ކުރިއަރަމުން އަންނަ އިގްތިޞާދުތަކާއި ތަރައްގީވަމުން އަންނަ ޤައުމުތަކުގެ މެދުގައި އޮތް އެންމެ ނުފޫޒުގަދަ އެއްބާރުލުމުގެ މަންސައަކީ ބްރިކްސް ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން މިއަދު ވިދާޅުވެއްޖެއެވެ.
ޗައިނާގެ ޝިއަންހުއާ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރައީސް ޝީ މިހެން ވިދާޅުވީ އިންޑިއާގެ ނިއުދިއްލީގައި މިއަދު ފެށި 18 ވަނަ ބްރިކްސް ސަމިޓުގެ ފުރަތަމަ ސެޝަންގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި އަހަރަކީ ބްރިކްސްގެ އެއްބާރުލުމަށް 20 އަހަރު ފުރޭ މުނާސަބަތުކަން ފާހަގަކުރައްވަމުން ޝީ ވިދާޅުވީ، ވޭތުވެދިޔަ 20 އަހަރަކީ މެންބަރު ގައުމުތަކުން އަމިއްލަ ބާރާއި ވަސީލަތްތަކުގެ މައްޗަށް ބިނާވެ، ބައިނަލްއަގްވާމީ މާލީ ކާރިސާއާއި، ކޮވިޑް-19 ގެ ބަލިމަޑުކަމާއި އަދި މޫސުމަށް އަންނަ ބަދަލުތަކާ އެކުގައި ކާމިޔާބުކަމާއެކު ކުރިމަތިލީ ދުވަސްތަކެއް ކަމަށެވެ.
އަދި ބްރިކްސްގެ މި ދަތުރަކީ ތަރައްގީވަމުން އަންނަ ގައުމުތަކުގެ މަސްލަހަތު ހިމާޔަތްކޮށްދީ، ދުނިޔެއަށް ހަމަޖެހުން ގެނެސްދިން ދަތުރެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޝީގެ ވާހަކަފުޅުގައި، ދުނިޔޭގެ މަސްރަޙަށް އަންނަ އަވަސް ބަދަލުތަކާއެކު، ވަކިވަކި ފަރާތްތަކުގެ ބާރުގަދަކުރުން ނުވަތަ ޔުނިލެޓަރަލިޒަމާއި، ސިޔާސީ ގޮތުން ނުފޫޒު ފޯރުވުމުގެ ނުރައްކާ އިތުރުވަމުންދާކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، ބައިނަލްއަގްވާމީ ނިޒާމު އިންސާފުވެރިކުރުމަށާއި، އިންސާނިއްޔަތު ހިއްސާވާ މުސްތަގްބަލެއް ބިނާކުރުމަށް ބްރިކްސްގެ ގައުމުތަކުން އިސް ސަފުގައި މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށާއި، ޗައިނާއިން ހުށަހަޅާ އޭއައި މެދުވެރިކޮށް ސިނާއީ އައު އީޖާދުތައް ތަރައްގީކުރުމުގެ މަޝްރޫއުގައި ބައިވެރިވުމަށް އެމަނިކުފާނު ދަޢުވަތު ދެއްވިއެވެ. އަދި ދުނިޔޭގެ ސުލްހަމަސަލަސްކަން ގާއިމުކުރުމުގައި، އެހެން ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތަށް އިޙްތިރާމްކުރުމަށާއި، ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް ގޮވާލެއްވިއެވެ.
ޚާއްޞަކޮށް މެދުއިރުމަތީގެ ޙާލަތަށް އަލިއަޅުއްވާލައްވަމުން ޝީ ވިދާޅުވީ، ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސަރަޙައްދުގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލައި، ސިޔާސީ ޙައްލެއް ހޯދުމަށް ޗައިނާއިން ހުށަހަޅާފައިވާ ހަތަރު ކަންތަކުގެ މައްޗަށް ބިނާކޮށް، ދާއިމީ ސުލްޙައަކަށް ވާސިލުވުމަށް އެންމެހައި ފަރާތްތަކަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
އަންނަ އަހަރު ބާއްވާ 19 ވަނަ ބްރިކްސް ސަމިޓްގެ ރިޔާސަތު ބަލަހައްޓާނީ ޗައިނާއިންނެވެ. ޝީ ވިދާޅުވީ، ބްރިކްސްގެ ތިންވަނަ "ރަން ދަހަރު" ކާމިޔާބުކަމާއެކު ފެށުމަށް ހުރިހާ ގައުމަކާއެކު މަސައްކަތްކުރަން ޗައިނާ އޮތީ ތައްޔާރަށް ކަމަށެވެ.