އެތައް އަހަރެއް ވަންދެން އެންމެ ގާތް ދެ ރަޙުމަތްތެރިން: ޑީއެންއޭ ޓެސްޓަކުން އެއީ ދެބެންކަން ހާމަވެއްޖެ

މީނާ ގެލްޓިންކް، 43، އާއި މިނާލް ޓިޖްސެން، 44،

އިންޑިއާއިން އެޑޮޕްޓްކޮށްގެން ނެދަލޭންޑްސްގެ ދެ އާއިލާއަކުން ބޮޑުކުރި ދެ އަންހެނުންނަކީ އެއްބަނޑުއެއްބަފާ ދެބެންކަން ޑީއެންއޭ ޓެސްޓަކުން ހާމަވެއްޖެއެވެ. މީނާ ގެލްޓިންކް، 43، އާއި މިނާލް ޓިޖްސެން، 44، އަކީ 1980 ގެ އަހަރުތަކުގެ ކުރީކޮޅު އިންޑިއާގެ މުމްބާއީގެ ދެ ޔަތީމުޚާނާއަކުން ނެދަލޭންޑްސްގެ ދެ އާއިލާއަކުން އެޑޮޕްޓްކުރި ދެ ކުދިންނެވެ.

މި ދެ މީހުންނަށް ފުރަތަމަ ބައްދަލުވީ ފުރާވަރުގެ އުމުރުގައި، އެޑޮޕްޝަން އޭޖެންސީއަކުން ބޭއްވި ހަރަކާތަކުންނެވެ. އެ ދުވަހުވެސް ދެ މީހުންގެ ސިފަތަކާއި ހަރަކާތްތައް އެއްގޮތްކަން ފާހަގަކުރެވުނު ކަމަށް މީނާ ބުންޏެވެ. އެގޮތުން، ދެ މީހުންގެ ނޭފަތާއި ހިނިތުންވުން އެއްގޮތްކަން ރައްޓެހިންނަށްވެސް ފާހަގަވި ކަމަށް އޭނާ ކިޔައިދިނެވެ. އެއަށްފަހު ދެ މީހުން ފޯނު ނަންބަރު ބަދަލުކޮށް، އެތައް އަހަރެއް ވަންދެން ސިޓީ ބަދަލުކޮށް، ގާތް ރަހުމަތްތެރިކަމެއް ބޭއްވިއެވެ. ނަމަވެސް މީގެ 15 އަހަރު ކުރިން، މިނާލް ފަރަންސޭސިވިލާތަށް ބަދަލުވެ، މީނާއަށް ފުރަތަމަ ދަރިފުޅު ލިބުމާ ގުޅިގެން ދެ މީހުންގެ ގުޅުން ކެނޑުނެވެ.

މީނާ 2017 ވަނަ އަހަރު ޑީއެންއޭ ޓެސްޓެއް ހެދި ނަމަވެސް، އޭރު އާއިލާގެ އެއްވެސް މީހަކު ނުފެނުނެވެ. އޭގެ ފަހުން ފޯނުގެ ސްޓޯރޭޖް ފުރިގެން އޭނާ ވަނީ އެ އެޕްލިކޭޝަން ޑިލީޓްކޮށްފައެވެ. ނަމަވެސް މި އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހު ފޭސްބުކް މެދުވެރިކޮށް މިނާލްގެ މެސެޖެއް މީނާއަށް ލިބުނެވެ. އޭޕްރީލް މަހު ނެދަލޭންޑްސްގައި ތިބި އޭނާގެ މައިންބަފައިންގެ ގާތަށް ކުރި ޒިޔާރަތެއްގައި މިނާލް ހެދި ޑީއެންއޭ ޓެސްޓުގެ ނަތީޖާގެ ސްކްރީންޝޮޓަކާއެކު ފޮނުވި އެ މެސެޖާ ގުޅިގެން މީނާ އަލުން އެޕްލިކޭޝަން އިންސްޓޯލްކުރިއެވެ. ނަތީޖާއިން ދެއްކި ގޮތުގައި އެ ދެ މީހުންނަކީ 100 އިންސައްތަ އެއްބަނޑުއެއްބަފާ ދެބެންނެވެ.

ޑީއެންއޭ ޓެސްޓުން އެއީ ދެބެންކަން އެނގުމަށްފަހު، މިދިޔަ އޮގަސްޓް މަހު ނެދަލޭންޑްސްގެ ސް-ހެރްޓޮގެންބޮޝްގައި ދެ މީހުން ވަނީ ބައްދަލުކޮށްފައެވެ. ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ބައްދަލުވުމުގައި ދެ މީހުން ވަނީ އުފަލުން ރޮއި، ބައްދާލައި، އެކުގައި ފުރަތަމަ ސެލްފީ ނަގާފައެވެ.

ތިން ކުދިންގެ މަންމައެއް ކަމަށްވާ މީނާ ބުނި ގޮތުގައި، އެއީ އަމިއްލަ ގެއަށް އާދެވުން ފަދަ އިހުސާސެއް ކުރެވުނު ވަގުތެކެވެ. އަދި ފަރަންސޭސިވިލާތުގައި ބައިވެރިޔާއާއި ދެ ފިރިހެން ކުދިންނާއެކު ދިރިއުޅެމުން އަންނަ މިނާލް ބުނީ، އެމީހުންނަކީ ކުރިންވެސް ދެބެން ކަމަށާއި، ނަމަވެސް އެކަން ކުރިން ނޭނގުނީ ކަމަށެވެ.

މީނާގެ އާއިލާ ހޯދުމަށް މީގެ ކުރިންވެސް މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން 2003 ވަނަ އަހަރު އުމުރުން 19 އަހަރުގައި، އޭނާ ބޮޑުކުރި މައިންބަފައިންނާއި ގޯއާއިން އެޑޮޕްޓްކޮށްފައިވާ އޭނާގެ ބޭބެއާއެކު މުމްބާއީގެ ޔަތީމުޚާނާއަށް ޒިޔާރަތްކުރިއެވެ. ނަމަވެސް އޭނާގެ އުފަން މައިންބަފައިންގެ އެއްވެސް މައުލޫމާތެއް ޔަތީމުޚާނާއިން ހާމަކޮށްފައެއް ނުވެއެވެ.

މީނާ ބުނި ގޮތުގައި، މިހާރު އޭނާއާއި މިނާލް ކޮންމެ ދެ ދުވަހަކުން އެއް ދުވަހު ވާހަކަދައްކައެވެ. އަދި ކުރިއަށް އޮތް ތާނގައި ދެ މީހުން އެކުގައި އިންޑިއާއަށް ގޮސް، މުމްބާއީގެ މަގުތަކުގައި ހިނގާލުމަކީ ދެ މީހުންވެސް ކުރަން ބޭނުންވާ ކަމެއް ކަމަށް މީނާ ވަނީ ބުނެފައެވެ.

comment ކޮމެންޓް