ނިއުދުއްލީ (13 ސެޕްޓެމްބަރު 2026) : ބްރިކްސްގެ ގައުމުތަކުގެ މެދުގައި ހިނގާ ވިޔަފާރީގެ މުއާމަލާތްތަކުގައި އެ ގައުމުތަކުގެ ފައިސާ ބޭނުންކުރުން އިތުރުކުރުމަށާއި އެމެރިކާ ޑޮލަރަށް ޑިޕެންޑްވާ މާލީ ނިޒާމަށް ބަރޯސާވުން ކުޑަކުރުމަށް އިންޑިއާގައި ކުރިޔަށްދާ އެޖަމާއަތުގެ ސަމިޓުން ނިންމައިފިއެވެ.
ބްރިކްސްއިން ނެރުނު ގުޅިފައިވާ ބަޔާން ބުނާގޮތުން ބްރިކްސް ގެ ގައުމުތަކުގެ މެދުގައި ހިނގާ ވިޔަފާރީގެ މުއާމަލާތްތަކުގައި އެގައުމުތަކުގެ ފައިސާ މިހާރުވެސް ފުޅާދާއިރާއެއްގައި ބޭނުންކުރާއިރު އެޖަމާއަތުގެ ގައުމުތަކަށް ޚާއްސަ ފައިސާއެއް ނެރުމަށް ވާންޖެހޭ ތައްޔާރީތައްވެސް ދަނީ ވަމުންނެވެ.
ބްރިކްސްގެ ބަޔާނުގައި ދުނިޔޭގެ ވިޔަފާރީގެ މިނިވަންކަމަށް ހުރަސްއެޅުމަށް އެމެރިކާ އަޅަމުންގެންދާ ޓެރިފްގެ ފިޔަވަޅުތައް ވަނީ ކުށްވެރިކޮށްފައެވެ. ޓެރިފްގެ ފިޔަވަޅުތަކަކީ ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަންގެ އުސޫލުތަކާ ޚިލާފު ކަމެއްކަމަށާ އެކަމުގެ ސަބަބުން ވިޔަފާރީގެ ހަނގުރާމައަކަށް މަގުފަހިވެ ތަކެތީގެ އަގުބޮޑުވަމުންދާކަމަށްވެސް ބުނެފައިވެއެވެ.
ބްރިކްސްގެ ސަމިޓްގެ އަރިމަތީގައި އެޖަމާއަތުގެ ލީޑަރުން އަތާއި އަތް ގުޅުވާލައިގެން އެމެރިކާ ގެންދަނީ ދުނިޔޭގެ ގައުމުތަކުގެ އުފެއްދުންތަކާ ދެކޮޅަށް އެއްވެސް އުސޫލެއްނެތި ޓެރިފްގެ ފިޔަވަޅުތައް އަޅަމުންނެވެ. މިކަމަށް ބަދަލުހިފުމުގެ ގޮތުން ދުނިޔޭގެ ގައުމުތަކުންވެސް ގެންދަނީ އެމެރިކާގެ އުފެއްދުންތަކާ ދެކޮޅަށް ޓެރިފްގެ ފިޔަވަޅުތައް އަޅަމުންނެވެ. ނަތީޖާއަކީ އެމެރިކާއާއި ދުނިޔޭގެ ގައުމުތަކާ ދެމެދު ހިނގާ ވިޔަފާރީގެ މުއާމަލާތްތައް މަދުވާން ފެށުމެވެ. މީގެއިތުރުން ތަކެތީގެ އަގުތައް ބޮޑުވެ އިންފްލޭޝަން މައްޗަށް ދިޔުމެވެ.
ބްރިކްސް އިން ވަނީ ސިޔާސީ މަގްސަދުތައް ހާސިލް ކުރުމަށްޓަކައި ގައުމުތަކާ ދެކޮޅަށް އިގްތިސާދީ އަދި ވިޔަފާރީގެ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެމެރިކާ ގެންގުޅޭ ހަރުކަށި ސިޔާސަތުތައްވެސް ކުށްވެރިކޮށް އެފިޔަވަޅުތަކުގައި ބައިވެރިނުވުމަށް އެޖަމާޢަތުން ގޮވާލާފައެވެ. ނަމަވެސް އެމެރިކާގެ ނަން ސީދާ ގޮތެއްގައި ބުނެފައެއް ނުވެއެވެ.
ބްރިކްސް ސަމިޓްގެ އަރިމަތީގައި ބޭއްވި އެޖަމާއަތުގެ ބިޒިނަސް ފޯރަމްބްރިކްސްގެ ސަމިޓްގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވަނީ ބްރިކްސްގެ ގައުމުތަކުގެ މަރުކަޒީ ބޭންކްތަކުގައި ބޭނުންކުރާ ޑިޖިޓަލް ކަރަންސީ ގެ ވަކިވަކި މުއާމަލާތްތައް ބްރިކްސްގެ ހުރިހާ މަރުކަޒީ ބޭންކްތަކާ ގުޅުވާލުމަށް ގޮވާލައްވާފައެވެ. މޯދީގެ މި ގޮވާލެއްވުމަށް ބްރިކްސްގެ އެހެން ގައުމުތަކުން ތާއީދުކުރުމާއެކު ވަރަށް އަވަހަށް މިކަން ތަންފީޒުވެގެންދާނެކަމަށް ބްރިކްސްގެ ބަޔާން ބުނެއެވެ.
މިކަމުގެ ސަބަބުން އެމެރިކާ ކޮންޓްރޯލްކުރާ ސްވިފްޓް ނިޒާމް ބައިޕާސްކޮށް އެނިޒާމުން ބޭރުގައި ޑިޖިޓަލް ކަރަންސީ ގެ މުއާމަލާތްތައް ހިންގައި އޭގެ އެހީގައި ބްރިކްސްގެ ގައުމުތަކުގެ މެދުގައި ވިޔަފާރީގެ ޕޭމަންޓްސް ބަދަލުކުރުމުގެ ފުރުސަތު ވަރަށް ފުޅާދާއިރާއެއްގައި ހުޅުވިގެން ދާނެއެވެ. އަދި ސްވިފްޓް ނިޒާމުން ބޭރުގައި އެއްގައުމު އަނެއްގައުމުން ގަންނަ މުދަލަށް ޑިޖިޓަލް ކަރަންސީން އަގުދެއްކުމުގެ ފުރުސަތު ތަނަވަސްވާނެއެވެ. މިއީ އެމެރިކާ ކޮންޓްރޯލް ކުރާ ސްވިފްޓް ނިޒާމު ބަލިކަށިވުމަށް މަގުފަހުވެގެންދާނެކަމެއް ކަމަށް މުހައްލިލުން ވިދާޅުވެއެވެ.
ބްރިކްސް ޖަމާއަތަކީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ދުނިޔޭގެ އިގްތިސާދާއި ވިޔަފާރީގެ ނިޒާމު ކޮންޓްރޯލް ކުރަމުންދާތީ އޭގެބަދަލުގައި ކުރިއަރަމުން އަންނަ ގައުމުތަކުގެ ދައުރު ދުނިޔޭގެ މާލީ، އިގްތިސާދީ އަދި ވިޔަފާރީގެ ނިޒާމުގައި ފުޅާކޮށް ހުޅަނގުގެ ކޮންޓްރޯލުން ދުނިޔޭގެ އިގްތިސާދު މިނިވަން ކުރުމަށް މަސައްކަތްކުރާ ޖަމާއަތެކެވެ.
މިޖަމާއަތުގައި ހިމެނެނީ ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އޭޝިއާ، އެފްރިކާ އަދި ލެޓިން އެމެރިކާގެ ގައުމުތަކެވެ. ބްރިކްސް ގެ ސަމިޓް މިބޭއްވީ އެޖަމާއަތުގެ ގައުމެއްކަމަށްވާ އީރާން އިގްތިސާދީ ގޮތުން އިނދަޖައްސާލުމަށްޓަކައި އެމެރިކާއިން އީރާނާ ދެކޮޅަށް އިގްތިސާދީ ހަނގުރާމައެއް އިއުލާންކޮށް އަދި އަސްކަރީ އުދުވާނީ ހަނގުރާމައެއް ފަށައިގެން ކުރިޔަށް ގެންދާ ދަނޑިވަޅެއްގައެވެ. ބްރިކްސްގެ ބަޔާނުގައި އެމެރިކާގެ ނަން ސީދާ ގޮތެއްގައި ނުބުނެ އެމެރިކާގެ މިއަމަލުތައްވަނީ ކުށްވެރިކޮށްފައެވެ.