ސައުދީ އަރަބިއްޔާގެ ޖިއްދާއާއި، މައްކާގެ ހޮޓާތަކުގެ އިތުރުން މަސްޖިދުލް ޙަރާމާ ދެމެދު ދަތުރުކުރުމަށް ހޭދަވާ ވަގުތު 90 އިންސައްތައާ ހަމައަށް ކުޑަކޮށްދޭ، މައްކާގެ ތިންވަނަ ރިންގް ރޯޑުގެ އާ ބައި ރަސްމީކޮށް ހުޅުވައިފިއެވެ.
ރޯޔަލް ކޮމިޝަން ފޯ މައްކާ ސިޓީ އެންޑް ހޯލީ ސައިޓްސްއިން ހާމަކޮށްފައިވާ ގޮތުގައި، މައްކާ ވަށައިގެން އޮންނަ ހަތަރު ރިންގް ރޯޑުގެ ތެރެއިން މި މަގުގެ އަލަށް އިތުރުކުރި ބައި ހުޅުވުމާއެކު މަސްޖިދުލް ޙަރާމަށާއި މިނާގެ ޖަމްރާތަށް ދަތުރުކުރާ ވަގުތު ބޮޑުތަނުން ކުޑަވެގެންދާނެއެވެ.
މި މަގުގެ ސަބަބުން ދަތުރުކުރާ ރާސްތާތައް ވަނީ ވަރަށް ބޮޑަށް ކުރުވެފައެވެ. އެގޮތުން ޕްރިންސް މުތުއިބު އިންޓަސެކްޝަނުން ފެށިގެން މަސްޖިދުލް ޙަރާމަށް ދިއުމަށް ކުރިން އޮތް 16.5 ކިލޯމީޓަރުގެ ރާސްތާ މިހާރު ވަނީ 6.5 ކިލޯމީޓަރަށް ކުރުވެފައެވެ. އަދި ޖަމްރާތަށް ދިއުމަށް ކުރިން ހޭދަވި 12 ކިލޯމީޓަރުގެ ދުރުމިން މިހާރު ވަނީ ހަތަރު ކިލޯމީޓަރަށް ކުޑަވެފައެވެ.
މަވާކިބު އަލްޚައިރު ފޯ ޓްރާންސްޕޯޓޭޝަންގެ މެނޭޖަރު އަލީ އަބްދުލް ލަތީފް އަރަބް ނިއުސްއަށް ވިދާޅުވީ، ރާސްތާތައް ކުރުވުމުގެ ސަބަބުން ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތަކަށާއި އަޅުކަމަށް ދާ މީހުންނަށް ގިނަ ވަގުތުތަކެއް ސަލާމަތްވާނެ ކަމަށާއި، އަދި ވިޔަފާރިތައް ފުޅާކުރުމަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.
އަލްފަތަޙް ޓްރާންސްޕޯޓް ކޮމްޕެނީގެ ސައްޔިދު އަލްމުޙައްމަދު ފާހަގަކުރެއްވި ގޮތުގައި، ޖިއްދާ އެއާޕޯޓާއި މައްކާގެ ހޮޓާތަކާ ދެމެދު ދުވާލަކު 235 ބަސް އެ ކުންފުނިން އޮޕަރޭޓްކުރާއިރު، ޓްރެފިކް ބާރުބޮޑުވުމާއި ނަމާދު ވަގުތުތަކާ ދިމާކޮށް މަގުތައް ބަންދުކުރުމުގެ ސަބަބުން މީހުން ބޭލުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެއެވެ. ނަމަވެސް އާ ރިންގް ރޯޑުގެ ސަބަބުން މަޑުކުރަންޖެހޭ ވަގުތު މަދުވެ، އިތުރު ދަތުރުތައް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މައްކާގައި ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާ ޖުނައިދު ތާރިޤު ބުނި ގޮތުގައި، ކުރިން ޓްރެފިކްގެ ސަބަބުން ދުވާލަކު ޚިދުމަތް ދެވެނީ 30 އާއި 40 އާ ދެމެދުގެ އަދަދެއްގެ ފަސިންޖަރުންނަށް ނަމަވެސް، މި އާ މަގާއެކު ދަތުރުތައް އަވަސްވެ، ގިނަ ބަޔަކަށް ޚިދުމަތް ދީގެން އާމްދަނީ އިތުރުކުރުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.
ދެކޮޅަށް ދުވާލަކު 170،000 އުޅަނދަށް ދަތުރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި މަގަކީ، ޙައްޖާއި އުމްރާގެ މޫސުމުގައި މައްކާއަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވަމުންދާތީ، އެ ސިޓީގެ ދަތުރުފަތުރުގެ އުމްރާނީ ތަރައްޤީ ހަރުދަނާކުރުމަށް ކުރިއަށްގެންދާ ފުޅާ މަޝްރޫޢުގެ މުހިންމު ބައެކެވެ.