ދިވެހި ރުފިޔާއަށް މުއާމަލާތްތައް ބަދަލުކުރަން ދިހަވަރަކަށް އަހަރު ނަގާނެކަމަށް ލަފާކުރެވޭ: ރައީސް

2 މާރިޗު 2026: ރައީސް ޑރ. މުޙައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އެތެރޭގެ ހުރިހާ މުއާމަލާތްތަކެއް ދިވެހި ރުފިޔާއިން ކުރެވޭ ނިޒާމަކަށް ފުރިހަމައަށް ބަދަލުކުރުމަށް ޓަކައި ދިހަވަރަކަށް އަހަރުގެ މުއްދަތެއް ނަގާނެ ކަމަށް ލަފާކުރެއްވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ބިލު ތަސްދީގުކުރެއްވުމަށް ޓަކައި މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ޤާނޫނީ ފައިސާ ނުވަތަ ލީގަލް ޓެންޑަރަކީ ދިވެހި ރުފިޔާ ކަމަށާއި، ހުރިހާ މުއާމަލާތެއް ދިވެހި ރުފިޔާއިން ކުރެވޭ ދިމާލަށް ދިއުމަކީ ސަރުކާރުގެ ސީދާ ސިޔާސަތު ކަމަށެވެ.

މިއީ ކަމާބެހޭ ހުރިހާ މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދަންޖެހޭ މަސައްކަތެއް ކަމަށާއި، މިއީ އެއްދުވަހުން ދެދުވަހުން ކުރެވޭނެ ކަމެއް ނޫންކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

https://sun.mv/226757

ރައީސް އިތުރަށް ވިދާޅުވީ، މިއީ ރާއްޖޭގެ އިންވެސްޓްމަންޓްތަކާއި ނަގާފައިވާ ލޯނުތަކާ ގުޅިފައިވާ މުހިންމު ކަމަކަށް ވާތީ، މުޅި ނިޒާމު އެއްކޮށް ބަދަލުކުރުމަށް ދިހަވަރަކަށް އަހަރުގެ ރާސްތާއެއް ނަގާނެ ކަމަށް ޤަބޫލުފުޅުކުރެއްވޭ ކަމަށެވެ.

އެގޮތުން 2035 ނުވަތަ 2036 ވަނަ އަހަރާ ހިސާބަށް ދާއިރު މުޅި ނިޒާމު އެއްކޮށް ބަދަލުކުރެވޭނެ ކަމަށް ލަފާކުރެއްވޭ ކަމަށާއި، މި ބަދަލު ގެންނަންވާނީ ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅައި، ވަރަށް ފަރުވާތެރިކަމާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު އޮތީ ބޭރު ފައިސާ، ޚާއްސަކޮށް ޑޮލަރު ވަރަށް ބޮޑަށް ބޭނުންކުރެވޭ "މަސްހުނި" ނިޒާމެއް ކަމުން، އެ ހަގީގަތްތަކަށް ރިއާޔަތްކޮށް ތަފްސީލީ ގޮތެއްގައި މަސައްކަތް ކުރަންޖެހޭކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، ރާއްޖޭގެ އެތެރޭގެ ހުރިހާ މުއާމަލާތްތަކެއް ދިވެހި ރުފިޔާއިން ކުރާ ގޮތަށް 2030 ވަނަ އަހަރާ ހަމައަށް ބަދަލުކުރުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަމާޒެއް ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވަނީ މި މަހުގެ 24 ވަނަ ދުވަހު ވިދާޅުވެފައެވެ.

https://sun.mv/226461

އޭގެ ތެރޭގައި ޑޮލަރުން މުސާރަ ދިނުމާއި، ރާއްޖޭގެ އެތެރޭގައި ދެވޭ ޚިދުމަތްތަކަށް ޑޮލަރުން އަގު ނެގުން ހުއްޓާލުން ހިމެނެއެވެ.
ގަވަރުނަރު މުނައްވަރު ވިދާޅުވެފައިވަނީ، މިއީ ގާތްގަނޑަކަށް 40 ނުވަތަ 50 އަހަރު ވެފައިވާ ނިޒާމަކަށް ގެންނަ ބޮޑު ބަދަލަކަށް ވާތީ، މިއީ އެއްވެސް ހާލެއްގައި "އޯވަނައިޓްކޮށް" ނުވަތަ ކުއްލިއަކަށް ގެނެވޭނެ ބަދަލެއް ނޫން ކަމަށެވެ.

އެހެންނަމަވެސް އެމްއެމްއޭގެ ދުރު ރާސްތާގެ ވިސްނުމަކީ 2030 އާ ހަމައަށް ދާއިރު ރާއްޖޭގެ ހުރިހާ މުއާމަލާތްތަކެއް ދިވެހި ރުފިޔާއަށް ބަދަލުވުން ކަމަށާއި، މިއީ މީގެ ކުރީގެ ގަވަރުނަރުން ވެސް ގެންގުޅުއްވި ވިސްނުންފުޅެއް ކަމަށް މުނައްވަރު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް