި ނަމަވެސް، ހޮނިހިރު ދުވަހުގެ ހެނދުނު ވަނީ ނުރައްކާ ފިލައިގޮސްފައިވާ ކަމަށް އަންގާފައެވެ. ނަން ހާމަނުކުރުމަށް އެދި ރިޔާޒުގެ ބައެއް ރައްޔިތުން ބުނެފައިވަނީ، އެލާޓްތަކަށްފަހު މުޅި ސިޓީ ގުޑައިގެންދާ ފަދަ އަޑުތަކެއް އިވުނު ކަމަށާއި، އެއާޕޯޓާ ދިމާލުން އަލިފާނާއި ދުން އަރާތަން ފެނުނު ކަމަށެވެ.

މި ހާދިސާ ހިނގާފައި މިވަނީ، މައްކާގެ ދެކުނުން ދަތުރުކުރި ހޫޘީންގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށް ސައޫދީން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި ބާރުގަދަކުރަމުންދާ ހޫޘީ ހަނގުރާމަވެރިން ވަނީ ދާދިފަހުން ސްޓްރެޓީޖިކް ގޮތުން މުހިންމު ބަނދަރު ސިޓީއެއް ކަމަށްވާ މޮޚާއާއި ޕެރިމް އައިލެންޑްގެ ކޮންޓްރޯލް ހޯދާފައެވެ. މި ސަރަހައްދަކީ ގަލްފުގެ ގައުމުތަކުން އޭޝިއާއަށާއި ޔޫރަޕަށް މުދަލާއި ތެޔޮ ބޭރުކުރާ މައިގަނޑު ކަނޑުގެ މަގެވެ.

ހޫޘީން ބުނާ ގޮތުގައި، ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ޔަމަނުގެ ހުޅަނގު އުތުރުގެ ބަނދަރުތަކާއި އެއާޕޯޓްތައް ބަންދުކޮށްފައިވާތީ، އެކަމުގެ ބަދަލުހިފުމުގެ ގޮތުން އެމީހުން ވަނީ ކަނޑުގެ ދަތުރުފަތުރަށް ހުރަސްއަޅައި ބްލޮކޭޑެއް ގާއިމުކޮށްފައެވެ. އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅި ބަންދުވެފައިވާއިރު، ސައޫދީ އަރަބިއްޔާއިން ތެޔޮ ބޭރުކުރުމަށް މައިގަނޑު ގޮތެއްގައި ބަރޯސާވަމުން އަންނަނީ ރަތްކަނޑުގެ މި ސަރަހައްދަށެވެ.

comment ކޮމެންޓް