ދަ ޔުނިކޯޑް ކޮންސޯޓިއަމްއިން މިއަދު ނެރެފައިވާ ޔުނިކޯޑް ސްޓޭންޑާޑްގެ ވާޝަން ޔުނިކޯޑް 18.0 ގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނައިފިއެވެ.
ރުފިޔާގެ ރަސްމީ ނިޝާނެއްގެ ގޮތުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ތާނައިގެ ރާ އަކުރުގެ މެދުން އިތުރު ރޮނގެއް ދެމުމުން އިންނަ ގޮތަށް ފަރުމާކޮށްފައިވާ ނިޝާނެކެވެ.
ޔުނިކޯޑް ސްޓޭންޑާޑް ވާޝަން 18.0 އިން ދިވެހި ރުފިޔާގެ ނިޝާނަށް ދީފައިވާ ކޯޑް ޕޮއިންޓަކީ U+20C2 އެވެ.
އެމްއެމްއޭއިން ބުނީ އެ އޮތޯރިޓީން 2022 ވަނަ އަހަރު ތައާރަފުކޮށްފައިވާ ދިވެހި ރުފިޔާގެ ނިޝާން ޔުނިކޯޑް ސްޓޭންޑާޑްގައި ހިމެނުމުން، ވެބްސައިޓްތަކާއި މޯބައިލް އެޕްލިކޭޝަންތަކުގެ އިތުރުން އެކިއެކި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ދިވެހި ރުފިޔާގެ ނިޝާން އެއް މިންގަނޑަކަށް ބޭނުންކުރެވޭނެ ކަމަށެވެ.
ހަމައެއާއެކު މިއީ ޑިޖިޓަލް ވަސީލަތްތަކުގައި ދިވެހި ރުފިޔާގެ ނިޝާން ފަސޭހަ ކަމާއެކު ބޭނުންކުރެވޭނެ ގޮތް ހެދުމުގައި ހާސިލްވި މުހިންމު ލަނޑުދަނޑިއެއް ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ. އަދި ޔުނިކޯޑް ސްޓޭންޑާޑްގައި ދިވެހި ރުފިޔާގެ ނިޝާން ހިމެނުމަށް އެ އޮތޯރިޓީއަށް މަސައްކަތްކޮށްދެއްވި އެންމެހައި ފަރާތްތަކަށް އެމްއެމްއޭއިން ވަނީ ޝުކުރުއަދާކޮށްފައެވެ.
ޔުނިކޯޑް ކޮންސޯޓިއަމްއަކީ ޑިޖިޓަލް ޕްލެޓްފޯމްތަކުގައި އެކި ގައުމުތަކުގެ ފައިސާގެ ނިޝާންތައް އެއް މިންގަނޑަކުން ދެނެގަނެވޭ ގޮތަށް ހަދައި، އެކަން ބަލަހައްޓާ އިދާރާއެކެވެ.
ނަމަވެސް އެ ގައުމެއްގެ ފައިސާގެ ނިޝާންތައް ތައްޔާރުކޮށް، ޑިޒައިން ކުރުމަކީ އެ ގައުމެއްގެ ރަސްމީ އިދާރާތަކުން އަމިއްލައަށް ކުރާ ކަމެކެވެ.