މާލޭ މަސްމާރުކޭޓާ ދިމާ ބޭރު ތޮށިގަނޑު ސަރަޙައްދުން ބިދޭސީއަކު މަޑިއެއް ހިފައި، އެއްގަމަށް ނަގައިގެން އުޅުނު މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އަތުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ދެ ވީޑިއޯއަކުން ފެންނަ ގޮތުގައި، ބިދޭސީއެއް ކަމަށް ބެލެވޭ މީހަކު ވަނީ އެ ސަރަޙައްދުގެ ތޮށިގަނޑު ކައިރީގައި އޮތް މަޑިއެއްގައި ބުޅި ޖަހައިގެން އެއްގަމު ތޮށިގަނޑު މައްޗަށް އަރުވާފައެވެ. އެ ސަރަޙައްދަކީ އާންމުކޮށް ވެސް ގިނަ އަދަދަކަށް މަޑި އެއްވާ ސަރަޙައްދެކެވެ.
ބެލެވޭ ގޮތުގައި އެ މީހާ މި ކަން ހިންގާފައިވަނީ އެ ވަގުތު އެ ތަނުގައި ތިބި ގިނަ އަދަދެއްގެ ފަތުރުވެރިންނަށް އެ މަންޒަރު ދެއްކުމުގެ ބޭނުމުގައެވެ. އަދި އެއްގަމަށް މަޑި އެރުވުމުން އެ ތަނުގައި ތިބި ފަތުރުވެރިން އޭގެ ފޮޓޯ ނަގަމުންދިޔަ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ. ނަމަވެސް، މި ހާދިސާ ހިނގާފައިވަނީ ސީދާ ކޮން ތާރީޚެއްގައި އަދި ކޮން ވަގުތަކު ކަމެއް އަދި ސާފެއް ނުވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވިދާޅުވީ، އެފަދަ މައްސަލައެއް އެއްވެސް ފަރާތަކުން ރަސްމީކޮށް ހުށަހަޅާފައި ނުވި ނަމަވެސް، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
https://x.com/oopsrrrr/status/2103773376796119158
މި ކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވީ، ބިދޭސީން މިފަދަ ޣައިރުގާނޫނީ އަމަލުތައް ހިންގަން ޖެހިލުންނުވަނީ، އެކަންކަމަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅި، ގާނޫނީ ޒިންމާއިން ރެކެވޭނެކަމުގެ ފުރުސަތު އޮތުމުން ކަމަށެވެ. އަދި ގައުމުގެ ރައްޔިތުން އަމިއްލައަށް ވެސް ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތާ މަންޒަރު ފެނުމަކީ މިފަދަ ކަންކަމަށް ލިބޭ ހިތްވަރެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން މެންބަރު ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައި ބިދޭސީ މަސައްކަތްތެރިން ގާނޫނާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބަނީ، އެ ގައުމުތަކުގައި ގާނޫނު ތަންފީޒުކުރުމުގައި ހަރުދަނާ އަދި ހަރުކަށި އުސޫލުތަކެއް ގެންގުޅޭތީ ކަމަށެވެ.
ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މަޑީގެ ބާވަތްތަކަކީ ހިމާޔަތްކުރެވިފައިވާ، އަދި އެ ތަކެއްޗަށް ގޯނާކުރުމާއި ހިފުން މަނާކޮށްފައިވާ ދިރުންތަކެކެވެ.