އަންނަ 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ބޮޑެތި މަލްޓިނޭޝަނަލް ކުންފުނިތަކުގެ އަތުން މަދުވެގެން 15 އިންސައްތައިގެ ޑޮމެސްޓިކް މިނިމަމް ޓޮޕް-އަޕް ޓެކުހެއް ނަގާކަން ސައޫދީ އަރަބިއްޔާގެ ޒަކާތް، ޓެކްސް އަދި ކަސްޓަމްސް އޮތޯރިޓީ (ޒަޓްކާ) އިން އިއުލާންކޮށްފިއެވެ.
ބުރާސްފަތި ދުވަހު ޒަޓްކާއިން ބުނި ގޮތުގައި، މި ފިޔަވަޅުގެ މަގުސަދަކީ އެ ގައުމުގެ ޓެކްސް އާމްދަނީ ރައްކާތެރިކުރުމާއި ބައިނަލްއަގުވާމީ ޓެކްސް މިންގަނޑުތަކާ އެއްގޮތަށް ގަވާއިދުތައް ބައްޓަންކުރުމެވެ. މި ގާނޫނުގެ ދެލިކޮޕީގައި 75 ސަފުހާގެ މައްޗަށް އެކުލެވޭ 106 މާއްދާ ހިމެނެއެވެ.
ޒަޓްކާއިން ބުނި ގޮތުގައި، މި ޓެކްސް ނަގާނީ އަހަރަކު މަދުވެގެން 750 މިލިއަން ޔޫރޯ (823 މިލިއަން އެމެރިކާ ޑޮލަރު) ނުވަތަ އެއާ އެއްވަރުގެ ސައޫދީ ރިޔާލުގެ އެއްކޮށްލެވިފައިވާ އާމްދަނީއެއް ލިބޭ މަލްޓިނޭޝަނަލް ގްރޫޕުތަކުގައި ހިމެނޭ ކުންފުނިތަކުންނެވެ. މި ޝަރުތު ފުރިހަމަވުމަށްޓަކައި، ޓެކްސް ހިނގާ އަހަރުގެ ކުރީގެ ހަތަރު މާލީ އަހަރުގެ ތެރެއިން މަދުވެގެން ދެ އަހަރު، އެ ގްރޫޕެއްގެ މައި ކުންފުނީގެ މާލީ ހިސާބުތަކުން އެ އަދަދަށް އާމްދަނީ ލިބިފައި އޮންނަންޖެހެއެވެ.
މި ޓެކްސް ސައޫދީ އަރަބިއްޔާގައި ހިންގާ ހުރިހާ ވިޔަފާރިތަކަކަށް ނުހިނގާނެ ކަމަށް އެ އިދާރާއިން ބުންޏެވެ. އެގޮތުން، ބައިނަލްއަގުވާމީ ފެންވަރުގައި ވިޔަފާރި ނުކުރާ އަދި މަލްޓިނޭޝަނަލް ގްރޫޕެއްގައި ނުހިމެނޭ ހަމައެކަނި އެ ގައުމުގެ އެތެރޭގެ ވިޔަފާރިތައް މި ޓެކުހުން އިސްތިސްނާވާނެއެވެ. މީގެ އިތުރުން، 15 އިންސައްތައިގެ ރޭޓް ހިނގާނީ ކުންފުންޏަކަށް ލިބޭ ޖުމްލަ އާމްދަނީގެ މައްޗަކަށް ނޫން ކަމަށާއި، އެއީ ސައޫދީ އަރަބިއްޔާގައި ލިބޭ ފައިދާއިން ނެގޭ ހަގީގީ ޓެކުހުގެ ނިސްބަތް ކަމަށް ޒަޓްކާއިން ފާހަގަކުރިއެވެ. ކުންފުންޏަކުން ދައްކާ ޓެކުހުގެ ނިސްބަތް 15 އިންސައްތައަށް ވުރެ ދަށްވާ ނަމަ، އެ މިންވަރަށް ހަމަކުރުމަށް އިތުރު ޓެކްސް ނެގޭނެއެވެ.
މި ނިންމުމަކީ އޯގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯ-އޮޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯއީސީޑީ) އާއި ޖީ20 ގުޅިގެން އެކުލަވާލާފައިވާ ގްލޯބަލް އެންޓި-ބޭސް އިރޯޝަން (ގްލޯބް) ގަވާއިދުތަކުގެ ދެވަނަ ތަނބު ކަމަށްވާ ޕިލާ ޓޫ އޮނިގަނޑުގެ ދަށުން އެޅި ފިޔަވަޅެކެވެ. އޯއީސީޑީން ބުނެފައިވާ ގޮތުގައި، މި އޮނިގަނޑަކީ ޓެކްސް ކުޑަ ގައުމުތަކަށް ފައިދާ ބަދަލުކުރުން ހުއްޓުވައި، ކުންފުނިތަކުން ހަރަކާތްތެރިވާ ކޮންމެ ގައުމެއްގައިވެސް މަދުވެގެން 15 އިންސައްތައިގެ ޓެކުހެއް ދައްކަންޖެހޭ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ.