"ގްރޭޓާ ބްރިކްސް"ގެ ނަމުގައި އާ އިސްނެގުންތަކެއް ޗައިނާގެ ރައީސް ހުށަހަޅުއްވައިފި

"ގްރޭޓާ ބްރިކްސް" ގެ ނަމުގައި އެ ޖަމާއަތުގެ ގައުމުތަކުގެ މެދުގައި އިގުތިސާދީ އަދި ޓެކްނޮލޮޖީގެ ގުޅުން ބަދަހިކުރުމަށް އާ އިސްނެގުންތަކެއް ޗައިނާގެ ރައީސް ޝީ ޖިންޕިންގް ހުށަހަޅުއްވައިފިއެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އިއްޔެ އާއި މިއަދު ކުރިއަށްދިޔަ 18 ވަނަ ބްރިކްސް ސަމިޓުގައި ވާހަކަދައްކަވަމުން ޝީ ވަނީ، ގްލޯބަލް ސައުތުގެ ގައުމުތަކުގެ ތަރައްގީއަށް ބްރިކްސްއަކީ އަމަލީ މަންސައަކަށް ހެދުމަށް ގޮވާލައްވާފައެވެ. މިގޮތުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އޭނާ ވަނީ ފަސް ކަމެއް ހުށަހަޅުއްވާފައެވެ.

މީގެ ތެރޭގައި ޑިޖިޓަލް ސިނާއަތާއި ސްމާޓް މެނުފެކްޗަރިންގް އަދި ހުނަރުވެރިން ބިނާކުރުން ހިމެނެއެވެ. ޗައިނާގެ ރަސްމީ ނޫސް އޭޖެންސީ ޝިންހުއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޝީ ވިދާޅުވީ ގްރޭޓާ ބްރިކްސްގެ ކާމިޔާބީ ބިނާވެފައިވަނީ އަމަލީ ގޮތުން ގުޅިގެން މަސައްކަތް ކުރެވޭނެ ހަރުދަނާ ބިންގަލެއް އެޅުމުގެ މައްޗަށެވެ.

https://www.sun.mv/227336

ޗައިނާއިން އިސްނަގައިގެން "ބްރިކްސް އޭއައި އޯޕަން ސޯސް ޒޯން" އެއް ގާއިމުކުރާނެ ކަމަށް ޝީ ވިދާޅުވިއެވެ. މިއީ އޭއައި ޓްރެއިނިންގްއާއި ލާޖް ލޭންގުއޭޖް މޮޑެލްތައް ތަރައްގީކުރުމުގައި ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކޮށް، ހުޅުވާލެވިފައިވާ އޭއައި އީކޯސިސްޓަމެއް އުފެއްދުމަށް ހުށަހެޅި ޒޯނެކެވެ.

މީގެ އިތުރުން، ވިޔަފާރިއާއި އިންވެސްޓްމަންޓް ފުޅާކުރުމަށްޓަކައި "ބްރިކްސް ސްޕެޝަލް އިކޮނޮމިކް ޒޯން" ޕާޓްނާޝިޕެއް އެކުލަވާލުމަށާއި، އަންނަ އަހަރު ޗައިނާގައި "ބްރިކްސް ސާވިސް ޓްރޭޑް ފޯރަމް" އެއް ބޭއްވުމަށް ވެސް އޭނާ ވަނީ ހުށަހަޅުއްވާފައެވެ.

ޝީ ފާހަގަކުރެއްވި ގޮތުގައި، ސަޕްލައި ޗެއިންތައް ހަރުދަނާކޮށް، ގުޅިފައިވާ ބާޒާރެއް އުފެއްދުމަކީ މި ޖަމާއަތުގެ ކުރިމަގަށް މުހިންމު ކަމެކެވެ. އަދި ސަގާފީ ސިނާއަތްތައް ޒަމާނީކޮށް، ކުރިމަގުގެ ޓެކްނޮލޮޖީތަކަށް އިންވެސްޓްކުރުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.

މި ސަމިޓުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވި ގޮތުގައި، ބްރިކްސްގެ ތެރެއިން ނެރޭ ހައްލުތަކަކީ ހަމައެކަނި އެ ޖަމާއަތުގެ ގައުމުތަކަށް ޚާއްސަ ކަންކަމުގެ ބަދަލުގައި، މުޅި ގްލޯބަލް ސައުތުގެ ގައުމުތަކަށް ވެސް ބޭނުންކުރެވޭނެ ފަދަ ކަންކަމަށް ވާންޖެހޭނެއެވެ. އަދި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވީ، ބްރިކްސްއަކީ އިންސާފުވެރި އަދި ގިނަ ބާރުތައް އެކުލެވޭ (މަލްޓިޕޯލާ) ދުނިޔެއެއް ބިނާކުރުމަށް އޮތް އެންމެ މުހިންމު އެއް ބާރު ކަމަށެވެ. އަދި ގައުމުތަކުގެ އިގުތިސާދީ ފައިދާތައް އެއްކޮށްލައިގެން ކުރިއަށް ދިއުމަށް އޭނާ ގޮވާލެއްވިއެވެ.

ފާއިތުވި ވިހި އަހަރުގެ ތެރޭގައި ބްރިކްސް ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. އެމެރިކާގެ ނުފޫޒު އޮންނަ ދުނިޔޭގެ ނިޒާމު ބަދަލުކުރުމުގެ މަގުސަދުގައި އުފެއްދި މި ޖަމާއަތުގެ އަސްލު މެންބަރުން ކަމަށްވާ ބްރެޒިލް، ރަޝިޔާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާގެ އިތުރުން، މިހާރު އީރާން، އިންޑޮނޭޝިއާ، މިސްރު، އިތިއޯޕިއާ އަދި ޔޫއޭއީ ވަނީ އެ ޖަމާއަތާ ގުޅިފައެވެ. މީގެ އިތުރުން އޭޝިއާ، އެފްރިކާ، ލެޓިން އެމެރިކާ އަދި މެދުއިރުމަތީގެ 10 ގައުމަކުން ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެއެވެ.

މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައި ބޭއްވި މި ސަމިޓުގައި، ހަމަނުޖެހުންތައް ކުޑަކުރުމަށް ގޮވާލައި ގައުމުތަކުން ވަނީ ގުޅިފައިވާ ގަރާރެއް ފާސްކޮށްފައެވެ. އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަމަލާބަދަލުކުރުންތަކާއި، އީރާނުގެ ތާއީދު އޮންނަ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވާ މި ގަރާރަށް އީރާނާއި ޔޫއޭއީން ވެސް ވަނީ ތާއީދުކޮށްފައެވެ.

ސަމިޓުގެ ހަވާސާގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވަނީ އަބޫދާބީގެ ވަލީއަހުދާ ބައްދަލުކުރައްވާފައެވެ. މިއީ މެދުއިރުމަތީގެ ފަހުގެ ހަމަނުޖެހުންތައް ފެށުނު ފަހުން މި ދެ ގައުމުގެ އެންމެ އިސް ފެންވަރުގައި ބޭއްވި ފުރަތަމަ ބައްދަލުވުމެވެ. ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ސަރަހައްދީ ސުލްހަ ގާއިމުކުރުމާއި ހަމަޖެހުން ގެނައުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

comment ކޮމެންޓް