އާލިއާ ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާ ފިލްމު 'ޑޯންޓް ބީ ޝައި'ގެ ޓްރެއިލާ އާންމުކޮށްފި

އިންޑިއާގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް އާއި އޭނާގެ ދައްތަ ޝާހީން ބަޓް ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ އާ ފިލްމު "ޑޯންޓް ބީ ޝައި"ގެ ޓްރެއިލާ އާންމުކޮށްފިއެވެ. މި ފިލްމަކީ ސިނަމާތަކުގައި އަޅުވާ ގޮތަށް ހަމަޖެހިފައިވާ ފިލްމެއް ނޫނެވެ. އޭގެ ބަދަލުގައި މި ފިލްމު ރިލީޒްކުރުމަށް ނިންމާފައި ވަނީ އެމެޒޯން ޕްރައިމް ވީޑިއޯ މެދުވެރިކޮށް މި މަހުގެ 25 ވަނަ ދުވަހުއެވެ.

ރޮމޭންޓިކް ކޮމެޑީއެއްގެ ގޮތުގައި ތައްޔާރުކޮށްފައިވާ "ޑޯންޓް ބީ ޝައި"ގެ ލީޑު ރޯލުތަކުން ފެނިގެންދާނީ މުޅިން ވެސް އާ މޫނުތަކެކެވެ. އޭގެ ތެރޭގައި އާރޫޝީ ބަޖާޖާއި، ބިއަންކާ އަރޯރާ، ޕިޔޫޝް ޚާތީގެ އިތުރުން އަންޝް ޑުއްގަލް ހިމެނެއެވެ. ސްރީތީ މުކަރްޖީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އާލިއާގެ އަމިއްލަ ފިލްމު ކުންފުނި އެޓާނަލް ސަންޝައިން ޕްރޮޑަކްޝަނާއި ޗޯކްބޯޑް އެންޓަޓައިންމަންޓް ގުޅިގެން، އެމެޒޯން ޕްރައިމްއަށް އުފެއްދި ފިލްމެކެވެ.

"ޑޯންޓް ބީ ޝައި"ގެ ޓްރެއިލާ ރިލީޒްކުރުމަށް ބޭއްވި ހަފްލާގައި އާލިއާ އަދި ޝާހީން އެ ފިލްމުގެ ކާސްޓުންނާ އެކު--ފޮޓޯ/ފޭސްބުކް

މަޝްހޫރު އެކްޓަރު ރަންބީރް ކަޕޫރްގެ އަންހެނުން، އަދި ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ ބަތަލާ އާލިއާ ޕްރޮޑިއުސަރެއްގެ ގޮތުގައި އާ ފިލްމެއް ނެރެން ތައްޔާރުވަމުން އަންނައިރު، އޭނާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ޖުލައި މަހު ވައިއާރްއެފްގެ ސްޕައި ޔުނިވާސްއިން އުފެއްދި އެކްޝަން ތުރިލާ "އަލްފާ"އިންނެވެ.

އާލިއާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ކުރިއަށް އޮތް ޖެނުއަރީ މަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ، ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ލަވް އެންޑް ވޯ"އިންނެވެ. އެ ފިލްމުގެ ލީޑު ކާސްޓުގައި އާލިއާއާއެކު ފެންނާނީ ރަންބީރު ކަޕޫރާއި ވިކީ ކޯޝަލްއެވެ.

އާލިއާ މިހާތަނަށް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ފިލްމުތަކުގެތެރޭ، 2022 ވަނަ އަހަރުގެ ޑާކް ކޮމެޑީ ޑްރާމާ "ޑާލިންގްސް"، އެމެޒޯން ޕްރައިމްއަށް އުފެއްދި 'ޕޯޗާ" އަދި 2024ގައި ރިލީޒްކުރި ފިލްމު "ޖިގްރާ" ހިމެނެއެވެ.

comment ކޮމެންޓް