މާލޭ ފަތާ ޓްރެކް ސަރަހައްދުގައި ޕާކުކޮށްފައިހުރި ސައިކަލެއްގެ މަޑިދަށުން ވަގަށްނެގި 150،000 ރުފިޔާގެ 95،000 ރުފިޔާ ހޯދައިދީފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނީ މާލެ ފަތާ ޓްރެކް ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން 150،000 ރުފިޔާ ވަގަށްނަގާފައިވާ މައްސަލަ ފުލުހަށް ރިޕޯޓުކުރީ މިދިޔަ ބުދަ ދުވަހުގެ ރޭ ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖް ބަލައި، ސައިކަލު މަޑިދަށުން ފައިސާ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ މީހާ ހޯދައި، އެ މީހާ ފުލުހަށް ހާޒިރުކޮށް ސުވާލުކުރުމުން، ފައިސާ ނެގިކަމަށް އޭނާ އިއުތިރާފުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ވަނީ ހަވާލުކޮށްފައި ކަމަށެވެ. އަދި އިތުރު 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ވަނީ ޖަމާކޮށްދީފައެވެ. މި ފައިސާގެ ތެރެއިން 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ދަނީ ކުރަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.